Last Updated: April 20, 19:35
Saturday, April 20, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ (ހަވަނަ ބައި)

ޝިޔާ ކޮޓަރިން ނުކުމެގެން ދިޔުމުން ޒައިކް މަޑުމަޑުން ދޮރުލައްޕައި ތަޅުލިއެވެ. އެއާއެކު ޒީޝާންގެ ހިތުގެ ތެޅުން އަވަސްވެ، އަތްފައިވެސް ވަގުތުން ފިނިވިއެވެ. ދެންވާނީ ކިހިނެއްބާއޭ ހިތަށްއަރައި އޭނާގެ ހިތްވެސް ރޫރޫ އަޅައިގަތެވެ. ޒައިކް މަޑު މަޑުން ހިނގާފައި އެނދާ ދިމާއަށް އަންނަން ފެށުމުން ޒީޝާންއަށް ހަދާނެގޮތް ހުސްވިއެވެ. ހާސްވެގެން ގޮސް، ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ. އޭސީގެ ފިނިކަމުގެ ތެރޭގައިވެސް މޫނުމަތިން ދާތިކިތައް ފާޅުވާންފެށިއެވެ.
" ކީއްވެ ކޮޅަށް ތިހުރީ؟….އިށީނދެބަލަ!…" ޒައިކް އައިސް ހުއްޓުނުއިރުވެސް އެހުރިގޮތަށް ހުރުމުން ޒައިކް ބުނެލިއެވެ. ޒީޝާން ބިރުންހުރެ މަޑުމަޑުން އެނދުގައި އިށީނެވެ. ޒައިކްވެސް ޒީޝާންގެ ދާދިގާތުގައި އިށީނުމުން، އޭނާއިނީ ޒައިކްކޮށްފާނެ ކަމަކަށް ބިރުންނެވެ. ޒީޝާންއާ ދިމާއަށް ޒައިކް ފުންކޮށް ބަލާލިއެވެ. އިސްޖަހައިގެން އިނދެ އަތުގެ އިނގިލިތަކާއި ކުޅެމުންދިޔަ ޒީޝާންގެ ހާސްކަން ޒައިކްއަށް ސިއްރުވާގޮތެއް ނުވިއެވެ. ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް މުއާމަލާތެއް ނުކުރެވިފައި ހަމަ ކުއްލިއަކަށް ކައިވެނި ކުރެވުމުން ޒީޝާން ޖެހިލުންވެ ހާސްވާނެވަރު ޒައިކްއަށް އިހުސާސް ކުރެވެއެވެ.
މިއީ ޒައިކްގެ އަލަތުކައިވެނި ކަމުގައި ނުވީނަމަވެސް ޚުދު އޭނާވެސް އިނީ ޖެހިލުންވާގޮތްވެފައެވެ. މުޅިންއާ ޒުވާން ޅަނދޮޅު އަންހެން ކުއްޖަކާއި ކުރިމަތިލާންވުމުން ތަފާތު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އެކުއްޖާއާއިމެދު އަމަލުކުރަންވީގޮތް ކުރިއްސުރެ އޭނާ ދިޔައީ ހިތުގައި ރާވާމުންނެވެ. ޒީޝާން މިހާގާތުން ފެނުމުން ޒީޝާންގެ ރީތިކަމާއި ފުރިހަމަކަންވެސް ޒައިކްއަށް ފާހަގަކުރެވުނެވެ. ޒީޝާންގެ ހަށިގަނޑުގައި ބީހިލަން އޭނާގެ ހިތް ކިތަންމެ އެދުނުނަމަވެސް މިރޭން މިރެޔަށް ޒީޝާންއާ ޖިސްމާނީ އެއްވެސް ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއްނޫނެވެ. އެއީ އޭނާގެ ހަލާލު އަނބިމީހާ ކަމުގައި ވީނަމަވެސް ޒީޝާންއަށް ވަގުތު ދޭން އޭނާބޭނުންވެއެވެ. އެހެންކަމުން މިރޭ އޭނާގެ ހިތްފުރާލަން ބޭނުންވީ ހަމައެކަނި ޒީޝާންގެ ރީތި ސޫރައަށް ބަލާލައިގެން އެކަންޏެވެ.
ޒައިކް ބަހެއްވެސް ނުބުނެ ގާތުގައި އިނދެގެން ޒީޝާންއަށް ބަލާކަށް އެނގޭތީ އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެތަނުން ތެދުވެގެން ދުވެފައި ބޭރަށް ނުކުންނަންވެސް އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް އެއީ ރީތިކަމަކަށް ނުވާނެތީ ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް އޭނާ ކެތްކުރިއެވެ. ޒައިކް އެހާވަރަކަށް މިރޭ އެބަލަނީ ފަހެ ކީއްވެގެން ހެއްޔެވެ؟ ޒައިކްއަށް އޭނާ އެފެނުނީ އަލަށް ހެއްޔެވެ؟ ނޫނީ މީގެކުރިންވެސް އޭނާ ފެނުމުން ޒައިކްބަލާކަން އޭނާއަށް އެނގިފައި ނެތީ ހެއްޔެވެ؟
ކައިވެނި ކުރެވުނީއްސުރެ، އޭނާގެ ހިތްތެޅެމުންދިޔައީ ޒައިކްއާ ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ. މިރޭ ޒައިކް ކޮންމެގޮތެއް ހެދިޔަސް އޭނާއަށް ޖެހޭނީ ނުރުހުމުގައިވެސް ޒައިކްއަށް ފުރުސަތުދޭންކަން އޭނާގެ މަންމައޮތީ މާކުރިއްސުރެ ވިސްނައިދީފައެވެ. ނަމަވެސް އޭނާގެ ހިތް އެއްގޮތަކަށްވެސް އެގޮތާއި ގަބޫލެއްނުވިއެވެ.
" ވަރަށް ވަރުބަލިވެފަދޯ ތިހުރީ….ޒީޝާން ބޭނުމިއްޔާ ނިދިޔަސް އެންމެ ރަނގަޅު…." ޒީޝާންގެ ކެތްތެރިކަން ކޮޅުންލާފައިވަނިކޮށް ޒައިކްބުނެލިއެވެ. ޒީޝާން ވަގުތުން އެނދުން ތެދުވެގެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފާޚާނާއަށްވަނެވެ. ޒީޝާންގެ ހަރަކާތްތައް އަވަސްވެފައިހުރިވަރުން ޒައިކްގެ ގާތަށް ހިނިވެސްއައެވެ. ފާޚާނާގެ ދޮރުލެއްޕުމާއެކު ދޮރުގައި ލެނގިލަމުން ޒީޝާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިރުކޮޅުކު ދެލޯމަރައިގެން ހުރެފައި އޭނާ ލޯހުޅުވާލިއެވެ. ލައިގެންހުރި ބަރުހެދުމަށް ބަލާލާފައި އޭނާއަށް ޗޮކެއް ކަނޑާލެވުނީ، އެހެދުންބާލާފައި ލާނެ އިތުރުހެދުމެއްވެސް ނުލައި ފާޚާނާއަށް ވަދެވުމުންނެވެ. ދެން އަލުން ޒައިކްގެ ކުރިމައްޗަށް ނުކުންނާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ. މިރޭ ޒައިކްބަލަން އިންގޮތުން އޭނާ ބިރުވެސް ގަނެއްޖެއެވެ. ޒީޝާންއަށް ހަދާނެގޮތެއް ނޭނގިފައި ފާޚާނާތެރޭގައި ބަންދުވެގެން އެތައްއިރަކު ހުއްޓެވެ.
" ޒީޝާން…..އަނެއްކާ ކަމެއްގޯސްވީތަ؟…." ޒައިކް އިންތިޒާރުކޮށް ކޮށްވެސް ފާޚާނާތެރެއިން އަޑެއްނީވުމުން ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ. އެއާއެކު ޒީޝާން ސިހިފައި ޖަވާބުދިނެވެ. ޒީޝާންއަށް ނުކުންނަން ނުކެރިގެން ހުރީކަމުގައި ޒައިކްއަށް ހީވާތީ އޭނާ އިތުރަށް ގޮވަން ނުހަދައި އައިސް އެނދުގައި އޮށޯތެވެ. ޒީޝާން ބޭނުންއިރަކު ފާޚާނާގައި ހުރެފައި ނުކުންނާނެ ނޫންހެއްޔެވެ؟ ޒައިކް އެހެން އޮއްވައި ނިދިއަންނަ ގޮތްވުމުން ތެދުވެގެން ގޮސް އޭނާލައިގެންހުރި ގަމީހާއި ފަޓްލޫނު ބޭލުމަށްފަހު ނިދަންލާން ގެންގުޅޭ ހަރުވާޅާއިއެކީ ބާ ޓީޝާޓެއްވެސް ލިއެވެ. ޒީޝާންގެ ކުރިމަތީގައި ހުސްގަޔާއޮންނަން އޭނާ ޖެހިލުންވީއެވެ.
ރޭދެބައިވަންދެން ޒީޝާން އެހުރިގޮތަށް ފާޚާނާތެރެއިން ނުކުންނަން ނުކެރިފައި ހުއްޓެވެ. އެންމެފަހުން ޒައިކްގެ އެއްވެސް ޚަބަރެއްނުވުމުން ޒީޝާން މަޑުމަޑުން ދޮރުހުޅުވާލާފައި ޒައިކް ކޮބާތޯ ބަލާލިއެވެ. އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޒައިކް ފެނުމާއެކު އޭނާއަށް ތުންއޫކޮށްލެވުނެވެ. އޭނާ ދެފައިވާޅުވާންދެން ފާޚާނާގައި ކޮޅަށްހުރިއިރު، ޒައިކް ހަމައަރާމުކޮށް ނިދަނީއޭ ހިތަށްއެރުމުން އޭނާގެ ގާތަށް ރުޅިއަންނަގޮތްވިއެވެ. ޒައިކްއަށް އެހާފަސޭހައިން ނިދުނީތީވެސް އޭނާ ހައިރާންވިއެވެ. ނަމަވެސް ޒައިކް ނިދިކަންވެސް އެއީ ނަސީބޭ އޭނާގެ ހިތަށްއެރިއެވެ. އެހެންނޫންނަމަ އިރުއަރާންދެންވެސް އޭނާ ހުންނަން ޖެހޭނީ ފާޚާނާގައެވެ. ޒީޝާން އޭނާގެ އަންނައުނުފޮށި ހުޅުވާލުމަށްފަހު ގޭގައިލައިއުޅޭ ކަހަލަ އާދައިގެ ހެދުމަކާއި ހަރުވާޅެއް ހިފައިގެން ފާޚާނާއަށްވަނެވެ. ޒައިކް ލޯމަރައިގެން އޮތްނަމަވެސް ނުނިދާވެސް އޮވެދާނެކަމުގައި އޭނާގެ ހިތްބުނާތީ، ކޮޓަރިތެރޭގައި ހެދުން ބަދަލުކުރަން އޭނާ ޖެހިލުންވިއެވެ.
ފާޚާނާއިން ނުކުންއިރު، ނިދިއައިސްގެންވެސް އޭނާއަށް ހުރެވެނީކީނޫނެވެ. ދެފައިކޮޅުގައިވެސް ރިއްސާވަރުން ކޮޅަށްހުންނަން ވެސް އުނދަގުލެވެ. އޭނާ އަވަސް ހަރަކާތަކާއެކު ހެދުން އަލަމާރީގެ ކޮނޑެއްގައި އަޅުވާފައި އައިސް އެނދުގެ އަނެއްފަރާތުގައި ޒައިކްއާއި ވީހާވެސް ދުރުގައި އޮށޯތެވެ. އަދި އެދެމެދަށް ކަންނެއޮލައި ދެމީހުންގެ މެދުގައި އިންވަކިކުރިއެވެ. ނިންޖައިގެން އެސްފިޔަތައް ބަރުވެފައިވީނަމަވެސް، ލެވިފައިވާ ހެދުމަކީ އާއްމުކޮށް ނިދާއުޅޭއިރު ލާކަހަލަ ހެދުމަކަށް ނުވާތީއާއި ބުރުގާވެސް އަޅަގައިގެން އޮންނަން ޖެހުމުން އުނދަގޫވާވަރުން ނިދަންވެސް ދަތިވިއެވެ. އޭނާގެ އަމިއްލަ ގޭގައި ނިދާއިރު، އޭނާ ލައިއުޅެނީ ނުހަނު އަރާމުފޮތީގައި ފަހާފައިހުންނަ ރެޑީމޭޑް ނައިޓީއެވެ. ނަމަވެސް ޒައިކްގެ ކުރިމަތީގައި އެފަދަ އެއްޗެއްލާކަށް އޭނާއަކަށް ލާހިކެއްނޫނެވެ.
އަދަބެއްދީފައި އޮންނަމީހަކު ފަދައިން އެއޮތްގޮތަށް އަތަކަށްވެސް ގުޑާނުލައި ޒީޝާންއޮތީ އޮޅިގެންވެސް އޭނާއަށް ޒައިކްއާވީ ފަރާތަށް އަތެއްފައެއްވެސް އެއްލިދާނެތީއެވެ. އަމިއްލަ އެނދުގައި ބޭނުންގޮތަކަށް ފުރޮޅި ފުރޮޅިފައި ނިދަން އާދަވެފައިވާ ޒީޝާންއަށް މިރޭމިވީ ހަޤީޤަތުގައިވެސް އަދަބެއް ލިބުނު ރެއަކަށެވެ. ނިދެމުން ނިދެމުން ގޮސްވެސް އިރުއިރުކޮޅުން އޭނާއަށް ދެލޯހުޅުވާލެވެއެވެ. ޒީޝާންއަށް ރަނގަޅަށް ނިދޭގޮތްވީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. ޒައިކް ފަތިސްނަމާދަށް ހޭލާފައި ތެދުވި ވަގުތު ކުއްލިއަކަށް ޒީޝާންފެނިފައި ސިހޭގޮތްވިއެވެ. ރޭގައި ކައިވެނި ކުރެވުނުކަން ހަނދާންވެފައި އޭނާއަށް ހިނިތުންވެވުނެވެ. މައުސޫމުގޮތަކަށް ނިދާފައި އޮތް ޒީޝާންގެ މޫނަށް ބަލަން އިރުކޮޅަކު އޭނާއިނެވެ.
" ބުރުގާވެސް އަޅަގައިންބާ އަބަދުވެސް ނިދަނީ؟…" ޒީޝާން ބުރުގާ އަޅައިގެން އޮތުމުން ޒައިކްއަށް ހިތާ ހިތާކިޔާލެވުނެވެ. ޒައިކް ތެދުވެ ފާޚާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ނަމާދަށްދާން ތައްޔާރުވެފައި ޒީޝާންއަށްވެސް ނަމާދުކުރުމަށް ގޮވިއެވެ. ރޭގައި ނިދުނުލެއް ލަސްކަމުން ޒީޝާންއަށް ލޯހުޅުވާލެވުނީވެސް ޒައިކް ދެތިންފަހަރު ގޮވިފަހުންނެވެ. ކުޑަކޮށް ދެލޯހުޅުވާލާފައި ބަލާލި ވަގުތު ކުރިމަތީގައި ހުރި ޒައިކް ފެނިފައި ދެލޯބޮޑުކޮށްލަމުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ހާސްވެފައި ދެކޮޅު ބަލާލެވުނީ ޒައިކް އޭނާގެ ކޮޓަރިއަށްވަނީ ކިހިނެއްބާއޭ ހިތަށްއަރާފައިއެވެ. ރަނގަޅަށް ވިސްނާލުމުން އޭނާއަށް މިއޮވެވުނީ ޒައިކްގެ ކޮޓަރީގައިކަންވެސް އެނގުނެވެ. އޭނާ އިއްޔެގައި ޒައިކްއާ ކައިވެނިކުރެވުނުކަން ހަނދާންވުމާއެކު ތުންފަތުގައި ދައިގަނެވުނެވެ.
" ކޮބާ ހޭލެވިއްޖެތަ؟….ފަތިސްވެއްޖެ އިނގޭ….އެހެންވެ މިގޮވީ…" ޒީޝާން ބަހެއްނުބުނެ ހުންނަން ފެށުމުން ޒައިކް ވާހަކަދެއްކިއެވެ. ޒީޝާން އާއެކޭބުނެ ބޯޖަހާލުމުން ޒައިކް ހީލާފައި ނުކުމެގެން ދިޔައެވެ. ޒައިކް ދިއުމުން ޒީޝާން ފެންވަރައިގެން ނަމާދަށް އެރިއެވެ. އޭނާއަކީ އާއްމުކޮށް ފަތިހު ހޭލޭއުޅޭ ކުއްޖެއްނޫންކަމުން، ނަމާދުކޮށް ނިމުމާއެކު އަނެއްކާވެސް އެނދުގައި އޮށޯތީ ނިދީގެ އަސަރު އަދިވެސް ނުފިލާތީއެވެ. އިރުކޮޅަކު ނިދާލުމަށްފަހު ތެދުވަން ގަސްތުކޮށްގެން އޮތް ޒީޝާންއަށް ގަދަނިދީގެ ތެރެއަށް ފީނައިގެން ދެވުނުއިރެއްވެސް ނޭނގުނެވެ. އިރުއަރަންދެން މިސްކިތުގައި އިނދެފައި ޒައިކް ގެޔަށްއައިރު ޒީޝާން ނިދާފައި އޮތުމުން ގޮވާލަން ހިތަށްއަރާފައިވެސް އަޅާނުލާބޭއްވީ ޒީޝާންއަށް ރޭގައި ރަނގަޅަށް ނުނިދުނީކަމުގައި ހީވާތީއެވެ. ޒައިކް ބަދިގެފަރާތަށް ގޮސް އަމިއްލައަށް ކޮފީއެއް ހަދާލައިގެން ގޯތެރެއަށްނުކުމެ މަސްފެންގަނޑުގެ ގާފޮޅުމަތީގައި އިށީނެވެ. ކޮފީބޯން އިނދެގެން ފެންގަނޑަށްއެޅިފައިހުރި ފަތްތައްވެސް ސާފުކޮށް މަސްތަކަށް ކާންވެސްދިނެވެ. ކުލަކުލައިގެ މަސްތައް ދުވާމަންޒަރު ބަލަން އިންއިރު އޭނާގެ މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ވިއެވެ.
" ބައްޕީ…" ޒީކްގެ އަޑުއިވިފައި ޒައިކް ބަލާލިއިރު ހިނިތުންވެހުރެ ޒީކް ގެއިން ނުކުންނަނީއެވެ. ޒީކްގެ ފަހަތުން ޒައިކް މަންމަވެސް ނުކުތެވެ.
" އަނހާ ބައްޕިގެ ދޫނި ހާދަ ހެނދުނަކާ ހޭލައިގެން މިއުޅެނީ…..އާދެބަލަ މަސްތަކަށް ކާންދޭން…" ޒައިކް ލޯތްބާއެކު ބުނެލުމުން ޒީކް ދުވެލާފައި އައިސް މަސްފެންގަޑު ކައިރިއަށް ހުއްޓުނެވެ.
" ދަރިފުޅު ހާދަ ހެނދުނަކާ ތެދުވެގެން ތިއުޅެނީ……ކޮބާ ޒީޝާން…ޒީޝާންއަށް ރަނގަޅަށް ނިދުނުތަ؟" ހައްވަ އައިސް ޒައިކްގެ ގާތަށް ހުއްޓެމުން އަހާލިއެވެ.
" އަހަރެން ކުރިންވެސް ފަތިހު ތެދުވަމެއްނު މަންމާ…" ޒައިކް ހީލަމުން ޖަވާބުދިނީ މަންމަ އެސުވާލުކުރީތީ ހިސާބަކަށް ލަދުގަނެފައި ހުރެގެންނެވެ.
" އާނ މަންމައަށް އެނގޭ….އެކަމު ދަރިފުޅުމެންނަށް ރޭގަ ރަނގަޅަށް ނުނިދިދާނެތީ މަންމަ ވަރަށް ކަންބޮޑުވި….ޒީޝާންއަށް އާގެޔެއްވީމަ އެފަކީރު ތަންވިޔަރިވެގެންވެސް އުޅެދާނެއެއްނު.." ހައްވަ ލޯތްބާއިއެކު ބުނެލިއެވެ.
" އާނ…ރޭގަ ޒީޝާންއަށް ނިދަން އުނދަގޫވެގެން އުޅުނު…ފަތިހު ނަމާދަށް ގޮވީމަ، ނަމާދުކޮށްގެން އަނެއްކާވެސް ނިދިފަ އޮތީ….އެހެންވެ ނުގޮވަންވެގެން މިއައީ…" ޒައިކް މަންމައަށް ވިސްނޭނެފަދައަކުން އޮޅުންފިލުވައިދިނެވެ.
" އާނ…އެހެންވީމަ ޒީޝާންއަށް އުނދަގޫނުކޮށް އިހަށްބާއްވާ…." ހައްވަ އަނެއްކާވެސް ބުނެލިއެވެ. ޒައިކްއިނީ މަންމަ އެވާހަކަ ހުއްޓާލާފައި އެތަނުން ދާނެއިރެއްގެ އިންތިޒާރުގައެވެ. އިތުރު ސުވާލެއް މަންމަ ކޮށްފާނެތީ އޭނާއިނީވެސް ބިރުންނެވެ. އަލަތުދެމަފިރިންގެ ފުރަތަމަ ރޭވޭތުކުރާނެ ގޮތަކާއިމެދު މަންމަ ވިސްނާނީ ކޮންގޮތަކަށްކަމެއް އޭނާއަކަށް ނޭނގޭވިއްޔާއެވެ. ނަމަވެސް އެނގޭ އެއްޗަކީ ޒީޝާންއާމެދު މަންމަ ކަންބޮޑުވެފައިހުރި ކަމެވެ. ޒީޝާން ހިތްހަމަޖެހޭފަދަ ގޮތަކަށް ކަންކަން ދިޔަތޯ ޔަޤީންކުރަންވެސް މަންމަ ބޭނުންވެފައިވާކަމެވެ. ޒީޝާންދެކެ މަންމަ ލޯބިވާވަރު އޭނާއަށް އޮޅިފައެއްނެތެވެ.
ޒީޝާންއަށް ހޭލެވުނީ އޭނާގެ ފޯނުރިންގްވާ އަޑަށެވެ. ކަންނެތްކަމާއެކު ލޯހުޅުވާލަމުން ބާލީސްކައިރީގައި އޮތްފޯނު ނަގައި ބަލާލިއިރު ގުޅަނީ ޝިޔާއެވެ. މިހާ ހެނދުނާއެގުޅަނީ ކީއްކުރަންކަން އޭނާއަށް އެނގެއެވެ.
" ހެލޯ…" ނިދިއަޑަކުން ޒީޝާން ބުނެލުމުން ޝިޔާ ފުރަތަމަވެސް ޖަހާލީ މަޖާ ހިނިގަނޑެކެވެ.
" ކިހިނެއްތަވީ؟…" ރަނގަޅަށް ދެލޯހުޅުވާލާ ހަމަޖެހިލަމުން ނުރުހުމުގެ ރާގެއްގައި ޒީޝާންބުނެލިއެވެ.
" ހޭއި ދުލްހަން…އަދިވެސް ތެދުވެވޭވަރު ނުވަނީތަ؟…ސުހާގުރާތުގަ ހަމައެއްގޮތަކަށްވެސް ނުނިދާތަ އުޅުނީ؟…" ޝިޔާ އޭނާގެ މަޖާގޮތްގަނޑުގައި ސުވާލުކުރަން ފެށުމުން ޒީޝާން ރުޅިއަންނަންނަ ގޮތްވިއެވެ.
" ދެން ޝިޔާގަނޑާ….ހަމަ ހުރިހާ އެއްޗެއް އެނގިހުރެ ކޮން ސުހާގުރާތެކޭތަ ތިކިޔަނީ؟…ހުއް މަށަށް ނުނިދުނީ އެޒައިކްގަނޑަކާހެދި ފާޚާނާއިން ނުނުކުމެވިފަ ހުންނަން ޖެހިގެން….އެހުރިހާއިރު އެތާހުރެފަ ނުކުތްއިރު އޭނައޮތީ އަރާމުގަ ނިދާފަ…" ޝީޒާން ޝަކުވާކުރަންފެށުމުން ހައިރާންވެ ވާނުވާނޭގިފައި ޝިޔާއިނެވެ.
" ފާޚާނާގައޭ….ކީއްވެ ފާޚާނާއިން ނުނުކުމެވިފަ ހުންނަންޖެހުނީ؟…އަނެއްކާ ޒައިކް ސަރ ކީއްތަކުރީ؟…އެންމެރެޔަކުން ހާދަވަރެއްކޮށްލީމައޭ ދޯ ފާޚާނާގަ ރޭ ހަތަރުދަމު ހުންނަން ޖެހޭނީ" ޝިޔާ ލާނެއްގޮތަކަށް ހީލަމުން ބުނެލުމާއެކު ޒީޝާންއަށް ބުނެވުނު އެއްޗެއް ރޭކާލިއެވެ.
" ޝަޓްއަޕް…ނޫޅެން ވާހަކަދައްކާކަން….ތީހާދަ ޑާޓީމައިންޑެއް ހުންނަ އަންހެނެކޭ….ހުރޭ މަވެސް އަދި ދިމާކުރާނަމޭ ތިދެމީހުން މެރީކުރާ ދުވަހަކުން…" ޒީޝާންވެސް ދެރަނުވާންވެގެން ބުނެލިއެވެ.
" އިންތިޒާރުކުރޭ! ހަމަ ތައްޔާރަށް މިހުރީ…މަށަށް ކެރިދާނެ ޒީކުރާ ކޮންމެ ސުވާލަކަށް ޖަވާބުވެސްދޭން….ޒީއަށް ނުކެރޭނީ ސުވާލުކުރަން…" ޝިޔާ އޭނާގެ ކެރޭކަން އަންގާލުމުން ޒީޝާންގެ ރުޅިއިތުރަށް ގަދަވިއެވެ.
" ތީ ލަދެއްވެސް ގަންނަ އަންހެނެއްނޫންވިއްޔަ….ކޮންމެ އެއްޗެއްވެސް ކިޔާފާނެ…ދެން ފޯނު ބާއްވަނީ…" ޒީޝާން ބުނެލިއެވެ.
" ނޫން…އަޅެވީގޮތް ކިޔާދީފަ ބާއްވަބަލަ…އެހެންނޫނީ މަށަށް މިއަދު އެކަމާ ވިސްނޭވަރުން އެހެން އެއްކަމެއްވެސް ނުކުރެވޭނެ…" ޝިޔާ ސީރިއަސްރާގެއްގައި އާދޭހާއެކު ބުނެލުމުން ޒީޝާން ކަންތައްވީގޮތް ކިޔާދިނެވެ. ޝިޔާއަށް އެކަންވީ ނުހަނު މަޖާކަމަކަށެވެ. އެކަމާ ޒީޝާންއާ ދިމާކުރަންފެށުމުން ޒީޝާން ރުޅިއައިސްފައި ފޯނު ކަނޑާލިއެވެ.
" މީފިސާރި އަންހެނެއް….މީނަގެ ކިބައިން ސަލާމަތްވާނެ އެއްގޮތެއްވެސް ނޯންނާނެ…" ޒީޝާން އަމިއްލަ އަމިއްލައަށް ކިޔާލިއެވެ.
" ސުބުޙާނަﷲ….މިހާރު އެގާރަވެސް ޖެހީތަ؟…އަޅެނޫން…ކޮބާބަ ޒައިކް؟…" ފޯނުން ގަޑިފެނިފައި ކަންބޮޑުވެގެން ޒީޝާންއަށް ބުނެލެވުނެވެ.
" އޯހ ނޯ….ދެން ކިހިނެއްހަދާނީ؟…ޒައިކްގެ މަންމަ ހީކުރާނީވެސް ކީކޭ؟…އަހަރެންގެ މަންމައަށް އެނގިއްޖެއްޔާ ނިމުނީ….ވަރަށް ރުޅިއަންނާނެ…މެރީކޮށްގެން ފުރަތަމަ އައިދުވަހުވެސް އެހާލަހުން މިހޭލެވުނީ….މަންމަ އެވަރަށް ނަސޭހަތްދީފަ ފޮނުވާލީމަވެސް ވީވަރު" ޒީޝާންއަށް ކަންބޮޑުވެގެން ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއަށްވަދެ ފެންވަރާލިއެވެ. ފާޚާނާއިން ނުކުމެ ލޯގަނޑުކުރިމަތީގައި ތައްޔާރުވާން ހުއްޓައި ބޭރުން މީހަކު ތަޅުގައި ހިފާލި އަޑުއިވިފައި ޒީޝާންގެ އަތްފައި ފިނިވިއެވެ. އަވަސްގޮތަކަށް ބުރުގާ އަޅާލައިގެން ގޮސް ދޮރުހުޅުވާލިއިރު، ދޮރުމަތީގައިހުރީ އޭނާގެ މަންމައެވެ.
" މަންމާ!" ބިރުންގޮސް އޭނާގެ އަޑުވެސް ނުކުތީ ކިރިޔާއެވެ.
" ދަރިފުޅު ސައިބޯކަށްނުވޭތަ؟…މިހާލަސްވާއިރު ބަނޑުހައިވެފައެއްނު ހުންނާނީވެސް…" މަންމަ ވަރަށް ލޯތްބާއިއެކު ބުނެލުމުން ޒީޝާން ހައިރާންވިއެވެ. އޭނާ ހީކުރީ އޭނާއަށް ލަހުން ހޭލެވުމުން މަންމަ ހުންނާނީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ.
" މަންމާ….ރޭގަ ލަހުން ނިދުނީމަ ނުހޭލެވުނީ.." ޖެހިލުންވެހުރެ ޒީޝާން ބުނެލިއެވެ.
" މަންމަ ނާހަމެއްނު ދަރިފުޅާ….މަންމައަށް އެނގޭ ދަރިފުޅު ނުބުންޏަސް އަލަތުކައިވެނީގެ ރޭގަ އަވަހަށް ނުނިދޭނެކަން…" ހީލަމުން ޒީނާ ބުނެލި ޖުމްލަ ދޭހަވުމުން ޒީޝާން ލަދުގަތެވެ. މަންމަ ހީކުރާނީ ރޭގައި އޭނާއާއި ޒައިކްގެ މެދުގައި އަލަތުދެމަފިރިންގެ މެދުގައި ހިނގާނެފަދަ ހުރިހާކަމެއްވެސް ހިނގީކަމުގައިކަން ޔަޤީނެވެ. ނޫންނަމަ އެފަދަ އެއްޗެއް މަންމަ ނުބުނާނެއެވެ. ޒީޝާންއަށް ވިސްނުނު އެއްޗަކުން މަންމަގެ ކުރިމަތީގަ އިސްއުފުލާލަންވެސް އޭނާ ލަދުގަތެވެ.
" ދެން އަވަހަށް އާދޭ ސައިބޯން…ދަރިފުޅު ނުނިކުމެގެން ހައްވަދައްތަވެސް އިނީ މިހާރު ކަންބޮޑުވެފަ…" ޒީނާ ޒީޝާންގެ އަތުފައި ހިފާލަމުން ބުނެލިއެވެ. ޒީޝާން ބަހެއްވެސް ނުބުނެ ޒީނާއާއެކީގައި ބޭރަށް ނުކުތްއިރު ހައްވައާއި ހަމީދުވެސް ސިޓިންރޫމުގައި ތިއްބެވެ. ނަމަވެސް ޒައިކް ފެންނާކަށް ނެތެވެ. އެއީވެސް ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ.
" ދަރިފުޅާ އަވަހަށް ހިނގާ ސައިބޯން….މަންމަ މިހުންނަނީ ދަރިފުޅު ހޭލީމަ އެކީގަ ސައިބޯންވެގެން…" ހައްވަ އައިސް ޒީޝާންގެ އަތުގައި ހިފާލަމުން ލޯތްބާއިއެކު ބުނެލިއެވެ. ހައްވަގެ ފަހަތުން ޒީނާވެސް ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ހައްވަގެ އޯގާތެރިކަމާއި އަޅާލުން ފެނިފައި ޒީޝާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާހީކުރީ ހައްވަ ހުންނާނީ އޭނާއަށް ލަހުން ހޭލެވުނީތީ ނުރުހިފައި ކަމުގައެވެ.
" ދަރިފުޅާ ރަނގަޅަށްކާތި އިނގޭ!…ރޭގަ ނުވެސްނިދުން ދޯ ތަންވިޔަރިވެގެން….ޒައިކްބުނި އެވާހަކަ.." ޒީޝާން ކާންފެށިތަނާ ހައްވަބުނި އެއްޗަކުން އޭނާކޮށި ނޭރީވެސް ކިރިޔާއެވެ. ޒައިކްއަށް އޭނާއަށް ނުނިދިގެން އުޅުނުކަން އެނގުނީ ކިހިނެއްބާއެވެ. ޒައިކްވެސް ރޭގައި ނުނިދަނީ ހެއްޔެވެ؟
" ކިހިނެއްވީ؟…ކީއްވެ ނުކައިތިއިނީ؟…" ޝީޒާން ޚިޔާލަކަށް ގެއްލިފައި އިނުމުން ހައްވަ އަހާލިއެވެ.
" ކަމެއްނުވޭ!…" ޒީޝާން އަވަހަށް ކާންފެށީ އިތުރު ސުވާލެއް ކޮށްފާނެތީ ބިރުންނެވެ. ހައްވައާއި ޒީނާ އެމީހުންގެ އަމިއްލަ ވާހަކައިގައި ތިއްބައި އޭނާ އަވަހަށް ކައިނިންމާލިއެވެ.
" ދަރިފުޅު ހާދަކުޑަކޮށޭ ތިކެއީ…" ޒީޝާން ތެދުވުމާއެކު ހައްވަބުނެލިއެވެ.
" އެއީ ގޭގަ އުޅޭއިރުވެސް އާދަ…ފަލަވެދާނޭ ކިޔާފަ މާގިނައެއްކޮށް ނުކާނެ….އެހެންވެޔޭ އެހާހިކިކޮށް އެހުންނަނީވެސް…." ޒީނާ އިތުރުކޮށްލިއެވެ. މަންމަގެ ވާހަކަ އަޑުއަހާފަ ޒީޝާންއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. އޭނާ ފަލަވެދާނެތީ އެހާބިރުން އުޅޭއިރު، މަންމަ އަދިވެސް އެއުޅެނީ އޭނާ ހިކިކަމުން ދެރަވެގެންނެވެ. މަންމަމެން ވާހަކައިގައި ތިއްބައި ޒީޝާން އެތަނުން ނުކުމެގެން ދިޔައެވެ. އޭނާ ކޮޓަރިއަށްވަދެ ދޮރުލައްޕާފައި އެނބުރިލީވަގުތު ސިހުނީ ހަމައެކަނި ތުވާލި އޮޅާލައިގެން ފާޚާނާއިން ނުކުން ޒައިކް ފެނުމުންނެވެ. ޒައިކްއަށްވެސް ޒީޝާން ފެނިފައި ހުއްޓިލެވުނެވެ. ޒީޝާން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ޒައިކް ފެނުމުން އޭނާ ކޮޓަރިއަށް އައި ބޭނުންވެސް ހަނދާންނެތުނެވެ. އެހެންކަމުން އަވަހަށް ކޮޓަރިން ނުކުތުމަށް އޭނާ ގަސްތުކުރިއެވެ.
" ސައިބޮއެފިންތަ؟…" ވަރަށް ގާތްގޮތަކަށް ޒައިކް އަހާލިއެވެ. ޒީޝާން އާއެކޭބުނީ ބޮލުގެ އިޝާރާތުންނެވެ. ޒައިކް ފެނުމުން އޭނާ ޖެހިލުންވަނީ މާވަރަކަށެވެ. އަދިވެސް އޭނާއަށް އިހުސާސްކުރެވެނީ އޭނާގެ "ސަރ" އެއް ފެނުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ޒައިކްއާމެދު އެނޫން ގޮތަކަށް އޭނާއަށް ދެކެވޭނެބާއޭވެސް އޭނާގެ ހިތަށް އަރައެވެ.
" ރޭގަ ނިދަން ވަރަށް އުނދަގޫވިދޯ….އާތަނެއްވީމަ އެހެންވެސް ވާނެ….އެކަމު އެހެން ގޮތަކުން އުދަނގުލެއް ވާނަމަ ބުނާތި އިނގޭ! އޭރުން އަހަރެންނަށް އެނގޭނީ އެކަމެއް ރަނގަޅުކޮށްލަން….މިބުނީ ފަހަރެއްގަ އަހަރެންގެ ސަބަބުން އުދަނގުލެއް ވެދާނެތީ…" ޒައިކް ބެލީ ވީހާވެސް ބޮޑަކަށް ޒީޝާންއާ ގާތްކޮށް ވާހަކަދެއްކޭތޯއެވެ. ޒައިކް ދެއްކި ވާހަކަތައް އަޑުއެހި ނަމަވެސް ޒީޝާން އެއްވެސް ޖަވާބެއް ނުދެއެވެ. ޒައިކްއާ އެއް އެނދުގައި ނިދަން ވުމުން އޭނާ އުފުލަން ޖެހުނު ތަކުލީފު އޭނާ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ މިއަދާ ޖެހެންދެން އޭނާއަކީ ކިހާ އަރާމުގައި ނިދާ އުޅުނު ކުއްޖެއް ހެއްޔެވެ؟ ނިދާގަޑީގައި އޭނާ ބޭނުންވާފަދަ ހެދުމެއް ލެވެއެވެ. އެނދުގައި ބޭނުން ގޮތަކަށް އޮވެގެން ނިދެއެވެ. ނަމަވެސް މީގެފަހުން އޭނާއަށް އެގޮތަކަށް ނޫޅެވޭނެއެވެ. އެއީ ހަމަ ޒައިކްގެ ސަބަބުންނެވެ.
" ޒީޝާން….ކީއްވެ އެއްޗެއް ނުބުނެ ތިހުރީ؟…ކަމަކާ ހިތްހަމަ ނުޖެހިފަތަ؟…" ޒީޝާންގެ ގާތަށް ހުއްޓެމުން ޒައިކް އަހާލިއެވެ. އެވަގުތު ޒައިކްގެ ގައިން ދުވި ޝަވަރޖެލްގެ މީރުވަސް ޒީޝާންގެ ހިއްސުތަކާ ކުޅެލިއެވެ. ޒައިކް އޭނާއާ އެހާގާތުގައި ހުރުމުން ޒީޝާންއަށް އުނދަގޫވަމުން ދިޔައެވެ. ޒައިކް މަޑުމަޑުން އައިސް ޒީޝާންގެ ކުރިމަތީގައި ހުއްޓުނީ ޒީޝާންގެ މޫނު ބަލާލުމުގެ ބޭނުމުގައެވެ. އިސްއުފުލާލަން ނުކެރިފައިހުރި ޒީޝާންހުރީ އެތަނުން ދުވެފިލަން ބޭނުންވެފައެވެ.
" ބައްޕީ…ބައްޕީ…" ޒީޝާންއާއި ޒައިކް ސިހުނީ ދޮރުހުޅުވާލާފައި ވަތް ޒީކްގެ އަޑުންނެވެ.
" އަނހާ..ބައްޕިގެ ދޫނި ކިހިނެއްވީ؟…" ޒައިކް ޒީކްއާ ދިމާއަށް ހިނގައިގަންނަމުން ލޯތްބާއިއެކު އަހާލިއެވެ.
" ބައްޕީ ބޯލް ވެއްޓުނީ ފެންގަނޑަށް…." ލޯބިއަޑަކުން ދެރަވެލާފައި ޒީކް ބުނެލިއެވެ.
" ޒީކް ހިނގާ ޒީދައްތި ބޯލް ނަގައިދޭނަން…" ޒީޝާން ފުރުސަތުގެ ބޭނުން ހިފައި އެތަނުން ނުކުތުމަށް އަވަސްވެގަތެވެ. ޒީކްވެސް ދެބަހެއްނެތި ޒީޝާންއާއެކު ބޭރަށް ހިނގައިގަތެވެ. ޝީޒާން ދިއުމުން ހިނިތުންވެލާފައި ޒައިކް އަލަމާރި ހުޅުވާލިއެވެ.
ކައިވެނި ކުރެވުމުން ޒީޝާން އޭނާގެ އުޅުން ބަދަލުކުރަން މަސައްކަތްކުރިއެވެ. މަންމަގެ އެދުމާއެކު އޭނާ ގޭތެރޭގައި ޒައިކްގެ މަންމައަށް އެހީވުމަށްވެސް މަސައްކަތްކުރިއެވެ. ނަމަވެސް ހެނދުނު ތެދުވެ ފެންވަރައިގެން ނުކުންނައިރު ހައްވަ ހުންނަނީ ހެނދުނުގެ ސައިހަދައި ގޭތެރެއާއި ގޯތިތެރެވެސް ކުނިކަހާފައެވެ. ނުވިތާކަށް ޒައިކްއާއި ޒީޝާންގެ އަންނައުނުވެސް ދުވަހުން ދުވަހަށް ދޮވެ އިސްތިރިކުރެއެވެ. ފުރަތަމަ ދުވަސްކޮޅު އޭނާ އެކަންކަމާ ލަދުގަނެ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވުނެވެ. އޭނާއަކީ އެއްއިރެއްގައިވެސް ހެނދުނު ތެދުވަން އާދަވެފައިވާ ކުއްޖަކަށް ނުވާއިރުވެސް، ކޮންމެ ރެއަކު ފަތިސްނަމާދަށް ޒައިކް ގޮވުމުން އޭނާ ތެދުވެއެވެ. ނަމާދުކޮށްގެން ބައެއް ދުވަސް ދުވަހު ނިދުނުނަމަވެސް ގިނަދުވަސް ދުވަހު އޭނާ ބޭރަށް ނުކުމެއެވެ. ބަދިގެ ތެރޭގައި ނުވަތަ ގޭތޭރެ ކަމެއްގައި ހައްވައަށް އަތްގާތްކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް އަދި އެފުރުސަތެއް ނުލިބެއެވެ.
ނުނިމޭ