Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ސުޕްރީމް ކޯޓަށް ކުރިމަތިލި ފަނޑިޔާރުންނާއި މިރޭ އިންޓަވިއު ކުރަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި މިރޭ އިންޓަވިއު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ވަނީ އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00ގައި ހަމަވިއިރު އެކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

ސުޕްރީމް ކޯޓަށް ކުރިމަތިލާފައި ވަނީ ހައިކޯޓުގެ ހަތަރު ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ޖޭއެސްސީން ބުނީ މިރޭ 19:00ގައި މި ބޭފުޅުންނާއި އިންޓަވިއު ކުރަން ފަށާނެ ކަމަށެވެ. އަދި މި އިންޓަވިއުގެ ވީޑިއޯ ރިކޯޑިންގ އެއްވެސް ހަދާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފަޔަކަށް އެދި ފޮނުއްވާފައިވާ ދެ ނަންފުޅަކީ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅުއްވާ ނަންފުޅުތަކެއް ކަމުގައި ބަލައިގަތުމަށް ވެސް ނިންމާފައެވެ.

ރައީސް ސޯލިހު ޖޭއެސްސީ އަށް ފޮނުއްވި ދެ ނަންފުޅަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ނަންފުޅެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައެވެ. އަދި އަމާޒަކީ މާދަމާގެ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ރައީސް އަށް ނަންފުޅުތަކެއް ފޮނުއްވުން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.