Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ނަޝީދުގެ ވާހަކަފުޅުން އެމްޑީޕީ އެކްޓިވިސްޓުން ނުރުހިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިއްޔެ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުން އެމްޑީޕީގެ ވަރަށް ގިނަ އެކްޓިވިސްޓުން ނުރުހި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، (އިސްލާހީ މަސައްކަތުގައި) ޕެޕާ ސްރޭ ޖެހުނު ކޮންމެ މީހަކު ސަރުކާރުގެ ވަޒީފާއެއްގެ އުއްމީދުގައި ތިއްބަވަން ނުޖެހޭ ކަމަށެވެ. މިހާރުވެސް ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ އިންތިހާއަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ތިބި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ފަޓާސްބަރިއެއް ހެން ދައުވާ އަމުނައި 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އެމަނިކުފާނު މިނިވަން ކުރުމަށް ރެއާއި ދުވާލު މަގުމަތީގައި ހޭދަކުރި އެތައް ބަޔަކަށް ވަނީ އަސަރުކޮށްފައެވެ.

ރައީސް ނަޝީދު ބޭރުގެ ހިމާޔަތުގައި ގައުމުން ބޭރުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނު ގާތުގައި ހުރިކަމަށް ގަބޫލުކޮށް ކޮންމެ ގަޑިއަކު މުޒާހަރާއަކަށް ގޮވާލި ނަމަވެސް ކުރަން ތިބި ހުރިހާ ކަމެއް ދޫކޮށްލާފައި އިންސާފުގެ ދިދަ އަތަށް ނަގައިގެން މަގުމަތީގައި ގަނަތެޅުނު އެތައް ބަޔަކަށް އެމަނިކުފާނު އިއްޔެ ދެއްވި ކޫލް ސްޕީޗް ކަމަކު ނުދިޔައެވެ.

އެމްޑީޕީ އެކްޓިވިސްޓުންނަށް އެ ސްޕީޗު ކަމުނުދިޔައީ ކޮންމެހެން މިނިސްޓްރީ ލެވެލް ވަޒީފާއެއް ހޯދައި ޓައީ އަޅައިގެން އޮފީހަށް ދިއުމުގެ ހުވަފެނެއް ތެދުކުރަން ބޭނުންވާތީއެއް ނޫނެވެ. ސޯޝަލް މީޑިޔާއަށް ކަޅިއެއް ހިންގާލުމުން އެމްޑީޕީ އިސް އެކްޓިވިސްޓުންގެ ނުތަނަވަސްކަން އަމާޒުވެގެން ގޮސްފައިވަނީ މުޅިން އެހެން ކަމަކަށެވެ.

ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެތައް އެތައް ބަޔެއްގެ އަނިޔާއާއި ދުއްތުރާ ލިބެމުން ދިޔައިރު ޔާމީންގެ ވެރިކަން ދިފާއުކޮށް އެމަނިކުފާނުގެ ކެމްޕޭނުގައި އަރާމުގައި މަސައްކަތް ކުރި އެތައް ބަޔަކަށް މިސަރުކާރުގެ އިސް މަގާމުތައް ލިބުމުން އެކަން ގަބޫލުކުރަން ދަތި އެތައް އެކްޓިވިސްޓުންނެއް މިއަދު ތިބިކަން ފާހަގަކޮށްލެވެއެވެ.

އޭރު ޕެޕާ ސްޕްރޭ ޖެހުމުން ހޭން ތިބި މީހުން މިއަދު މަންޒަރު ބަދަލުވުމުން އަނެއްކާވެސް ބޮޑު މަގާމުތަކަށް އައްޔަން ކުރުމަކީ އެދުވަހު ޖެހި ޕެޕާ ސްޕްރޭއިން ކުރި އަސަރު މޫނަށް އަލުން ލިބުމާ ދާދި އެއް ކަމެކެވެ. އެއީ އިންސާފު ހޯދަން ނިކުތުމުން އަނިޔާ ލިބި ޖަލުގެ ކުޑަގޮޅީގައި ބަންދުވި އެތައް ބަޔަކަށް ކުރެވުނު މަލާމާތެކެވެ.