Last Updated: April 26, 11:19
Friday, April 26, 2024
ރިޕޯޓް

ފިނދު ވީދައިގެން ކެއުމެއްނެތެވެ. އޮތީ ދައުލަތް ވީދުމެވެ.

ފިނދު ވީދައިގެން ކެއުމޭ ބުނެވޭ ބަހުގެ މުރާދަކީ ހިލޭސާބަހަށް މަސައްކަތްކޮށްދީފައި ތިމާގެ އަމިއްލަ ޖީބުން ހޭދަކޮށްގެން ތިމާ ކައިބޮއި އުޅުމެވެ. މިއީ ދިވެހިރާއްޖެއިން މިހާރު ނުފެންނަ ސިފައެކެވެ. އެކަމަކު ބަސްފޮތުގައި މި މިސާލު އަދިއެބައޮތެވެ. ފިނދު ވީދައިގެން ކެއުމުގެ ބަދަލުގައި މިހާރު އޮންނަނީ ދައުލަތް ވީދައިގެން ކެއުމެވެ. ޖެހުނު މީހަކު ޖެހުނު ދިމާލަކުންނެވެ. ލަދެއް ތަދެއް ނެތެވެ.

މިޒަމާނުގައި ސަރުކާރެއް ބަދަލުކުރުމުގެ ނިޔަތަކަށްވެފައި އޮންނަނީ ދައުލަތް އަނީމާކުރުމެވެ. ދެން އެވީ ވަޒީފާތައް އެކުވެރީންގެ މެދުގައި ބަހާލައި ދައުލަތުގެ ވަސީލަތްތަކުން އަންބޮނޑި ފުރައިލާށެވެ. ދިހަބާރަ އަހަރުކުރިން ވަޒީފާއެއްގައި ހުރި އެކުވެރިޔަކު ކަނޑާލެވިފައިވާނަމަ އެމީހަކަށްވެސް ދައުލަތުން ބަދަލު ނަގައިދޭށެވެ. ދައުލަތުގެ މިސާލަކީ ޝިކާރަކުރެވިފައިވާ ފުއްލާއެއްގެ މިސާލެވެ. ޖެހުނު ދިމާލަކުން ސިންގާތައް އައިސް ފުއްލާގެ މަސްތައް ނޮޅަމުން ކަމުން ދާންވީއެވެ.

ދައުލަތަކީ އޭގެ އަމިއްލަ ޒާތުގައި ދިރުންނެތް އެއްޗެކެވެ. އެހެންވީމާ ބަޔަކު ކިތަންމެ ވަރަކަށް ނޮޅައިލިޔަސް ދައުލަތުގެ އިހުސާސްތައް އަމިއްލަޔަށް ބޭރެއް ނުކުރެވޭނެއެވެ. އޮހޭނޭ ކަރުނައެއްވެސް ނުހުންނާނެއެވެ. ދައުލަތުގެ ނަމުގައި ވާހަކަ ދައްކާނީ އިންސާނުންނެވެ. އެމީހުންގެ ބަސްމަގު ބައްޓަންވާނީ އަމިއްލަ މަސްލަހަތު އެވަގުތެއްގައި އޮންނަ ގޮތެއްގެ މައްޗަށެވެ.

އަނީމާއިން ބައި ނޭޅޭ މީހުން ދުރުގައި ބަލާން ތިބެފައި ހޯހޯއޭ ގޮވާނެއެވެ. އެގޮވާ ގޮވެލިފައްޗަކުވެސް އިޚުލާސްތެރިކަމެއް ނުހުންނާނެއެވެ. ބައިއެޅޭ މީހުން އެމީހުންގެ އަމަލުތައް އެކިއެކި ބަހަނާތަކުން ގިރިޓީކުރާނެއެވެ. އެކަމަކު އޮފުދާރުކަމެއް އޮފްކާރުކަމެއް އަމްދުން ނުފެންނާނެއެވެ.

މިހާސަރުތައް މިއަދު މިގޮވަނީ ވަކިޒަމާނެއްގެ ވަކިބަޔަކު ދިފާއުކޮށްފައި އަނެއްބަޔަކު ޝަރަފުވެރީންނަށް ހަދާކަށެއް ނޫނެވެ. މިރާއްޖޭގެ ތާރީޚަށް އަލިކަން އެޅުނީއްސުރެ އަދާހަމަޔަށްވެސް ކަންހިނގާ މަގަކީ މިއީއެވެ. ބަދަލެއް އޮތިއްޔާ އެބަދަލަކީ ކުރީޒަމާނުގައި މިކަންކުރި ގޮތެވެ. އެޒަމާނުގައި ދައުލަތަކީ ކުންފުންޏެކެވެ. ބޯޑުގައި ތިބޭ ހިއްސާދާރުންނަކީ ކިލެގެބޭކަލުންނެވެ. މެނޭޖިން ޑިރެކްޓަރަކީ ރަސްކިލެގެއެވެ. އެއީ ރަސްގެފާނެވެ. ރައްޔިތުންނަކީ އަޅުންނެވެ.

ލިޔެވިފައިވާ ދުސްތޫރެއް މިއަދު އެބައޮތެވެ. އެދުސްތޫރުގައި ބަޔާންވެފައިވާގޮތުން ދައުލަތުގެ ހިއްސާދާރުންނަކީ ރައްޔިތުންނެވެ. އިހުގެ ރަސްމީ އަޅުން މިއަދު ކަރުދާހުގައި ވަނީ ސާހިބުންގެ ދަރަޖައަށް އުފުލިފައެވެ. ބާރުތައް ފެށިގެން އަންނަނީވެސް އަދި ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައޭ ލިޔެފައިއޮވެއެވެ. ދެން ރައްޔިތުންނަށް މިއަދު ޖެހެނީ އެމީހުންގެ ފަރާތުން ބޯޑަށް މަންދޫބުން ހޮވާށެވެ. އެހޮވުމެއް ހޮވީމާ އެހިސާބުން ބާރުތައް ދޫވީއެވެ. ހަގީގީ ބާރު ފުރޮޅިގެންދަނީ އެހެން ފަރާތަކަށެވެ. ނުވަތަ ފަރާތްތަކަކަށެވެ.

ނަން ބަދަލުވިޔަސް ކަން ބަދަލުނުވެ ކަލަންޑަރުން ދުވަހެއް އުމުރުން ދުވަހެއް ކެނޑެމުން އަހަރުތައް ގަރުނަށް ބަދަލުވަމުން މިދަނީ ހަމަ އަހަރެމެންގެ ވިޔާނުދާކަމުންނެވެ. ކަން ބަދަލުކުރުމުގެ ބާރު އަމިއްލަ އަތުގައި އޮވެމެ އެބާރު ބޭނުން ނުކުރާތީއެވެ. ގައުމަށްޓަކައި ފަރުދީ ޒިންމާ އަދާނުކުރާތީއެވެ. ގައުމުގެ މަސްލަހަތުގެ މައްޗަށް ކޮންމެވެސް އެހެން މަސްލަހަތެއް އިސްކުރެވޭތީއެވެ. ތިމާއަށްޓަކައި ހުޅުވިދާނެ ދޮރަކަށް ވިސްނުން އަމާޒުކުރެވޭތީއެވެ. ފިނދު ވީދައިގެން ކެއުމަށްވުރެ ދައުލަތް ވީދައިގެން އެތިއެތިކޮޅުން ކައިހުސްކުރުމަށް ސަމާލުކަންދެވޭތީއެވެ. ބަދަލުވާންޖެހެނީ އެސަގާފަތެވެ. އެވިސްނުމެވެ.

ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ ސޯދުބެ ވިދާޅުވެފައިވެއެވެ. "ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ގައުމެއްގެ ހާލާތެއް، ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް" މިބަސް އެންމެންގެ ސިކުނޑިތަކަށް ގެންނާން އެބަޖެހެއެވެ. އެހެންނޫނީ އަބަދުމެ ތިބޭންޖެހޭނީ މި ވާހަކަ ދެއްކުމުގައެވެ. ބަދަލެއް ނުފެންނާނެއެވެ.