Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އިނގުރު ފަދައިން އޭގެ ތެލުގެ ފައިދާވެސް އެހާމެ ބޮޑު

އެންމެންވެސް ޤަބޫލު ކުރާނެ ގޮތުގައި އިނގުރަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް ގިނަ މީހުންނަށް ނޭގެނީ އިނގުރުގެ ތެލަކީވެސް އެހާމެ ފައިދާ ބޮޑު އެއްޗެއް ކަމެވެ. ރާއްޖޭގައިވެސް ފަސޭހައިން ލިބެން ހުންނަ އިނގުރު ބޭނުން ކޮށްގެން ސިއްޙީ އެކިއެކި މައްސަލަތަކާއި، ހަންގަނޑާއި އިސްތަށިގަނޑުގެ މައްސަލަތަކަށްވެސް ލުޔެއް ލިބިދާނެއެވެ.

– އިސްތަށިގަނޑު
އިނގުރު ތެލަކީ އިސްތަށިގަނޑު ދިގުވުމާއި އޭގެ ސާފުކަން ދެމެހެއްޓުމަށް މެދުވެރިވާ އެއްޗެކެވެ. އެގޮތުން އޭގައި ހިމެނޭ ޖިންޖެރޯލް އަކީ އެންޓި އިންފްލެމޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެކެވެ. އެހެންކަމުން ބޯ ހިރުވުމާއި ބޮލުގެ ހަނގަނޑު ހިކުން ފަދަ ކަންކަމުންވެސް ސަލާމަތްކޮށްދޭ އެއްޗެކެވެ.

– ހަޖަމުގެ ނިޒާމު
މި ތެޔޮ މަސައްކަތްކުރަނީ ބަނޑުގެ ވިހަތަކާއި، ނުބައި ބެކްޓީރިއާތައް ނައްތާލައި ހަޖަމު ކުރުމުގެ ނިޒާމު ވަރުގަދަ ކޮށްދީގެންނެވެ. އެގޮތުން މި ތެލުގެ ސަބަބުން މާ ގިނައިން ވައި ބޭރު ވުމާއި، ހަޖަމު ނުވުން، ބަނޑު ހަރުވުން އަދި ބޭރަށް ހިނގުން ފަދަ މައްސަލަތަކަށް ވެސް ލުއި ލިބިގެންދެއެވެ.

– ހަންގަނޑު
ސެންސިޓިވް ހަންގަނޑެއް ހުންނަނަމަ، ނުވަތަ ހަންގަނޑު ރަތްވެ ހަލާކުވާނަމަ، އެކަމަށް އެންމެ ރަނގަޅު އެއް ހައްލަކީ އިނގުރު ތެލެވެ. މީގެ އިތުރުން ހަންގަނޑުގައި ހުންނަ ބެކްޓީރިއާތައް މަރާލައި، ހަންގަޑު އަވަހަށް މުސްކުޅިވުމުންވެސް ސަލާމަތްކޮށްދެއެވެ. ހަމަ އެހެންމެ، ހަންގަނޑު އެނދުމުން އުފެދޭ ޓޭންލައިންސް ފިލުވާލާ، ހަންގަނޑުގެ ކުލަ އެއްވަރުކޮށްލުމަށްވެސް އިނގުރުތެލަކީ ހަމަ އެއްވަނައެވެ.

– ދުޅަ ފިލުވުން
އިނގުރު ގައި ހުންނަ އެންޓި އިންފްލެމޭޓަރީ ސިފައިގެ ސަބަބުން އިނގުރުގެ ތެލަކީ ހުޅުތަކާއި، މަސްތަކުގައި ރިއްސުމުން އުނގުޅާލަން ވަރަށް ރަނގަޅު ތެލެކެވެ. އެގޮތުން ބުރަކަށީގައި ރިއްސުމާއި އާތުރައިޓިސް ގެ ސަބަބުން ގައިގައި ރިއްސުން ފަސޭހަކުރުމަށްވެސް މި ތެޔޮ ބޭނުން ކުރެވިދާނެއެވެ.

މިފަދަ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ސިއްހީ މައްސަލަތަކަށް ލުޔެއް ލިބުނު ނަމަވެސް، އަބަދުވެސް އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ތަކެތި ބޭނުން ކުރުމެވެ.