Last Updated: March 28, 17:47
Thursday, March 28, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ހަތަރުވަނަ ބައި)

ޒީޝާން އަވަސް އަވަހަށް އޭނަގެ ލޮލުގައިހުރި ކަރުނަތައް ފުހެލަމުން ސާރާގެ ފަހަތުން ހިނގައިގަތެވެ. ފާޚާނާއަށް ވަދެވުމާއެކު ޒީޝާންގެ ބަޑިފަޅައިގެން ދިޔައެވެ.

މިހުރިހާ ދުވަހު އޭނާއަށް މިދުވެވުނީ އަވާމެންދުރެއްގެ ފަހަތުން ހެއްޔެވެ. ޒަލަފްއަކީ ހަމައެކަނި އޭނާއަށް ކެއްކުނު ޚިޔާލީ ފޮލާއެއްކަމެއް އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެހާބޮޑު އޮޅުވާލުމެއް މީހަކު އޭނާއަށް އޮޅުވާލަފާނެ ކަމުގައި ފަހަރެއްގައިވެސް އޭނައަށް ހީކުރެވިފައެއްނެތެވެ. ނަމަވެސް އަދިވެސް އޭނާ އެކަން ޔަޤީންކުރަން ބޭނުމެވެ. ޒަލަފްގެ ދުލުން އެއީ ހަޤީޤަތެކޭ ނުބުނާހާ ހިނދަކު އޭނާގެ ހިތް އެކަން ގަބޫލެއް ނުކުރާނެވެ. ޒީޝާން ލޮލުން ކަރުނަ ފުހެލުމަށްފަހު އޭނާގެ ޖީބުން ފޯނުނެގިއެވެ. ޒަލަފް އެންމެފަހުން އޭނާއަށް ގުޅިނަމްބަރަށް ޑައަލްކޮށްލިއެވެ. ދެތިން ފަހަރު ގުޅިފަހުން ޒަލަފް ފޯނުނެގިއެވެ.

" ކީކޭ ލޯބީ؟…" ނިދިބަރުވެފައިވާ އަޑަކުން ޒަލަފް އަހާލިއެވެ.

" ކޮންތާކު؟.." ޒީޝާން އަހާލިއެވެ.

" ގޭގަ…ނިދަން މިއޮތީ؟…ކިހިނެއްވީ މިހާ ހެނދުނާ ތިގުޅީ؟…" އާފުރިލަމުން ޒަލަފް އަހާލިއެވެ.

" ހަމަ ހަނދާންވީމަ ގުޅާލީ….މިސްޔޫ.." ޒީޝާން ފޯނުކަނޑާލުމަށްފަހު ފާޚާނާއިން ނުކުތެވެ.

" ކޮބާ ހިނގާލަން ދާންވީނު؟…" ޝީޒާން ފެނުމާއެކު ސާރާ އަހާލިއެވެ.

" ޒާދު މިރަށުގަ އުޅޭތަ؟.." ޒީޝާން އަހާލިއެވެ.

" އާނ…ކުރިންޔެރަކު މެންދަމު އޭނައުޅޭ މަސްދޯނީގަ ރަށަށް އައީ….ބޮޑުދައިތަބުނީމަ މަށަށްވެސް އެނގުނީ…." ސާރާ ބުނެލިއެވެ.

" ހިނގާބަލަ އެގެއަށްދާން….އަހަރެންބޭނުން ހަމަމިހާރު އެގެއަށްދާން…" ޒީޝާން ބުނެލިއެވެ.

" ޒީ..ހަމަޖެހިބަލަ!..ތިހާ އަވަސްއަރުވާލާ އެއްޗެއްނޫން…ކުއްލިއަކަށް ގޮސް ނުދަންނަގެޔަކަށްވަދެ އޭނައާ ބައްދަލުކުރުން ރީއްޗެއް ނުވާނެދޯ…" ޝިޔާ ކަންބޮޑުވެފައި ބުނެލިއެވެ.

" އަހަރެން ނޫޅެން އެގެއަށްގޮސް ހަންގާމާ ކުރާކަން….ހަމައެކަނި އޭނާއަށް އަންގާލަން ބޭނުންވަނީ އަހަރެންނަށް އޭނާގެ ހަޤީޤަތް އެނގިއްޖެކަން…" ރުންކުރުގޮތަކަށް ޒީޝާން ބުނެލިއެވެ.

" އޯކޭ..ހިނގާ…އެކަމު ރުޅިއަޔަސް އަޑުގަދަނުކުރާތި!…އެގޭމީހުންގެ ކުރިމަތީގަ ދެބަސްނުވާތި!.." އަނެއްކާވެސް ޝިޔާބުނެލިއެވެ.

" މިގަޑީގަ އެނގޭގަ ނޫޅޭނެ މާގިނަމީހުންނެއް….ރާފިއުއާ ޒާދު އެކަނި އުޅޭނީ…ޒަލަފް ޑޮކްޓަރަށްދައްކަން ބޮޑުދައިތަވީ ގަމަށްގޮސް….އެހެންވީމަ ކިތަންމެ އަޑުގަދަކުރިޔަސް އިތުރުމީހަކަށް ނީވޭނެ…" ސާރާ އޮޅުންފިލުވައިދިނެވެ.

ސާރާދައްކަމުން ދިޔަމަގުތަކުން ހިނގަމުންގޮސް ތަންކޮޅެއް ވަލާއި ކައިރި ސަރަހައްދެއްގައި ހުރި ގެއެއްގެ ތެރެއަށް އެމީހުންވަނެވެ.
އެއީ އާދައިގެ ގޮތަކަށް އިމާރާތްކޮށްފައިވާ ގެއެކެވެ. ގޭގެ ފާރުތައްބާވެ ދިމަދިމާލުން ކުލަވެސްހުރީ ފައިބާފައެވެ.

" އާދޭ…ރާފިއުގެ ކޮޓަރީގަ އޭނަ އުޅޭނީ….އެހުރީއެންމެ އެކޮޅަށް އެކޮޓަރި…ގޮސް ދޮރުގަ ޓަކިޖަހާލަބަލަ….އަހަރެމެން ބޭރުގަ މަޑުކޮށްލާނަން…" ސާރާ އެތެރެއަށް އިޝާރާތްކޮށްލާފައި އެހެންބުނުމުން ޖެހިލުންވެހުރި ޒީޝާން އެތެރެއަށްވަނެވެ.

ސާރާދެއްކި ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި، ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި މަޑުމަޑުން ޓަކިދިނެވެ. އިރުކޮޅަކު މަޑުކޮށްލުމުންވެސް ޚަބަރެއް ނުވުމުން ތަންކޮޅެއްބާރަށް ދެފަހަރަކު ޓަކިޖަހާލިއެވެ. އެވަރުންވެސް ހިލަމެން ނުވުމުން ފޯނުނަގައި ޒަލަފްއަށް ގުޅާލިއެވެ. އެތެރޭން ފޯނުރިންގްވާ އަޑު އިވެންފެށުމުން ޒީޝާންގެ ހިތް އަވަސްވިއެވެ.

ސާރާދެއްކި ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި، ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި މަޑުމަޑުން ޓަކިދިނެވެ. އިރުކޮޅަކު މަޑުކޮށްލުމުންވެސް ޚަބަރެއް ނުވުމުން ތަންކޮޅެއްބާރަށް ދެފަހަރަކު ޓަކިޖަހާލިއެވެ. އެވަރުންވެސް ހިލަމެން ނުވުމުން ފޯނުނަގައި ޒަލަފްއަށް ގުޅާލިއެވެ. އެތެރޭން ފޯނުރިންގްވާ އަޑު އިވެންފެށުމުން ޒީޝާންގެ ހިތް އަވަސްވިއެވެ.

" ކީކޭ ދޫނީ…" ފޯނުނެގުމާއެކު ނިދިއަޑަކުން ޒަލަފް ބުނެލިއެވެ. ޒީޝާންއަށް ބުނަންވީ އެއްޗެއް ނޭނގިފައި އިރުކޮޅަލު ހިމޭނުން ހުރެވުނެވެ.

" މާވަރަކަށް މިސްވާ ދުވަހަކީތަ؟…އިރުއިރުކޮޅުން ތިގުޅަނީ؟…" ޒީޝާން ޖަވާބެއް ނުދިނުމުން އަނެއްކާވެސް ޒަލަފް ވާހަކަދެއްކިއެވެ.

" ޒަލް ކޮޓަރި ދޮރު ހުޅުވަބަލަ!….އަހަރެން މިހުރީ ދޮރުމަތީ.." އެންމެ ފަހުން ޒީޝާން ބުނެލިއެވެ.

" ކީކޭ….ކޮޓަރިއޭ…..ސަމާސާ ކުރަނީދޯ….އަހަރެންގެ ހިތްތަޅުވަންވެގެން…" ހީލަމުން ޒަލަފް އެހެންބުނީ ޒީޝާން ކުރަނީ ސަމާސާއެއް ކަމުގައެވެ.

" ނޫން…އަހަރެންނޭ މިޓަކިޖަހަނީ…" ޒީޝާން އެހެންބުނަމުން ދޮރުގައި ޓަކިދިނެވެ. އެއާއެކު ޒަލަފްއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ.

" ޒީ އަސްލުވެސް ތިހުރީ މިރަށުގަތަ؟…" ޔަޤީންނުވެފައި ޒަލަފް އަހާލިއެވެ.

" އާނއެކޭ…ދޮރުހުޅުވަބަލަ! އޭރުން ޔަޤީންވާނެ…" ޝީޒާން ބުނެލިއެވެ. ޒަލަފް ކަންފަތުގައި ފޯނުޖަހައިގެން އެހުރިގޮތަށް ހުރެ ދޮރުކައިރިއަށް ޖެހިލިއެވެ. އޭނާ ދޮރުކައިރީ އިރުކޮޅަކު މަޑުކޮށްލީ އަދިވެސް ޔަޤީންކޮށްލުމަށެވެ.

" ކާކު ދޮރުގަ ތަޅަނީ؟…" ފޯނުގައި އަތްއަޅާލަމުން ޒަލަފް ގޮވާލިއެވެ. ބޭރުގައިހުރި ޒީޝާންއަށް އެއައަޑު އިވުނެވެ.

" އަހަރެންނޭ….ޒީޝާން…" ޒީޝާން ފޯނުކަންފަތާއި ދުރުކޮށްލަމުން ޒަލަފްއަށް އިވޭވަރަށް ބުނެލިއެވެ. ބޭރުން އިވުނީ ޒީޝާންގެ އަޑުކަން ޔަޤީންވުމުން ޒަލަފްގެ ހިތްއަވަސްވިއެވެ.
އެހާ ކުއްލިގޮތަކަށް ޒީޝާން އަތުވެދާނެކަމަކަށް އޭނާހިއެއް ނުކުރެއެވެ. ޒަލަފް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒީޝާން ފެނިފައި މީހާފިނިވެ އިސާހިތަކު އޮއްދާވެސް ހިއްލައިފިއެވެ. ޒީޝާން މިރަށުގައި ކުރަނީ ކީއްބާއޭ ހިތަށްއެރިއެވެ.

" ހައި…ޒީ…ކޮންއިރަކު އައީ؟….ކިހިނެއް މިގެހޯދީ؟…" ޖެހިލުންވެ ހުރެ ޒަލަފް ސުވާލުކޮށްލިއެވެ. ހުސްގަޔާހުރި ޒަލަފް ފެނުމުން ޒީޝާންގެ ހިތްއަވަސްވާ ގޮތްވިއެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާގެ ހިއްސުތައް ހަމައަކަށް އަޅުވާލިއެވެ.

" ހޯދަން ބޭނުން މީހަކަށް ހުރިހާ އެއްޗެއްވެސް ހޯދޭނެ….ނޫންތަ؟…" ހަމަޖެހޭގޮތް ދައްކަމުން ޒީޝާން ބުނެލިއެވެ.

" އާނ..ޔަޤީނެއްނު…އެކަމު ޒީއެކަނިތަ ތިއުޅެނީ؟.." އެހެންމީހަކު ފެންނަން ނެތުމުން ޒަލަފް އަހާލިއެވެ.

" ނޫން…ބަޔަކާއެކީ" ކުރުގޮތަކަށް ޒީޝާން ޖަވާބުދިނެވެ.

" ޒީ މަޑުކޮށްލަންވީނު….އަހަރެން އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން…" ޒަލަފް ހަމަޖެހިލަމުން ބުނެލިއެވެ.

" ނޫން…އަހަރެން އެއްޗެއް ބޯކަށް ބޭނުމެއްނޫން…އަހަރެން ބޭނުމީ ޒަލްއާ ވާހަކަދައްކަން…ހަމައެކަނި ޒަލްއާ ބައްދަލުކުރަން އަހަރެން މިރަށަށްއައީ…" ޒީޝާންގެ އަޑުގައިވީ ނުރުހުމުގެ އަސަރު ޒަލަފްއަކަށް ސިއްރެއް ނުވިއެވެ.

" އޯކޭ…ހިނގާ…" ޒަލަފް އެހުރިގޮތަށް ހިނގައިގަތުމުން ޒީޝާން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

" ކިހިނެއްވީ؟…ހުސްގަޔާހުރީމަ ކަމުނުދިޔައީތަ؟…ހެހެހެ…އެބައަންނަން ޓީޝާޓެއް ލައިގެން…" ޒަލަފް ހީލަމުން ކޮޓަރިއަށްވަދެ ޓީޝާޓެއްލައިގެން ނުކުތެވެ. ޒީޝާންއާ އެކު ބޭރަށް ނުކުތްވަގުތު ގޯތިތެރޭގައިހުރި ޖޯލިފަތީގައި ތިބި ޝިޔާއާއި ސާރާފެނުމުން ޒަލަފްގެ މޫނުގެ ކުލަބަދަލުވިއެވެ.

" ހިނގާ މިދިމާ ބީޗަށް…" އެމީހުން ތިބުމުން ޒަލަފް ބޭނުންވީ ޒީޝާން ގޮވައިގެން ތަންކޮޅެއް ދުރަށްގޮސް ވާހަކަދައްކާށެވެ.

" ކީއްވެ މިތާ ތިދައްކާ ވާހަކައެއް ނުދެއްކެންވީ؟….މިތާހުރެ ވާހަކަދައްކަބަލަ!" ޒީޝާން އެއްޗެއް ބުނަންވާއިރަށް ޝިޔާބުނެލިއެވެ.

" ޝިޔާ ޕްލީޒް…އަހަރެން ބޭނުން ޒަލްއާ އެކަނި ވާހަކަދައްކަން…" ޝިޔާއަށް ބަލާލަމުން ޒީޝާން ބުނެލިއެވެ.

" އޯކޭ…ޒީބޭނުންގޮތެއް…އެކަމު ހަނދާންކުރާތި އަހަރެން ދެއްކި ވާހަކަ…" ޝިޔާ ހަނދާންކޮށްދިނެވެ. ޒީޝާން ޒަލަފްގެ ފަހަތުން އަތިރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

" ޝިޔާ….އޭނާ އަދިވެސް މޮޅެތި ވާހަކަދައްކައިގެން ޒީޝާން ހައްލާލާނެ…ހިނގާ އަހަރެމެންވެސް އެމީހުންގެ ފަހަތުންދާން….ފިލާތިބެގެން އެމީހުން ދައްކާ ވާހަކަ އަޑުއަހާނީ…ޒީޝާން ހައްލާލަން އުޅެފިއްޔާ އަހަރެން ރަނގަޅަށް އޭނަ ބޭޒާރުކޮށްލާނަން…." ސާރާ ޚިޔާލުދިނެވެ. ޝިޔާވެސް އެގޮތާއެއްބަސްވިއެވެ. ޒީޝާންގެ މޮޔަކަމުން އަދިވެސް ޒަލަފްގެ ބަހަށް އޭނާ ހެއްލިދާނެކަމަށް ޝިޔާ ގަބޫލު ކުރެއެވެ. ޒަލަފް ޒީޝާން ގޮވައިގެން ގޮސް އިށީނީ އަތިރިމަތީގައިހުރި ހިޔާބޮޑުގަހެއްގެ ދަށުގައިވާ ޖޯލިފައްޗެއްގައެވެ.

" ޒީ ކީއްވެ ގުޅާނުލާ ކުއްލިއަކަށް ތިއައީ؟…އެހެންނަމައެއްނު ފެންވަރާ ދޮންކޮށްލައިގެންވެސް ހުރެވުނީހީ…މިހާރު މިހުރީ ދަތްވެސް ނޫގުޅާ ހަޑިގިއްލާ ހެދިފަ" ޒީޝާން ހިމޭނުން އިންނަން ފެށުމުން ކަމެއް ގޯސްވެއްޖެކަން އެނގޭއިރުވެސް ޒަލަފް އެނގޭކަމަށް ނުހަދައި މަޖާވެފައި ވާހަކަދެއްކިއެވެ.

" ޒަލް ކީއްވެ އަހަރެންނަށް އޮޅުވާލީ؟…ކީއްވެ އަހަރެންނަށް ދޮގުހެދީ؟.." އިސްޖަހައިގެން އިނދެ މޮޅިވެރި އަޑަކުން ޒީޝާން އަހާލިއެވެ.
" ކީކޭ ތިކިޔަނީ؟…ކޮންކަމެއް އޮޅުވާލީ؟…" ވަރަށް އާދައިގެ ގޮތަކަށް ޒަލަފް އަހާލިއެވެ.
" އޯހް..ޕްލީޒް ޒަލަފް އިތުރަށް އަހަރެންނަށް އޮޅުވާލަން ނޫޅޭ…..ޒަލަފް ހީކުރީ އަހަރެންނަށް ޒަލަފްގެ ހަޤީޤަތް ދުވަހަކުވެސް ނޭނގޭނެކަމަށްތަ؟…ޒަލަފް އަހަރެންނަށް އޮޅުވާނުލަނީ ކޮންކަމެއް؟…ޒަލަފްގެ ރަށާއި ނަމަށްދާންދެން އަހަރެންނަށް އޮޅުވާލީއިރު ޒަލަފްގެ ހިތަށް ކުޑަކޮށްވެސް ނާރާތަ އަހަރެންނަށް ދުވަހެއްގަވެސް ހަޤީޤަތް އެނގިދާނެކޭ…." ޒީޝާން ކުރަންފެށި ސުވާލުތަކުން ޒަލަފުއަށް ހައިރާންކަމެއް ލިބުނެވެ.

" ޒީ….ޒީ ތިކިޔާއެއްޗެއް އަހަރެންނަކަށް ދޭހައެއްނުވޭ….ތަންކޮޅެއް ސާފުކޮށް ބުނެބަލަ ތިކިޔާ އެއްޗެއް…" ޒަލަފް ސީރިއަސްވެލާފައި އަހާލިގޮތުން ޒީޝާންގެ ގާތަށް އިތުރަށް ރުޅިއައެވެ.

" އަހަރެން މިކިޔަނީ އަހަރެންނަށް އެނގިއްޖޭ ތީކާކުކަން؟…ތީ ރ.އުނގޫފާރަށް ނިސްބަތްވާމީހެއްނު….ޒިޔާދެއްނު ކިޔަނީވެސް….އަދި ކުރިން ކައިވެންޏެއް ކޮށްގެން ދަރިޔަކު ހުންނަކަންވެސް މަށަށް އެނގޭ….ދަރިޔަށް ޚަރަދުދޭން ޖެހިދާނެތީ ރަށުން ފިލައިގެން އައިހެއްނު މިރަށުގަ ތިއުޅެނީ….އަހަރެންގެ ގަމާރުކަމުން ތިކަހަލަ މީހަކަށް މިހުރިހާ ދުވަހު އިތުބާރު ކުރެވުނީ….އެކަމު ދެން އިތުރަށް އަހަރެންނަށް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތް…." ޒީޝާން ފުންމައިގެން ޖޯލިން ތެދުވިއެވެ.

" ޒީ ޕްލީޒް…އަޑުއަހާބަލަ!…ތީ ކާކުދެއްކި ވާހަކަތަކެއް…އަހަރެންގެނަމަކީ އަހުމަދު ޒަލަފް… ޒިދާއެއްނޫން….އަހަރެންގެ މަންމަގެ ރަށް އުނގޫފާރަކީ…މިއީ އަހަރެންގެ އުފަންރަށަކީ…އަހަރެންގެ ބައްޕަގެ ރަށްމީ….އަހަރެންގެ އައިޑީކާޑްވެސް ދައްކަފާނަން….ޒީޕްލީޒް ގަބޫލުކުރޭ! އަހަރެން މިބުނަނީ ތެދު…" ޒަލަފް ޒީޝާންގެ އަތުގައި ހިފައި އާދޭހައިއެކު ވާހަކަދެއްކިއެވެ.

" ހެޔޮނުވާނެ ޒަލަފް….އަދިވެސް ދޮގުހަދަންތަ ތިއުޅެނީ….އެންމެ ހަމަ އެންމެ ސުވާލަކަށް ތެދުތެދަށް ޖަވާބުދީބަލަ…ދުވަހަކުވެސް ކައިވެންޏެއް ކުރިންތަ؟.." ރޮވިފައިވާ އަޑަކުން ޒީޝާން އަހާލިއެވެ.

" ޒީ…އަހަރެން ކިޔައިދޭނަން ހަޤީޤަތް….އަހަރެން ކުރިން މެރީކުރިން…އެކަމު އަހަރެންގެ ދަރިޔަކު ނުހުރޭ…އަދި އަހަރެން މިރަށުގަ މިއުޅެނީ ފިލައިގެން އައިހެއްނޫން….ގަބޫލުކުރޭ! މީހަމަ ހައްޤުތެދު…" ޒަލަފް ވަރަށް ދެރަވެފައި ބުނެލިގޮތުން އޭނާ އެހަދަނީ ތެދުހެން ޒީޝާންއަށް ހީވިއެވެ.

" އެހެންވީމަ އަހަރެންނަށް މިއަޑުއިވުނީ ރަނގަޅަކަށްނު….ޒަލަފް އަހަރެންނާ ގުޅުނީ ލޯތްބަކުންނޫންދޯ….ހަމައެކަނި ވަގުތީ އުފަލަކަށްޓަކާ…..މިހުރިހާ ދުވަހު ލޯބިވެޔޭ ކިޔައިގެން އަހަރެންނަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ؟….ޒަލަފްއަށްޓަކާ އަހަރެން ކީއްނުކޮށްދެނީ؟….މަންމަމެންނާ ސިއްރު ޒަލަފް ބުނިތާކަށް ގޮސްގެން އަހަރެން ބައްދަލުކުރިން….ކިތަންމެ ކުޑަކަމެއްވެސް ޒަލަފްއަށް އަހަރެން އޮޅުވައެއްނުލަން….އަހަރެން ހީކުރީ ޒަލަފް އަހަރެންދެކެ ވީ ހަޤީޤީ ލޯބިކަމަށް….ކިހާފޮނި ހުވަފެންތަކެއް އަހަރެން ދުށީ….އަހަރެންގެ އެންމެންގާތް އެކުވެރިޔާގާތު ވަރަށް ފަޚުރުވެރިކަމާއެކު އަބަދުވެސް އަހަރެންބުނަން ޒަލަފް ދުވަހަކުވެސް އަހަރެންނަކަށް ދެރައެއްނުދޭނޭ….އެކަމު ބަލާބަލަ! އަހަރެން ކުރި އިތުބާރާ ލޯބީގެ އެއްވެސް އަގެއްނެތެއްނު….ނުވިތާކަށް އަހަރެންނަށް މިހުރިހާ ދުވަހު ލޯބިވެވުނު މީހާގެ އަސްލުނަންވެސް އަހަރެންނަށް ނޭނގުނު..ނަން އޮޅުވާލި މީހަކު އޮޅުވާނުލާނީ ކޮންކަމެއް؟ އެންމެ ދެރަވަނީ އަހަރެން އެންމެ ނަފްރަތު ކުރާ އެތި ކަމަށްވާ މަސްތުވާ އެއްޗެހީގެ އަޅަކަށްވެފަވީމަ…ދެން އަހަރެންގެ މައިންބަފައިންނަށްވެސް އަހަރެން ދައްކާނީކޮންމޫނެއް…" ޒީޝާން އޭނާގެ ދެއަތުން މޫނުފޮރުވާލަމުން ގިސްލަގިސްލާފައި ރޯންފެށިއެވެ. ޒީޝާންގެ އަޑުގައިވީ ރިހުމުން ޒަލަފްގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ޒީޝާން އޭނާދެކެ އެހާލޯބިވެދާނެ ކަމަކަށް އޭނާއަށް އަންދާޒާ ކުރެވިފައެއްވެސް ނެތެވެ.

" ޒީ…އަހަރެންނަށް މާފްކުރޭ!…އަހަރެން ޒީއަށް އޮޅުވާލާކަށް ބޭނުމެއްނޫން….އަހަރެން މިބުނަނީ ތެދު….އަހަރެން ކައިވެންޏެއްކުރިން….އެކަމު އަހަރެންގެ ދަރިޔަކު ނުހުރޭ…އަދި އަހަރެންގެ ނަމަކީވެސް ހަމަ ޒަލަފް….ގަބޫލުކުރޭ…ހުވާކޮށްފަ މިބުނީ އަހަރެން ޑްރަގާ ވައިވެސް ނޭޅެން…" ޒަލަފް ހުވާކޮށްފައި އޭނާ އެބުނަނީ ތެދެއްކަން ހާމަކޮށްދޭން މަސައްކަތް ކުރިއެވެ.
" ހުއްޓާލާ!….ކަލޭ އަދިވެސް މޮޅު ވާހަކަދައްކައިގެން ޒީ ހައްލާލާކަށްނު ތިއުޅެނީ؟…" ދާދިގާތުން ޝިޔާގެ އަޑުއިވިފައި ޒީޝާންއާއި ޒަލަފްއަށްވެސް ބަލާލެވުނީ އެކުއެކީގައެވެ. އޭރު އެމީހުންތިބި ގަހުގެ ބިއްދަށުން ޝިޔާއާއި ސާރާނުކުމެއެވެ.

" ހެއްދެވިފަރާތް ގަންދީވެސް ކަލޭ ކަހަލަ މީހުން ކުރާނީ ދޮގުހުވާ….އަމިއްލަ ދަރިވެސް ދިރިހުއްޓާ ތިމަރާލީ….ހުރިނުލަފާކަން…..ކަލޭތީ ކާކުކަމާ ކިހާ ގޮތެއްނެތް މީހެއްކަން އަހަރެމެންނަށް އެނގިއްޖެ….ދެން ކޮންމެހެން އަހަރެމެން ބޭނުމެއްނޫން ކަލޭގެ އައިޑީކާޑް ބަލާކަށްވެސް….ކިހިނެއް އެނގެނީ ފޭކް އައިޑީއެއްވެސް ނުހަދާނެކަމެއް….ޑްރަގްފަދަ މުޑުދާރު އަމަލެއްކުރާ މީހަކު ނުކުރާނެ ކަމެއް އޮންނާނެތަ؟…މާލެގޮސްވެސް އަންހެނެއް އުނގަށްލައިގެން އިން މަންޒަރު އަހަރެންގެ ލޮލުން ދުށިން….ހުރިހާ ހަޤީޤަތެއް އެނގުނީމަވެސް އަދިވެސް ތިއުޅެނީ އޮޅުވާލަން ކަމަށްތަ؟…ދެން ކަލޭގެ މަޅީގަ ޒީ ކީއްކުރަން، އިތުރު އެހެން އަންހެން ކުއްޖަކުވެސް ޖެހުނަކަ ނުދޭނަން…ހަނދާންކުރާތި މީގެ ފަހުން ޒީއާ ވައިވެސް ނޭޅޭތި!…ޒީ އާދޭދާން…" ޝިޔާ ހިތްފުރޭވަރަށް ޒަލަފްއާ ދިމާއަށް އެތިވަރުގޮވުމަށްފަހު، ރޮއެ ރޮއެހުރި ޒީޝާންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

" ޒީ..ޕްލީޒް އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ!…" ޒަލަފް ޒީޝާންގެ ފަހަތުން ގޮސް އޭނާގެ އަތުގައި ހިފިއެވެ.

" އަހަރެންގެ އަތުން ދޫކޮށްލާ….އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން….އައި ހޭޓް ޔޫ…އައި ރިއަލީ ހޭޓް ޔޫ.." ޒަލަފްގެ އަތް ފޮޅުވާލުމަށްފަހު ޒީޝާން ދުއްވައިގަތެވެ. ކަންބޮޑުވެފައި އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ޒަލަފްއަށް ލޯމަރާލެވުނީ ހަދާނެގޮތް ހުސްވުމުންނެވެ. މިފަދަ ގޮތަކަށް ޒީޝާންއާ ގުޅުން ކަނޑާލަން ޖެހިދާނެ ކަމަކަށް އޭނާ ހީކޮށްފައެއްވެސް ނުވެއެވެ.

" ކޮބާ….މިހާރު އެނގިއްޖެތަ އަހަރެންނަކީ ކިހާވަރެއްގެ މީހެއްކަން…" ފަހަތުން މީހަކު ބުނިއަޑު އިވިފައި ޒަލަފް ބަލާލިއިރު ނުލަފާގޮތަކަށް ހިނިއައިސްފައި ސާރާހުއްޓެވެ. ޒަލަފްއަށް ވަގުތުން އެއީ ސާރާގެ ކަމެއްކަން އެނގުނެވެ. ނަމަވެސް އަނގައިންވެސް ނުބުނެ ޒަލަފް މިސްރާބުޖެހީ ގެއާދިމާއަށެވެ.

" ކީއްވެ އެއްޗެއް ނުބުނެ ތިދަނީ؟…..ކަލެއަށް ހީވޭތަ ކަލޭ ރޮއެއާދޭސްކުރިޔަސް ދުވަހަކުވެސް ދެން ޒީޝާން ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނެހެން…..ހުއް…ނުކުރާނެ…ކަލޭތިހުރީ މަށަށްވުރެ ރީތި ކުއްޖަކު ލިބުނީމަ ވަރަށް ފޮނިވެފައެއްނު…..މަ އެދުވަހު ބުނި ހަނދާންވޭތަ ކަލޭފަހުން ހިތާމަކުރާނޭ!…މިއޮތީ އެދުވަސް އައިސްފަ….މިއަދު އަހަރެން ވަރަށް އުފާވެއްޖެ…" ޒަލަފްގެ ފަހަތުން އަންނަމުން ސާރާ ވާހަކަދެއްކިއެވެ. ނަމަވެސް ޒަލަފް ތިކިޔަނީ ކީކޭހޭވެސް އަހާނުލައި އެދިޔަގޮތަށް ދިޔައީއެވެ.

ސާރާގެ އިންތިޒާރުގައި މަގުގެ އަނެއްކޮޅުގައި ހުއްޓިލައިގެން ޒީޝާންއާއި ޝިޔާތިއްބެވެ. އޭރުވެސް ޒީޝާން ލޯފުހެމުން ދިޔަމަންޒަރު ޒަލަފްއަށް ފެނުނެވެ. ޒީޝާންގެ ގާތަށް ދާން ހިތަށްއަރާފައިވެސް އޭނާގޮސް ގެޔަށްވަނީ މިވަގުތު އޭނާ ކޮންމެ ވާހަކައެއް ދެއްކިޔަސް ޒީޝާން އަޑުނާހާނެކަން އެނގޭތީއެވެ. ކޮޓަރިއަށް އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަތްއިރު ސާރާދެކެ އައިރުޅިން އޭނާ ތުރުތުރު އަޅައެވެ. އެނުލަފާ އަންހެނާގެ ކަރުގައި ހިފާ މަރާލަންވެސް އޭނާހިތަށްއެރިއެވެ. ނަމަވެސް އޭނާއަކީ އެހައި ނުބައި މީހެއްވެސް ނޫނެވެ.

ދެލޯމަރައިގެން އޮތްއިރު ޒަލަފްގެ ހިތަށް ސިފަވަމުން ދިޔައީ ޒީޝާންގެ ހިތާމަވެރި މޫނެވެ. އޭނާގެ ކަންފަތުގައި އަދިވެސް ޒީޝާންގެ ރުއިމުގެ އަޑު ގުގުމާފައި އެބަހުއްޓެވެ. އެގޮތަށް އޭނާގެ ކުރިމަތީގައި އަންހެން ކުއްޖަކު އަދި ދުވަހަކުވެސް ރޮއެފައެއްނެތެވެ. ޒީޝާންފަދަ މައުސޫމު ކުއްޖަކު ރޮއްވާލެވުނީތީ މިއަދު އޭނާ ދެރަވެއްޖެއެވެ. އެކަމުގެ ސަބަބުން ޚުދު އޭނާގެ ހިތިމާޒީ ހަނދާނަށް އައެވެ. އޭނާވެސް އަންހެން ކުއްޖަކުދެކެ އިންތިހާއަށް ލޯބިވިއެވެ. ކައިވެނިވެސް ކުރިއެވެ. އެއީ ދާނިޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. އޭނާ، އޭނާގެ އާއިލާގެ ތެރެއަށް ދާނިޔާ ގެންދިޔައީ ނުހަނު ފޮނި އުއްމީދާއެކުގައެވެ. އޭނާގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެއް ނަމަވެސް، އެއީ ގުޅުން ބަދަހި އުފާވެރި އާއިލާއެކެވެ. އޭނާގެ ބައްޕަ ނިޔާވެފައިވުމާއެކު، އޭނާއަކީ އާއިލާގައި އެންމެ ދޮށީ ފިރިހެން ކުއްޖާކަމަށްވުމުން، އާއިލާގެ ޒިންމާ އެޅިފައިވަނީ އޭނާގެ ކޮނޑުގައެވެ. އެކަން ދާނިޔާއާ ކައިވެނިކުރުމުގެ ކުރިންވެސް އޭނާ ދާނިޔާއަށް ވިސްނައިދިނެވެ.

ކައިވެނީގެ ކުރީކޮޅުގައި ދެމީހުން އުޅުނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދާނިޔާ ދިޔައީ ބަދަލުވަމުންނެވެ. ތަފާތު ކޫސަނި ޝަކުވާތައްކޮށް ގޭތެރޭގައި އެކަކު އަނެކަކާ މައްސަލަ ޖެހެންފެށިއެވެ. ޒަލަފް އާއިލާއަށް ޚަރަދުކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ތަފާތު ޝަކުވާތައް ކުރަމުން ދިޔައެވެ. އެންމެފަހުން ޒަލަފްއަށް ކެތްނުވެގެން އަމިއްލަ ގެއާއި އާއިލާ ދޫކޮށް ދާނިޔާގެ ގެޔަށް ބަދަލުވީ، ދާނިޔާދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މުޅިއުމުރު ދާނިޔާއާއެކުގައި އުޅެން ބޭނުންވާތީއެވެ. ނަމަވެސް ކަންތައް ހިނގާދިޔައީ އޭނާ އުއްމީދުކުރިފަދަ ގޮތަކަށް ނޫނެވެ. އޭނާއަށް ލިބޭ މުސާރައިން ދާނިޔާގެ ބޭނުންތައް ފުދޭކަމަކަށް ނުވިއެވެ. ދާނިޔާބޭނުންވަނީ އަބަދުވެސް މުއްސަނދި ދިރިއުޅުމެއް އުޅޭށެވެ. އެހެންކަމުން ދާނިޔާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޒަލަފްދޫކޮށް އޭނާ މުއްސަންޖަކާއި ގުޅުނެވެ.

ޒަލަފްގެ އަނތްބެއްގެ ގޮތުގައި ހުރެގެން ޒަލަފްއަށް އޭނާ ބޭވަފާތެރިވިއެވެ. ޒަލަފްއަށް އެކަން އެނގުނު ހިސާބުން، އޭނާ ދާނިޔާގެ ފައިމައްޗަށްވެއްޓި އާދޭސްކުރިއެވެ. ދާނިޔާ ވަރިއަށް އެދުނު ދުވަހު ޒަލަފްގެ ލޮލުން އެތައް ކަރުނައެއް އަޅައި އޭނާވީ ލޯބި ދާނިޔާއަށް ހަނދާންކޮށްދިނެވެ. ނަމަވެސް ދާނިޔާގެ ހިތަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ޒަލަފްގެ ގާތުން ވަރިވެގެން ގޮސް ރަށުގެ ފޯރާމީހަކާ ދާނިޔާ ކައިވެނިކުރިއެވެ. ލޯބިވާ މީހަކު ބީވުމަކީ ކިހާ އަސަރުހުރި ކަމެއްކަން އެދުވަހު ޒަލަފްއަށް އިހުސާސްކުރެވުނެވެ. ޒަލަފްގެ ޙަޔާތުން ދާނިޔާ ދިޔަ ދުވަހުން ފެށިގެން އޭނާ އަންހެންކުދިންމަތިން ފޫހިވިއެވެ. އެއްވެސް އަންހެނަކާ ސީރިއަސް ގުޅުމެއް ނުއުފައްދަން އޭނާ އަޒްމަ ކަނޑައެޅީ އެހިސާބުންނެވެ. އިތުރު އަންހެނަކު ދެކެ ލޯބިވެވޭނެކަމަށް އޭނާއަށް ގަބޫލު ނުކުރެވޭތީއެވެ.
ރަށުގައި އޭނާ އުޅުނު ވަޒީފާ ދޫކޮށް ފޮނަދުއަށް އައީ، އޭނާގެ ކުރިމަތީގައި އެހެންމީހަކާއެކު އުފަލުގައި ދާނިޔާ އުޅޭތަން ދެކެން އެހިތަށް ކެތްނުވާތީއެވެ. ޒަލަފްގެ ހިތާމަތަކަށް ލުޔެއް ލިބުނީ އޭނާގެ ގާތްއެކުވެރިންގެ ނަސޭހަތް ގަބޫލުކުރުމުންނެވެ. އޭނާ އެރަށްދޫކޮށް ފޮނަދުއަށް އައި ސަބަބަކީ އެއީ އޭނާގެ ބައްޕަގެ ރަށްކަމަށް ވުމެވެ. އޭނާވެސް އުފަންވީ ފޮނަދޫގައެވެ. އެހެންކަމުން އެންމެން ގާތުގައި އޭނާބުނެއުޅެނީ އޭނާއަކީ ފޮނަދޫ މީހެއްކަމުގައެވެ. ފޮނަދުއަށް އައިސް، ފޮނަދޫ އިންޖީނުގެއިން އޭނާ ވަޒީފާ ހޯދީ އެނބުރި އުނގޫފާރަށް ދާން ބޭނުން ނުވާތީއެވެ. ފޮނަދޫންވެސް އޭނާ ކުދިންނާ ރައްޓެހިވިއެވެ. ނަމަވެސް ކުޑަދުވަސް ކޮޅަކުން އޭނާ ފޫހިވެގެން ރުޅިވަނީއެވެ. ސާރާއަކީ އޭގެތެރެއިން އެކަކެވެ. ސާރާ އޭނާއާ ރައްޓެހިވީވެސް މިހާރުގެ ފިރިމީހާ ރައްޓެހިވެގެން ހުރެއެވެ. އެކަން އެނގުމުން ޒަލަފް ރުޅިވިއެވެ. އޭގެފަހުން ސާރާ ކައިވެނިކުރީ އޭނާއަށް ދައްކާށެވެ. ނަމަވެސް އޭނާ އަޅައެއްނުލައެވެ. އޭނާގެ ހިތަށް އަސަރެއްވެސް ނުކުރެއެވެ.

ކައިވެންޏަށްފަހުވެސް ސާރާ އޭނަގެ ލޯތްބަށްއެދި އެތައް އާދޭހެއްކުރިއެވެ. އިއްތިފާޤުން ސާރާގެ ބޮޑުދައިތައަކީ ޒަލަފްގެ ބޮޑުބޭބެގެ އަންހެނުންނެވެ. އެހެންކަމުން ސާރާ އެގެއަށް އައިސްގޮސްވެ އުޅުން ޒަލަފްއަށްވީ ބޮޑު އުނދަގުލަކަށެވެ. ޒަލަފްއަށް ކެތްނުވާ ހިސާބަށް ސާރާގެ ކަންތައް ދިއުމުން އޭނާ، ރާފިއު ގާތުގައި އެވާހަކަ ބުނީއެވެ. ރާފިއު ރުޅިއައިސްގެސް ސާރާއަށް ބަވާލުމުން އެގެއަށް އައުންވެސް ހުއްޓުނެވެ. މިއަދު ސާރާ އެހިފީ އެކަމުގެ ބަދަލެވެ.
ޒަލަފް ޒީޝާންއާވެސް ގުޅުނީ ލޯބިވެގެންނެއް ނޫނެވެ. ހަމައެކަނި ވަގުތު ހޭދަކޮށްލުމަށެވެ. ޒީޝާން ހަމަލޮލަށް ފެނުމުން އޭނާއަށް ޒީޝާން ކަމުދިޔައެވެ. ޒީޝާންއާއެކު ވަގުތު ހޭދަކުރަން ބޭނުންވިއެވެ. ކުޑަމިނުން އެމައުސޫމު ކުއްޖާގެ ކިބައިން އުފަލެއް ހާސިލްކުރަން އޭނާގެ ހިތްއެދުނެވެ. އޭނާގެ ގަސްތަކީ ދުވަސްކޮޅަކުން ޒީޝާންވެސް ދޫކޮށްލުމެވެ. ނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި ޒީޝާން ކަރުނައަޅާ ރުއިމުން އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ޒީޝާން އޭނާދެކެ ރުޅިއައިސްގެން މާފެއްނުކުރާނަމޭ ބުނުމުން އޭނާއަށް ކުށްވެރި އިހުސާސެއް ކުރެވިއްޖެއެވެ. ސާރާ އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ޒީޝާންގެ ކުރިމަތީގައި އަގު ވައްޓާލުމުން މިއަދު އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. އޭނާގެ ނަމާއި އޭނާގެ ރަށާއި ނުވިތާކަށް އޭނާގެ ސަޚުސިއްޔަތުވެސް މިއަދު މިވަނީ ޒީޝާންގެ ކުރިމަތީގައި މުޑުދާރުވެފައެވެ. އޭނާއަކީ މަސްތުވާތަކެއްޗަށް އިންތިހާއަށް ނަފްރަތު ކުރާމީހެކެވެ. ނަމަވެސް މިއަދު އޭނާގެ ބޮލުގައި އެކަމުގެ އިލްޒާމްވެސް އެޅިގެން ހިނގައްޖެއެވެ. އޭނާ ޒީޝާންއަށް ސިއްރުކުރީ އެންމެ ކަމެކެވެ. އެއީ އޭނާގެ ކައިވެންޏެވެ.
****
ޒީ ދެން ހުއްޓާލަބަލަ!…އެހެންނޫނީ އެހެންމީހުން ސުވާލުކުރާނެ…." ފުރަން އަތިރިމައްޗަށް ނުކުމެހުރި ޒީޝާ އަދިވެސް ރޮނީއެވެ. ޒަލަފްގެ އޮޅުވާލުމުގެ ސަބަބުން އޭނާގެ ހިތަށްވަނީ ނުހަނު އަސަރުކޮށްފައެވެ. އޭނާ ކިތަންމެ ވަރަކަށް ނުރޯން މަސައްކަތްކުރި ނަމަވެސް، ޒަޚަމްވެފައިވާ އޭނާގެ ހިތުގެ އެތިކޮޅުތައް ކަރުނައިގެ ސިފައިގާ ބޭރުވަމުން ދިޔައެވެ. ރަށަށްދާ ވަގުތު ޖެހުމުން ސާރާއާ ސަލާމްކޮށްލާފައި ޝިޔާ ޒީޝާން ގޮވައިގެން ވޭނަށް އެރިއެވެ. އެންމެން އަރާހަމަވުމުން ވޭން ދުއްވާލިއެވެ. ވޭން ލޯމަތިން ގެއްލޭންދެން ބަލަންހުރުމަށްފަހު ސާރާ ގޭތެރެއަށްވަނީ ހިނިތުންވެހުރެއެވެ. ޒަލަފްގެ ފަރާތުން ބަދަލުހިފުމުގެ ފުރުސަތު ލިބުމުން ބަޔާންކުރަން ދަތި އުފަލެއް އޭނާއަށްވަނީ ލިބިފައެވެ.

ވޭނަށް އެރީއްސުރެ ޒީޝާން އިނީ ހިމޭންވެފައެވެ. އޭނާގެ ދަބަހުން އަވިއައިނުނަގައި ދެލޯފޮރުވައިގެން އިނީ އެހެންމީހުންނަށް އޭނާގެ ކަރުނަތައް ސިއްރުކުރުމަށެވެ. ރަށަށް ދެވުނުއިރުވެސް ޒީޝާން އިނީ ފުން ވިސްނުމެއްގައެވެ. ރަށަށް އާދެވުނުކަންވެސް އެނގުނީ ޝިޔާ އޭނާގެ ގައިގާ ދެތިން ފަހަރު ކޮއްޓާލިފަހުންނެވެ.

ގެޔަށް އައިސް ކޮޓަރިއަށްވަދެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތުމާއެކު ޒީޝާންއަށް ގިސްލާރޮވުނެވެ. އޭނާގެ ހިތްއެކީ ކުދިކުދި ވެއްޖެއެވެ. ޒަލަފްދެކެ ވެވުނު ލޯބީގައި އޭނާއަށް މާބޮޑަށް ޣަރަޤުވެގެން ދެވުނީއެވެ. މިއަދު އެހިތަށް އެހާބޮޑު އަސަރެއްކުރަން ޖެހުނު ސަބަބަކީ އެއީއެވެ. ޒީޝާން ރޯން އޮއްވައި އޭނާގެ ފޯނު ވައިބްރޭޓްވުމުން ބަލާލިއިރު ގުޅަނީ ޒަލަފްއެވެ. ޒީޝާން އައިރުޅިން ވަގުތުން ޒަލަފްގެ ނަމްބަރު ބްލޮކްކޮށްލިއެވެ. ވައިބަރއިންނާއި އެފްބީއިންވެސް ޒަލަފް ބްލޮކްކޮށްލިއެވެ. އެންމެފަހުން ފޯނުވެސް ނިވާލިއެވެ.

ފޮނަދޫއިން އައިގޮތަށް ޒީޝާން ކޮޓަރިން ނުނުކުމެ އޮންނަން ފެށުމުން ޒީނާ ކަންބޮޑުވިއެވެ. އެތައްފަހަރަކު ގޮވައިގެންވެސް ޒީޝާން ދޮރުހުޅުވާކަށް ގަސްތެއް ނުކުރިއެވެ. އެންމެފަހުން ޒީނާ ޝިޔާއަށް ގުޅައިގެން ގެނައެވެ. ޝިޔާއައިސް ގޮވާ ގޮވާ އާދޭސްކުރުމުންވެސް ޒީޝާން ދޮރުހުޅުވާކަށް އެއްބަހެއްނުވިއެވެ. އޭނާ ބޭނުންވަނީ އެކަނިވެލާށެވެ. ރޭގަނޑުގެ ކާގަޑި ޖެހިގެން ދިޔައިރުވެސް ޒީޝާން އެއޮތްގޮތަށް ރޯލަރޯލާ އޮތެވެ. އެހެން އޮއްވައި އެންމެފަހުން ވަރުބަލިވެގެން އޭނާއަށް ނިދުނީއެވެ.
އަނެއް ދުވަހުގެ އިރުފެނުން ތޮޅުނުއިރު ޒަލަފްގެ ޙަޔާތްވަނީ ބަދަލުވެފައެވެ. ޒީޝާން އޭނާއާ ގުޅުން ކަނޑާލުމުން ހީނުކުރާފަދަ ފުންއަސަރެއް އޭނާގެ ހިތަށްކޮށްފިއެވެ. ޒީޝާންއާ ގުޅަން އޭނާކުރި ހުރިހާ މަސައްކަތެއް ބޭކާރުވުމުން މޮޅިވެރިކަމުގެ ސާލުލައިގެން ކޮޓަރިންވެސް ނުނުކުމެ އޭނާއޮތެވެ. އޭނާ ގަސްތުކުރީ ޒީޝާންގެ ރުޅިމަޑުވާހައި ދުވަސްވުމުން ގަމަށް ގޮސް ޒީޝާންއާ ބައްދަލުކޮށް ހަޤީޤަތް ކިޔާދިނުމަށެވެ. އޭނާގެ ކުށެއްނެތްކަން ހާމަކޮށްދިނުމަށެވެ.

ޒަލަފްއާ ގުޅުން ކަނޑާލުމަށްފަހު ޒީޝާންގެ ހިތަށް ކުޑަކޮށްވެސް ހަމަޖެހުމެއް ނުލިބެއެވެ. ފޯނުފެންނަ ކޮންމެ ފަހަރަކު ޒަލަފްގެ މަތިން ހަނދާންވެއެވެ. މީހަކު ގުޅާލިޔަސް ޒަލަފް ކަމުގައި ހީކުރެވެއެވެ. ކުރީގައި އޭނަގެ ތުންފަތުގައި ނުފިލާހުންނަ ހިނިތުންވުން މުޅީން ފިލާގޮސްފިއެވެ. ނުކައި ނުބޮއެ ރުއިން ފިޔަވައި އޭނާ ކުރާކަމެއްނެތެވެ. ފިލްމެއް ސީރީޒެއްވެސް ބަލާހިތެއް އޭނާނުވެއެވެ. ލޯތްބަކީ ކިހާ އަގެއްނެތް އެއްޗެއްކަން މިއަދު އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. އެއީ ހަމައެކަނި ވާހަކަތަކާއި ފިލްމަތަކުގައި ދައްކާފަދަ ފޮށިތޮށި ކާފޫރުތޮޅި އެޅިގެން، ރަހަމީރު ކުރެވިފައިވާ ޑައަލޮގްތަކެކެވެ. އެއްވެސް ހަޤީޤަތެއްވާ އެއްޗެއް ނޫނެވެ. މީހުންގެ ހިތްތައް ލަންބުވަން ބަޔަކުމީހުން ދައްކާފަ ހުންނަ ފުލޯކް ދޮގު ވާހަކަތަކެކެވެ. ޝިޔާ ޒީޝާންއަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރެއެވެ. ޒަލަފް ކަހަލަ ވިޔާނުދާ މީހަކަށްޓަކައި ކަރުނައަޅައި ނުރުއިމަށް ނަސޭހްތެރިވެދީ ހަދައެވެ. ޒީޝާންގެ މަންމަވެސް އޭނާއަށް ހިތްވަރުދެމުން ދިޔައެވެ.

އެގޮތުގައި ދުވަސްތައް ވޭތުވީ ވަރަކަށް މަޑުމަޑުން ޒީޝާންގެ މިޒާޖު ހަމައަކަށް އެޅުނެވެ. ކޮޓަރިން ނުކުމެ މީހުނާ ވާހަކަ ދައްކާ އުޅެންފެށިއެވެ. ޝިޔާގެ އެތައް މަސައްކަތަކުން ހީލާ ސަކަރާތް ޖަހާ ހަދަންފެށިއެވެ. އަނެއްކޮޅުން ޒަލަފްގެ ހާލަތު ދިޔައީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ޒީޝާން އޭނާގެ ޙަޔާތުން ދިއުމާއެކީ އޭނާގެ ޙަޔާތަށް ހަރީފު މޫސުން އައިފަދައެވެ. ދުވަހެއް ދުވަހަކަށް އެޙަޔާތަށް ވީރާނާކަން ވެރިވަމުން ދިޔައެވެ. ޒީޝާންގެ ހަނދާންތައް ތާއަބަދު އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. ކުރިން އޭނާ ހީކުރީ، އޭނާ އެއްގޮތަކަށްވެސް ޒީޝާންދެކެ ލޯބިނުވާ ކަމުގައެވެ. އެގުޅުމާއިމެދު ސީރިއަސްކޮށް އޭނާ ނުވިސްނީވެސް އެހެންވެގެންނެވެ. ނަމަވެސް މިއަދު އޭނާއަށް ކުރެވޭ އިހުސާސް މުޅިންތަފާތެވެ. ޒީޝާންއާ ނުލައި އޭނާގެ ޙަޔާތުން ބައެއް އުނިވި ކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެއެވެ. އެލޯތްބާއިނުލައި އޭނާގެ ޙަޔާތުގައި ދިރުމެއްނެތް ފަދައެވެ.

ޒީނާއާއި ހަސަނު އުފާކުރަމުން ދިޔައީ، އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ނުބައި ނުލަފާމީހެއްގެ އަތްދަށުން ސަލާމަތްވީތީއެވެ. އެމީހުން މިހާރު ވިސްނަމުންދަނީ ޒީޝާންއަށް ރަނގަޅު ބައިވެރިއެއް ހޯދައިދިނުމަށެވެ. ކުރިންސުރެ އެމީހުން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އެމީހުން އަތުކުރި އޮޅާލިއެވެ. ޒީޝާންގެ ކައިވެނީގެ ވާހަކަ ޒައިކްގެ މައިންބަފައިންނާ ދެއްކުމަށް ގަސްތުކޮށްގެން ހުއްޓައި، ޒައިކްގެ ބައްޕަ އިސްވެ އެވާހަކަ ދެއްކުންވީ އެމީހުނަށް ލިބުނު އުފާވެރި ކަމަކަށެވެ.

" އަހަރެން މިވާހަކަ މިދެއްކީ އަމިއްލަ ފެނިގެންނެއްނޫން….ޒައިކް އަމިއްލައަށް ޒީޝާންގެ ރަނގަޅު ވާހަކައާ ޒީކްއަށް ހެޔޮ ވާހަކަ ދެއްކީ…އޭނާ ކަނޑައެޅިގެން ކައިވެނިކުރަން ބޭނުމެކޭ ނުބުނޭ…އެކަމަކު މަށަށް އެނގޭ އެހެންބުނަން ނުކެރިގެންކަން އެހުރިހާ ވާހަކައެއް އެ ދެއްކީ….އެހެންވީމަ އަހަރެންބޭނުން ޒީޝާންގެ ޙިޔާލެއްވެސް ބަލާލަން…" ޒައިކްގެ ބައްޕަ ހަމީދު ބުންޏެވެ.
" އަހަރެމެންވެސް މިތިބީ ތިވާހަކަ ދައްކަންކަމަށް….އަހަރެމެންނަށް ޒައިކް ވަރަށް ކަމުދޭ….އެހާ ރަނގަޅުކުއްޖެއް މިޒަމާނުގަ ލިބޭނީ ހަމަ ނަސީބުވެރިޔަކަށް….އަހަރެމެންގެ ދަރިފުޅުވެސް ޒައިކްއާ ނުގަބޫލެއްނުވާނެ….އެހަމަ ޔަޤީންކަމެއް…" ޒީޝާންގެ ޚިޔާލެއްވެސް އަހާލުމެއްނެތި ހަސަނު ޔަޤީންކަން ދިނެވެ.

" އަހަރެމެންވެސް މިތިބީ ތިވާހަކަ ދައްކަންކަމަށް….އަހަރެމެންނަށް ނައިކް ވަރަށް ކަމުދޭ….އެހާ ރަނގަޅުކުއްޖެއް މިޒަމާނުގަ ލިބޭނީ ހަމަ ނަސީބުވެރިޔަކަށް….އަހަރެމެންގެ ދަރިފުޅުވެސް ޒައިކްއާ ނުގަބޫލެއްނުވާނެ….އެހަމަ ޔަޤީންކަމެއް…" ޒީޝާންގެ ޚިޔާލެއްވެސް އަހާލުމެއްނެތި ހަސަނު ޔަޤީންކަން ދިނެވެ. ހަސަނާއި ޒީނާ ކުރިއްސުރެވެސް އެދި އެދި ތިބިކަމެއް އެހާފަސޭހައިން ވާގޮތްވުމުން ފުރުސަތު ނަގާލާކަށް އެމީހުން ބޭނުމެއްނުވިއެވެ. އެހެންކަމުން ޒީޝާންގެ ލަފައެއްވެސް އަހާލުމެއްނެތި އެކައިވެނިކުރަން އެމީހުން ނިންމިއެވެ.

" ބައްޕާ އެކަމު ޒީޝާންގެ ލަފާވެސް އަހާލަންވާނެއްނު.." ހަމީދު ގެޔަށް ގޮސް އެވާހަކަ ދެއްކުމުން ޒައިކްދިން ޖަވާބަކީ އެއީއެވެ. އޭނާއަށް ޒީޝާން ކަމުދިޔަނަމަވެސް، ޒީޝާންއަށްވެސް އޭނަކަމުދޭތޯ ޔަޤީންކުރަން އޭނަބޭނުމެވެ. އެހެންކަމުން އޭނާ ބޭނުންވީ ޒީޝާންއާ ބައްދަލުކުރާށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޒީޝާން ފެންވަރައި ރީތިވެލައިގެން ޝިޔާމެންގެ ގެޔަށްދާން ތައްޔާރުވެގެން ނުކުންނަނިކޮށް އޭނާގެ މަންމަ ގޮވާލިއެވެ.

" ދަރިފުޅާ….ޒައިކް އެބައިން ދަރިފުޅާ ބައްދަލުކޮށްލަން އައިސް…..ދޭބަލަ ވާހަކަ ދައްކާލަން…" ޒީނާ އެދުނެވެ.

" ކީއްކުރަން ޒައިކް ސަރ އަހަރެންނާ ބައްދަލު ކުރަނީ؟.." ހައިރާންވެފައި ޒީޝާން އަހާލިއެވެ.

" ނޭނގެ….ދެން ދިޔައީމައެއްނު އެނގޭނީ…..ބޭރު ޖޯލިފަތީގަ އެބައިން….ޒައިކް ކޮންމެ ވާހަކައެއް ދެއްކިޔަސް ރަނގަޅަށް އަޑުއަހާތި؟….އެއްވެސް އެއްޗަކަށް ނޫނެކޭ ނުބުނާތި؟…" ކަންކުރަންވީ ގޮތް ޒީނާ ކިޔާދިނެވެ. މަންމަ ދެއްކި ވާހަކައެއް ރަނގަޅަށް ނުވިސްނޭހާލު ޒީޝާން ޒައިކްގެ ގާތަށް ދިޔައީ ޖެހިލުންވެ ހުރެއެވެ. މީގެކުރިން ދުވަހަކުވެސް ޒީޝާން ހޯދާކަށް ޒައިކް ނާދެއެވެ. އެހެންކަމުން ޒައިކް ދައްކަން އުޅޭ ވާހަކައަކާމެދު ވިސްނައި އޭނާ ކަންބޮޑުވިއެވެ. ޒީޝާންގެ އިންތިޒާރުގައި ދެއަތުގެ އިނގިލިތަކާއި ކުޅެލަ ކުޅެލާއިން ޒައިކް ސިހުނީ ޒީޝާން އައިސް ޖޯލިފަތީގައި އިށީނުމުންނެވެ.

" ސަރ އަޅުގަނޑު ހޯދި ވާހަކަ ބުނީމަ މިއައީ…" ޒައިކް ބަހެއް ނުބުނެ އިންނަން ފެށުމުން ޒީޝާން ވާހަކަ ދެއްކިއެވެ.

" އާނ….ޒީޝާންއާ އެކަނި ވާހަކަދައްކާފަ ނޫނީ ގޮތެއް ނުނިމަންވެގެން….އަހަރެންބޭނުން ޒީޝާން ދުލުން ކައިވެންޏާ ގަބޫލު ވާހަކަ ބުނާއަޑުއަހަން…" ޒައިކް ސީދާ ޕޮއިންޓަށް ދިޔައެވެ. ކައިވެނީގެ ވާހަކަ އަޑުއިވިފައި ޒީޝާންއަށް ބަލާލެވުނީ ޔަޤީންނުވެފައެވެ.

" ކައިވެންޏޭތޯ؟…ކާކުގެ ކައިވެންޏެއްތޯ؟…" ޒީޝާންއަށް ވަގުތުން އަހާލެވުނެވެ.

ނުނިމޭ