Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެވެރެސްޓް ސަރަހައްދުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަނާ ކޮށްފި

ނޭޕާލްގެ މައުންޓް އެވެރެސްޓް ސަރަހައްދުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ގެންގުޅުން މަނާކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ އެވަރެސްޓަށް އަރަން ދާ ފަރާތްތަކުން އެތަނަށް ގޮސް އެތަނަށް އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުންނެވެ.

ޖެނުއަރީ 2020 އިން ކުމްބޫ ޕަސަންގ ލަމޫ މުނިސިޕަލްޓީގައި އަމަލު ކުރަން ފެށޭ މިޤަވައިދުގެ ދަށުން 30 މައިކްރޮންސް އަށްވުރެ ކުޑަ ހުރިހާ ޕްލާސްޓިކަކާއި ހުރިހާ ވައްތަރެއްގެ ޕްލާސްޓިކް ފެންފުޅި އެސަރަހައްދުގައި ގެންގުޅުން މަނާވާނެއެވެ. ނަމަވެސް އަދި މި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅިފައި ނުވެއެވެ.

މި ޤަވައިދު ތަންފީޒުކުރުމުގެ ގޮތުން އެވަރެސްޓަށް މީހުން އަރަން މެދުވެރިވާ ކުންފުނި ތަކާއި، އެއަރލައިން ތަކުގެ އިތުރުން ނޭޕަލްގެ މައުންޓެނިއަރިން އެސޯސިއޭޝަނުން ގުޅިގެން މަސައްކަތް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ.

ކުމްބު ޕަސަންގ ލަމޫ އަށް ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. މިއަހަރުގެ ފަރުބަދައަށް އަރާ ދުވަސްވަރުގައި އެކަނިވެސް 885 މީހުން ވަނީ މައުންޓް އެވަރެސްޓަށް އެރުމުގެ މަސައްކަތްކޮށްފައެވެ. އަދި މިހާތަނަށް މައުންޓް އެވަރެސްޓުން ވަނީ 11 ޓަނުގެ ކުނި ސާފު ކުރެވިފައެވެ.