Last Updated: March 29, 10:16
Friday, March 29, 2024
ދުނިޔެ

އެމޭޒޮން ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ބްރެޒިލްގެ ސިފައިން ނެރެނީ

ހުއްޓުމެއް ނެތި އަނދަމުންދާ ބްރެޒިލްގެ އެމޭޒޮން ޖަންގަލީގެ އަލިފާން ގަނޑު ނިއްވާލުމަށް އެޤައުމުގެ ސިފައިން ނެރުމުގެ ހުއްދަ ރައީސް ޖައިރ ބޮލްސޮރާނޯ ދީފިއެވެ.

މިހުއްދަ ބޮލްސޮރާނޯ އެންމެ ފަހުން ދިނީ ޔޫރަޕްގެ އެކި ޤައުމުތަކުގެ ލީޑަރުންގެ ފިއްތުން ތަކާއެކުއެވެ. އެގޮތުން ފްރާންސާއި އަޔަރލޭންޑުންވަނީ މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ބްރެޒިލްގެ ސަރުކާރުން މަސައްކަތް ނުކުރާނަމަ، ދެކުނު އެމެރިކާގެ ޤައުމުތަކާ އެކު ވެވޭ ބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ރެޓިފައިނުކުރާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ފިންލޭންޑުން ވަނީ ބްރެޒިލް އިން ބީފް އެޤައުމަށް އެތެރެ ކުރުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ.

ބޮލްސޮރާނޯ ވަނީ މީގެ ކުރިން ދަނޑުވެރިކަން ކުރުމަށާއި މައިން ކުރުމަށް މި ސަރަހައްދުން ގަސް ކެނޑުމަށް ހިތްވަރުދީ، އެކަމަށް ތަރުހީބުކޮށްފައެވެ. އަދި މީގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުންވަނީ އެކަމާ ވަރަށް ކަން ބޮޑުވުން ފާޅުކޮށްފައެވެ.

ހޫނު ދުވަސްވަރުގައި އެމޭޒޮން ޖަންގަލީގައި އަލިފާން ރޯވުމަކީ އާންމު ނަމަވެސް، މިފަދަ ބާރު މިނެއްގައި، މިހާ ބޮޑުކޮށް މި ޖަންގަލި އަނދާ މިއީ ފުރަތަމަ ފަހަރެވެ. އަދި މިކަމުގައި ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ދަނޑުވެރިންނާއި، މައިން ކުރާ ފަރާތްތަކާއި އެނޫންވެސް މި ޖަންގަލީގެ ގަސްތައް ނެތުމުން ޖާގައިގެ ފައިދާ ނަގާނެ ކުންފުނި ތަކަށެވެ.