Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އެމްއާރްއެމް ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްއާރްއެމް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ 3313 ފޯމާއެކުއެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް ދީފައެވެ.

ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ.

އާ ޕާޓީއެއް އުފެއްދުމަށް މައުމޫން ނިންމެވީ އެމަނިކުފާނު މީގެކުރިން އުފެއްދެވި ޕީޕީއެމް އަލުން އަނބުރާ ލިބޭނެ ކަމުގެ އުއްމީދު ކުޑަވުމާ ގުޅިގެންނެވެ. ޕީޕީއެމްގެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއެވެ.

އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެކުރިން މައުމޫން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕީއެމް އުފައްދަވާފައެވެ.