Last Updated: April 20, 13:48
Saturday, April 20, 2024
ރިޕޯޓް

ހެލްމެޓު މަޖުބޫރު ކުރި ގޮތަށް ލައިފްޖެކެޓު އަޅަން މަޖުބޫރު ކުރަން ޖެހިފައި!

ލައިފް ޖެކެޓު އަޅައިގެން ތިބި ފުލުހުންތަކެއް -- ފޮޓޯ / އަވަސް

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާނަމެވެ. ގދ. ތިނަދޫއިން ފުރައިގެން ގއ. ވިލިނގިއްޔަށް ތިނަދޫއިން 122 މީހުން ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗަކަށް ދިޔައެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ ވިލިނގިލީ މަސްވެރިންގެ ކްލަބާއި ބައްދަލުކުރި މެޗެވެ. ފޯރިގަދަ އެ މެޗަށްފަހު ތިނަދޫއިން ދިޔަ މީހުން އިރުއޮއްސި 6:50ގައި އެނބުރި ރަށަށް ދިއުމަށް ފުރިއެވެ. މެޗުން ތިނަދޫ ބަލިވި ނަމަވެސް ރަށަށް ދިޔައީ އެންމެންވެސް ހިތްހަމަ ޖެހިގެންނެވެ. އެއްބަޔަކު ދިޔައީ ހީ ސަމާސާ ކުރަމުންނެވެ.

ނަމަވެސް ކަން ދިމާވީ އެއްވެސް އިންސާނަކު ހިތަށް ގެންނަންވެސް ދަތި އުނދަގޫ ގޮތަކަށެވެ. ތިނަދޫގެ މި ބޯޓާއި 40 ފޫޓު ދަތުރު ކުރަމުންދިޔަ "އަރުތަ" ނަމަކަށް ކިޔާ ހަމަ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައި ޖެހި ބޯޓު ބަންޑުން ޖަހާލިއެވެ. މިއީ މިހާރުވެސް އެތައް ބަޔަކަށް އެ ހާދިސާއަކުން ފުން އަސަރުތަކެއް ކުރުވާ "އެނަމާ ބޯޓު ބަންޑުން ޖަހާލި" ކާރިސާއެވެ.

މި ހިތާމަވެރި ހާދިސާއިން މުޅި ދިވެހި ގައުމު ރޮއްވާލިއެވެ. އެދުވަހު ޓީވީތަކުންނާއި ރޭޑިއޯތަކުން އިވެމުން ދިޔައީ މެދު ކެނޑުމެއް ނެތި ކީރިތި ގުރުއާނުގެ މާތް ބަސްފުޅުތަކެވެ. އެތައް އާއިލާއެއް ބިކަވި އެ ހާދިސާގައި 23 މީހަކު ނިޔާވިއެވެ. އޭގެތެރެއިން ބައެއް މީހުން ކަނޑުވެގެން ދިޔަ ގޮތަށް އަދި އަދަށް ދާންވެސް ނުފެނެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2004ވަނަ އަހަރުގެ މާޗު މަހުގެ 17ވަނަ ދުވަހުއެވެ. އަދިވެސް އެ ހަނދާންތަކާއި އެ އަސަރުތައް އެ އާއިލާއާ މުޅި ތިނަދޫއިންވެސް ފިލައިގެން ނުދެއެވެ.

އޭގެ ފަނަރު އަހަރު ފަހެވެ. ސްކޫލު ކިޔެވުން ބަންދު ދުވަސްވަރެއް ކަމުން ގުރައިޝާ އަބްދުﷲ 30، އޭނާގެ ފަސް އަހަރުގެ އީރާ ގޮވައިގެން އީރާގެ ބައްޕަ އަދި ގުރައިޝާގެ ފިރިމީހާގެ ގާތަށް ދިއުމަށް ހދ. ނޮޅިވަރަންފަރުން ކުޑަ ލޯންޗެއްގައި ފުރީ އެ އަތޮޅުގެ ހަނިމާދޫ އެއާޕޯޓަށް ދިއުމަށެވެ. ފޮނި އުއްމީދުތަކާއި އެކު އުފާވެރި ވަގުތު ކޮޅެއް އާއިލާއާ އެކުގައި ހޭދަ ކޮށްލަން ކެތްމަދުވެފައި ހުރި ގުރައިޝާގެ ފިރިމީހާގެ ދިރިއުޅުން ވީރާނާ ވެގެން ދިޔައީ ހަނިމާދޫ އެއާޕޯޓަށް ދިއުމަށް ދަތުރު ކުރަމުންދިޔަ ލޯންޗު ކޮޅިގަނޑެއްގައި ޖެހި ހަނިމާދޫ ބޭރު ކަންމައްޗަށް ލޯންޗު ބަންޑުން ޖަހާލި ހިސާބުންނެވެ. މި ހާދިސާގައި ގުރައިޝާގެ ބައްޕަ ހުސައިން އަބްދުﷲ އާ މަންމަވެސް މި ލޯންޗުން ދަތުރުކުރިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު އެއާޕޯޓަށް ލުމަށްފަހު އެނބުރި ރަށަށް އައުމަށް ފުރި މި ދެމަފިރިންެ ވެސް މި ދުނިޔެއާ އަލްވަދާއު ކީއެވެ. މި ހިތާމަވެރި ހާދިސާގައި ވެސް 5 މީހަކު ނިޔާވިއެވެ. މި ހާދިސާގައި ސަލާމަތްވީ ވެސް ފަސް މީހުންނެވެ. އޭގެތެރެއިން ތިން މީހަކަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނެވެ.

ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ ގިނަ ރަށްތަކަށް އަދިވެސް ދަތުރު ކުރަންވެސް ޖެހެނީ ކަނޑު މަގުންނެވެ. ކިތަންމެ ރަށާއި ކައިރި ކައިރީގައި ވައިގެ ދަތުރު ފަތުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް އެއާޕޯޓު އޮންނަ ރަށަށް ދާން ޖެހެނީ ކަނޑުގެ ރާޅުތަކާއި އެތަކެއް ހަނގުރާމައެއް ކޮށްފައެވެ. ހާއްސަ ގޮތެއްގައި މިފަދަ މޫސުން ގޯސް ދުވަސްވަރު ރުޅިގަދަވެފައި އޮންނަ ކަނޑުގެ ބިޔަ ރާޅުތަކާއި ހަނގުރާމަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ގައުމު އުފެދިފައި އޮންނަ ގޮތުން އަދި ދަތުރު ކުރަން މި ޖެހެނީ މިފަދަ ގޮތަކަށެވެ.

މި ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރުވެސް ދިވެހިން ހޭއަރާކަށް ނޫޅެއެވެ. ކޮންމެ ކަމެއްގައިވެސް އޮންނަ އެންމެ ފަސޭހަ ގޮތަކަށް ކަންކުރުމުގެ އުސޫލަކީ ދިވެހިންގެ އާދައެކެވެ. ނަމަވެސް މިފަދަ މޫސުމެއްގައި ލައިފް ޖެކެޓު ސީޓު ދަށުގައި ބާއްވައިގެން ދަތުރު ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ލައިފް ޖެކެޓް ދެނީ ސީޓު ދަށުގައި ރީއްޗަކަށް ބާއްވާކަށް ނޫނެވެ. އެއީ މިފަަދަ ހާދިސާތަކުގައި ދިމާވެދާނެ ހިތާމަވެރި ހާދިސާތަކުން ސަލާމަތް ވުމަށެވެ. މިފަދައިން އަމަލު ކުރާ ފަރާތްތަކަށް ކަނޑުމަތީގައި ހާދިސާއެއް ދިމާވި ނަމަވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވުމުގެ ފުރުސަތު ހަނިވެގެން ދެއެވެ.

ތެދު ބަހުން ވާހަކަ ދައްކާ ކަމަށްވާނަމަ މިއީ ގާނޫނެއް އޮންނަންވެސް ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ލޯންޗެއްވިއަސް ދޯންޏެއް ވިއަސް އެ އުޅަނދެއް ދުއްވަން އިންނަ މީހެއްގެ ޒިންމާއެއް އޮވެއެވެ. ތިމާ ދަތުރު ކުރަނީ އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެންކަން ހަނދާން ކުރަން އެބަޖެހެއެވެ. އެހެންކަމުން ލައިފް ޖެކެޓު ކޮންމެ މީހަކަށްވެސް ދީ އެ އަޅަން ބުނަންޖެހެއެވެ. އެކަމަށް އިންކާރު މީހަކު ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެއީ ހުދު އެމީހެއްގެ ރައްކަލަކަށް ބުނާ ވާހަކައަކަށް ވާތީއެވެ.

ކަމާ ގުޅުންހުރި މުއައްސަސާތަކުގެވެސް ޒިންމާއެއް އެބައޮތް:

 

ކަމެއްވާއިރަށް ރެކި ގަތުމަކީވެސް ދިވެހިންގެ އާދައެކެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދައްކާ މީހަކީ ގޯސް މީހަކަށް ވީ ނަމަވެސް މިވާހަކައަކީ މިއަދު ދައްކަން ޖެހިފައިވާ ވާހަކައެކެވެ. މިއީ ކަނޑު ގަދަ މޫސުން ގޯސް ދުވަސް ވަރެއްކަންވެސް އެބަ އިނގެއެވެ. އެމްއެންޑީއެފް ކޯސްޓު ގާޑާއި ކަނޑުމަތގައި ހަރަކާތްތެރިވާ ފުލުހުންނަށް ފަހަރުގައި ކަނޑުމަތީގައި ދުއްވަމުން ދަނީ ކިތައް އުޅަނދުތޯއާ އެ ހުރިހާ އުޅަނދެއް އޮތް ސަރަހައްދަކަށް ގޮސް، ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތީޯ ނުބެލި ދާނެއެވެ.

ނަމަވެސް ފުލުހުންގެ އިދާރާއެއް ނެތް ރަށެއް ރާއްޖޭގައި މަދުވާނެއެވެ. ކަންކަން ހައްލު ކުރެވޭނީ ކަންކަން ހައްލު ކުރުމަށްވެސް މަސައްކަތް ކުރީމައެވެ. މިފަދަ މޫސުމެއްގައި ފުރާ އުޅަނދު ފަހަރުތަކުގެ މައުލޫމާތު އެރަށެއްގައި ހުންނަ ކައުންސިލްގެ އިދާރާއަކަށް ނުވަތަ ފުލުހުންގެ އިދާރާއަކަށް ހުށަހެޅި ދާނެއެވެ. އަދި އެ އޮޑިއެއްވިއަސް ލޯންޗެއް ވިއަސް ހާއްސަ ގޮތެއްގައި މިފަދައިން ގިނަ މީހުން އަރުވައިގެން ދަތުރު ކުރާ އުޅަނދުފަހަރުތައް ފުރާ ގަޑިއެއް ރަށްރަށުގައި ހުންނަ މިފަދަ އިދާރާތަކަށް ހުށަހެޅިދާނެއެވެ. އަދި އެ އުޅަނދެއް ފުރާ ވަގުތު ސަލާމަތީ ކަންކަން ހުރީ ކިހިނެއްތޯ ބެލިދާނެއެވެ.

ނުބެލެންވީ ކީއްވެގެން ހެއްޔެވެ. ސިނަމާލެ ބްރިޖުގައި ހެލްމެޓު އެޅުން މަޖުބޫރު ކުރި ހިސާބުން ފެށިގެން އެ ތަނުގައި ހެލްމެޓު ނާޅާ ދުއްވާތޯއާ އެ ހެލްމެޓަކީ ސަރުކާރުން އާއްމުކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށް ފެތޭ ހެލްމެޓެއްތޯ ޔަގީން ކުރި އުސޫލުން މިފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި މޫސުން ގޯސް ކަނޑުގަދަ ދުވަސްތަކުގައި ކުރިން މި ދެންނެވި ފަދައިން އަމަލު ނުކުރެވޭނެ ހެއްޔެވެ.

އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަން ޖެހޭނީ ހަމައެކަނި އީދު ބަންދެއް ނުވަތަ ބޮޑު ޗުއްޓީ އައުމުން ހެއްޔެވެ. ތިމާމެންގެ ސަލާމަތް ހޯދުމުން މިކަން ނިމުނީ ކަމަށް ނުބަލަމާ ހިނގާށެވެ. އަނެކުންގެ ސަލާމަތާއި ރައްކާތެރިކަންވެސް ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާ ދުރާލާ ތައްޔާރުވަމާ ހިނގާށެވެ.