Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ސުޕްރީމް ކޯޓާ ގުޅޭ ރިޕޯޓު ޖުޑިޝަރީ ކޮމިޓީ އަށް

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ 17 ކަމެއް ފާހަގަކޮށްފައިވާ އެ ރިޕޯޓު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން ފާސްވީ 68 މެމްބަރުންގެ ވޯޓާއެކުއެވެ.

ޖޭއެސްސީން ތައްޔާރުކުރި މި ރިޕޯޓުގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު ޖޭއެސްސީގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލަ އާއި ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުމާއި، އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން ހިމެނެއެވެ.

މީގެއިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުމާއި، އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުމާއި، މަޖިލީހުން ނިންމާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސައްހަ ވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުން ވެސް ހިމެނެއެވެ.

އަދި މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލުކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.