Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

މައުމޫން ފައިސާ ހޯއްދެވީ މަކަރުން، ފުލުހަށް ހާޒިރުކުރަންޖެހޭ: ޖާބިރު

މައުމޫން އަދި ޖާބިރު

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާ އަނބުރާ ޖާބިރަށް ހަވާލު ކޮށްފައި ނުވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ޖާބިރު ފުލުހުންގެ އިދާރާއަށް މިއަދު ހުށަހަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޖާބިރު ފޮނުއްވެވި ސިޓީއެއްގައި ވަނީ އެ ރުފިޔާ މައުމޫން ހޯއްދަވާފައި ވަނީ މަކަރާއި ހީލަތުން ކަމަށެވެ. އަދި އެ ފައިސާ ނެންގެވުމަށްފަހު ޖާބިރު އަތުން އެއްވެސް ފައިސާ ނުނަންގަވާ ކަމަށް ވިިދާޅުވެ އިތުރުފުޅުއް ހައްދަވާފައިވާ ކަމަށްވެސް ޖާބިރު ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައިވެއެވެ.

އެހެންކަމުން މި މައްސަލާގައި މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވާ މައްސަލާގައި ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ. ޖާބިރު ވަނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހެކިވެސް ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ގާތްވެފައި ވަނިކޮށް ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި މައުމޫން ރިފޯމް މޫވްމެންޓްގެ ހީވާގި ޓީމަށް، އަބްދުﷲ ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.