Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މެެމްބަރުންގެ ކޮށްތައް ސަރުކާރުން ކުރާ ހޭދަ އުވާލަން ތާއީދު: ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮށްތައް ސަރުކާރުން ކުރާ ހަރަދު ނިމުމަކަށް ގެންނަން ތާއީދުކުރައްވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ކޮންމެ މެމްބަރެއްގެ ކޮއްތަށް 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންކަމުން ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެމްބަރުންގެ ކޮއްތަށް 13909.56 ރުފިޔާ ހަރަދު ކުރެއެވެ. މަޖިލީހުގެ ޖަލްސާތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ބޮޑު މުސާރައެއް ލިބޭ މަޖިލީހުގެ މެމްބަރުންގެ ކޮއްތުގެ ކަންކަން ހަމަޖެއްސުމަށް ދައުލަތުން ހަރަދުތަކެއް ކުރާތީ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވާއިރު އެކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ މެެމްބަރުންގެ ކޮށްތު ސަރުކާރުން ކުރާ ހަރަދެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ.

ރިޔާޒު މިހެން ވިިދާޅުވިއިރު މަޖިލީހުގެ މެމްބަރުންނަށް ކޮއްތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކަށް ފެންނަނަމަ އެކަމަށް ވެސް މަޖިލީހުގެ ތެރެއިން ހައްލު ހޯދި ދާނެ ކަމަށް އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.