Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ވޮޑުމުލާ ކިޔާ ރަށެއް އޮންނަކަން ވެސް ނޭނގޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ގއ. ވޮޑުމުލާ ކިޔާ ރަށެއް އޮންނަކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީއާއެކު ހެދުނު އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީއެވެ. އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީން ވޮޑުމުލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދީގެން ލިބުނު ފައިސާއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޒިޔަތު ވިދާޅުވީ ވޮޑުމުލާ ކުއްޔަށް ދީގެން އެއް މިލިއަން ޑޮލަރު ލިބުނު ކަމަށާއި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ސީދާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހަވާލުކުރަން ރައީސް ޔާމީން އޭނާ އަށް އަންގަފާއިވާ ކަމަށެވެ.

ނަމަވެސް ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ އަދީބު މާލޭގައި ނޫޅުއްވާތީ ހަވާލުކުރީ އެސްއޯއެފް ކުންފުނީގެ ފަރާތަކާއި ކަމަށާއި ނަމަވެސް އެ ފައިސާއަށް ފަހުން ވީގޮތެއް ނޭނގޭ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އަދި ވޮޑުމުލާ ކުއްޔަށް ދެވުނު ދުވަސްވަރު އިތުރު އެއްވެސް ރަށެއް ކުއްޔަށް ދޫކޮށްގެން އެއް މިލިއަން ޑޮލަރު ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރާ ބައެއް ރަށްތަކުގެ ކަންކަން ކުރަނީ ރައީސް ޔާމީން އަންގަވާ ގޮތަށް ކަމަށާއި އެމްއެމްޕީއާރްސީން ކުއްޔަށް ދޫކުރާ ހުރިހާ ރަށެއްގެ މައުލޫމާތު ވެސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ވޮޑަމުލާގެ ކަންކަމުގައި ވެސް ޔާމީން މަޝްވަރާ ކުރެއްވި ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު މިގޮތަށް ވިދާޅުވި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ވޮޑަމުލާ އަކީ ކޮން ރަށެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"ވޮޑަމުލާ އަކީ އޮންނަ ރަށެއްކަން ވެސް ނޭނގޭ. އަޅުގަނޑަށް މި ޝަރީއަތުގެ މަޖިލީހުން ވޮޑަމުލާ ކިޔާ ތަނެއް ވެސް އެނގެނީ" ޔާމީން ވިދާޅުވިއެވެ.

ޔާމީންއާ ފޯނުން މުއާމަލާތް ކުރެއްވި ކަމަށް ޒިޔަތު ވިދާޅުވި ނަމަވެސް އެ ވާހަކަތަށް ވެސް ޔާމީން ވަނީ ދޮގު ކުރައްވާފައެވެ. އެގޮތުން ޔާމީން ވިދާޅުވީ ޒިޔަތާ ބައްދަލުވީ ވެސް އެންމެ ފަހަރަކު ކަމަށާއި އެއީ ފުލުހުންގެ ތަހުގީގެއްގައި ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަތުގެ ހެކިބަސް ނަގައި ނިންމާފައިވާއިރު، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.