Last Updated: April 26, 15:47
Friday, April 26, 2024
ރިޕޯޓް

ރިޟްވާން މަރުވިކަން "އޮޅިގެން" ދެފަހަރު ވަނީ އިއުލާން ކުރެވިފައި!

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ. އޭރުވެސް އާއިލާއާއި ގާތް ރަހުމަތްތެރިން ތުހުމަތުކުރަމުން ދިޔައީ ބަޔަކު ރިޟްވާން ވަގަށް ނެގީ ކަމަށެވެ.

ސަރުކާރުން އެކަމަށް އިސްކަމެއް އޭރު ދީފައިނުވާކަމުގެ އެންމެ ބޮޑު ހެއްކަކީ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރިޟްވާން ގެއްލިފައިވާ މައްސަލައާ ގުޅިގެން ކުރެވުނު ސުވާލަށް އެމަނިކުފާނު ދެއްވި ޖަވާބެވެ. "ނޫސްވެރިޔަކު ގެއްލިފައިވާނަމަ ދެން އަޅުގަނޑަށް ހީވަނީ ނޫސްވެރިޔަކު ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ ހެން" އެއީ އެދުވަހު ރައީސް ޔާމީން ވިދާޅުވި ބަސްފުޅެވެ.

ރިޟްވާނަށް ވީނުވީއެއް ނޭނގި އާއިލާއިން ފަސް އަހަރު ދުވަސް ހޭދަކޮށްފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ރިޟްވާން ވަގަށް ނެގުމަށް ފަހު ކަނޑުމަތީގައި މަރާލާފައިވާ ކަން ތަހުގީގަށް އެނގިފައިވާކަން އިއުލާން ކުރައްވާފައެވެ.

ނަމަވެސް އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޟްވާން ވަނީ މަރުވެފައި ކަމަށް ސަރުކާރަށް ވަނީ އޮޅުމަކުން ހާމަކުރެވިފައެވެ. ފުރަތަމަ ފަހަރަށް ހޯމް މިނިސްޓްރީގެ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ރިޟްވާން މަރުވެފައިވާ ކަމަށް ބުނެ ޓުވީޓެއް ކުރެވުނެވެ. ނަމަވެސް އެ ޓުވީޓު ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑިލީޓު ކޮށްފައެވެ.

އެއަށް ފަހު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކެމްޕޭނު ޖަލްސާއެއް ގައި، ރިޟްވާން ވަނީ މަރުވެފައި ކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ނަމަވެސް ރިޟްވާން ވަނީ ޝައްކެއް ވެސް ނެތް ގޮތުގައި މަރުވެފައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަމަ އެދުވަހު، އެހެން ރަށެއްގައި ޔާމީން ވަނީ ރިޟްވާން މަރުވެފައިވާ ކަމަށް ދެންނެވުނީ އޮޅިގެން ކަމަށް ވިދާޅުވެފައެވެ.

އިއްޔެ މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ހާމަކުރެއްވި މައުލޫމާތުތަކަކީ މީގެ ތިން އަހަރު ކުރިން ވެސް ފުލުހުންނަށް އެނގޭ މައުލޫމާތު ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސުވާލަކީ އުމަރު ނަސީރާއި ޔާމީން، މަގާމުގައި ތިއްބެވިއިރު ރިޟްވާން މަރުވެފައިވާކަން އެނގެނީސް ގަސްދުގައި އެކަން ހާމަނުކޮށް ތިއްބެވީތޯއެވެ؟

ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ރިޟްވާންގެ ތަހުގީގުގެ މިސްރާބު ބަދަލުކޮށްލަން ފަންޑިތަ ހަދައި ރަމަލު ޖަހައި މިފަދަ އެތައް ކަމެއް ކުރުވި ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ރިޟްވާން މަރުވެފައިވާކަން ދައުލަތަށް އެނގިތިބެ އާއިލާއަށް އެމައުލޫމާތު ހާމަނުކޮށް ތިއްބެވީ ކީއްވެތޯ ބެލުން އެއީ މިއަދުގެ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. އާއިލާއިން ފާއިތުވެދިޔަ ފަސް އަހަރު އެޅި ވޭނާއި ކުރެވުނު ތަހައްމަލުތަކަށް ބަދަލު ދެވޭނީ އިހުމާލެއް އޮތް ފަރާތްތަކަށް ފިޔަވަޅު އެޅިގެންނެވެ.