Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ވަރަށް ދެރައެވެ. ބުޅާ ގޯނިން ބޭރުވެއްޖެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ވާހަކަ އާކުރާކަށް ނެތީމެވެ. އެކަމަކު މިއަދު ދައްކާން މިއުޅޭ ވާހަކައިގެ ބާވަތުން އެހިސާބަށް ނުގޮސް ފަރުޖެއްސޭކަށްވެސް ނެތެވެ. ބައެއް މިސާލުތައް ނަގަންޖެހޭތީއެވެ.

ރައީސް ޔާމީނުގެ އަމަލުތައް ހުރިގޮތުން ހިތްހަމަނުޖެހުން ފައުޅުކޮށް ހެޔޮބަދަލަކަށް ގޮވައިލުމަށް މަގުމައްޗަށް ނިކުތް ހަމަކޮންމެ މީހަކީ ދެން އަންނަ ސަރުކާރަކުން ވަޒީފާއެއް ލިބޭނޭކަމަށް އުއްމީދުކުރި މީހެއް ބާވައެވެ. އަމާޒަކީ ވަޒީފާއެއް ހޯދުންބާވައެވެ. ނޫނެކެވެ. އަމާޒަކީ އިންސާފު ގާއިމުވުމެވެ. ގައުމީ މަސްލަހަތު އިސްވުމެވެ. އެއަށްވުރެވެސް ތިލަކޮށްލާނަމެވެ. ރައީސް ނަޝީދަށް އިންސާފު ހޯދައިދީ އެމަނިކުފާނު މިނިވަންކޮށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތް ހެދުމަކީވެސް މަގުމައްޗަށް ނިކުތް މީހުންގެ އަމާޒެކެވެ. ޑިމޮކްރަސީއަށް އަލުން ރުޖޫއަވުމަށްޓަކައި އެއީ ކޮންމެހެންވެސް މުހިއްމުކަމެއްކަމުގައި ދެކިގެންނެވެ.

މަގުމައްޗަށް ނިކުތް މީހުންނާމެދު ރައީސް ޔާމީނު އަމަލުކުރެއްވިގޮތް ސިއްރެއް ނޫނެވެ. ބޭނުން ކުރެއްވީ ގަދަފަދަ ބާރެވެ. ފުލުހުން ނެރެގެން ހަމަކޮންމެ ދުވަހަކު މީސްތަކުންގެ މޫނަށް މިރުސްފެނާއި ދުންޖެހީއެވެ. މުގުރުން ތެޅީއެވެ. ބިންމައްޗަށް ވައްޓައި ދެމީއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. މިވަރުންވެސް ގިނަމީހުން ދުލެއްނުދެއެވެ. އަނެއްދުވަހުވެސް މަގުމައްޗަށް ނިކުމެއެވެ. އެގޮތަށް ހިތްވަރުކުރާ މީހުން ފާހަގަކޮށް ރައީސް ޔާމީނު ކުރެއްވި ކަމަކީ އެފަދަ މީހުން ހުރަގެއަށް ލެއްވުމެވެ. އަނބިދަރީންނާއި ލޯބިވާ މީހުންނާ ވަކިކޮށްލެއްވީއެވެ. އަނިޔާގެ ދަރަޖަ މައްޗަށް ޖައްސައިލެއްވީއެވެ.

ރައީސް ޔާމީނުގެ އަމުރަށް ލޮލަށް މިރުސްފެނާއި ދުންޖެހީމާ ލޮލުގެ ފެނުމަށް އަސަރުކޮށް ދާއިމީ ނުކުޅެދުންތެރިކަން އިހުސާސްކުރަމުންދާ މީހުން މިއަދު މަދެއް ނޫނެވެ. މުގުރުން ތަޅައި ބިންމަތީގައި ދެމީމާ ލިބުނު އަނިޔާތަކުން އަރައިނުގަނެވި މިއަދުވެސް އެވޭންތައް ތަހައްމަލް ކުރަމުންދާ މީހުން މަދެއް ނޫނެވެ. ހުރަގޭގައި ލިބުނު އަނިޔާތަކަށް ކެތްނުކުރެވިގެން ފުރާނަދިޔަ މީހުންގެ ވާހަކަ ނޫސްތައް ބަލައިލީމާ އެހެރީ ފެންނާށެވެ.

މިއެންމެންގެ އަމާޒަކީ ހަމަ ވަޒީފާއެއް ބާވައެވެ. ނޫނެކެވެ. އެމީހުންގެ ގުރުބާނީގެ އަމާޒަކީ ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމެވެ. އެމަގަށް ރުޖޫއަވުމަށްޓަކައި ރައީސް ނަޝީދަށް ފުރުސަތު ފަހިކޮށްދިނުމެވެ. ރާއްޖޭގެ ޑިމޮކްރަސީ އާލާކޮށް ފައްކާކުރުމަށްޓަކައި ރައީސް ނަޝީދަކީ ކޮންމެހެންވެސް މުހިއްމު ބޭފުޅެއްކަމަށް ދެކިގެންނެވެ. އެމީހުންގެ ފަރުދީ އަމިއްލަ އެދުމެއް އޮވެގެން ނޫނެވެ.

ރައްޔިތުން އެވަރަށް ގުރުބާންވިއިރުވެސް ރައީސް ޔާމީނު ދުލެއް ނުދެއްވިއެވެ. ރައީސް ނަޝީދު މިނިވަނެއް ނުވިއެވެ. އިންތިޚާބުގައި ވާދައެއް ނުކުރެއްވުނެވެ. މިހެން މިކަންވީމާ ރައީސް ނަޝީދު ދެއްކެވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަބަޔަކު ބައިއަތު ހިފީވެސް ހަމަ ރައީސް ނަޝީދަށްޓަކައެވެ. އޭގެފަހުން އައި މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދާއި އެމަނިކުފާނު ދެއްކެވިހައި ބަޔަކަށް ވޯޓުދީ އެމްޑީޕީއަށް ތާރީޚީ ބޮޑު މެޖޯރިޓީއެއް ހޯދައިދިނީވެސް މައިގަޑުގޮތެއްގައި ރައީސް ނަޝީދަށްޓަކައެވެ. ޑިމޮކްރަސީއާއި އިންސާފު ގާއިމުކުރުމަށްޓަކައި މިރާއްޖެއަށް ބޭނުންވަނީ ރައީސް ނަޝީދުކަމަށް ބަލައިގެންނެވެ.

އިންސާފާއި ޑިމޮކްރަސީއަށްޓަކައި ރައްޔިތުން ބަދަލު ގެނެސްފިއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މުހައްމަދު ނަޝީދެވެ. ދެން މިދެބޭފުޅުން ކަންތައްކުރައްވާގޮތް ބަލާން ރައްޔިތުން ތިއްބައި ރައީސް ޔާމީނު ހޮވަން އެންމެ ފަހުވަގުތުވެސް ދޮރުންދޮރަށް ހިނގި މީހުން ގެނެސް ސަރުކާރުގެ ބޮޑެތި ބޮޑެތި ވަޒީފާތައް ދިނީމާ މިރުސްފެނުގެ ސަބަބުން މޫނުން ދިލަނެގި މީހުން އެވާހަކަ ނުދައްކައި ނުތިބޭނެތާއެވެ. ކޮންމެއަކަސް މިވާހަކަ ދައްކައިފިއެވެ. ދެއްކީމާ ގޯސްމިވީ ދެއްކި މީހުންނެވެ. މިރުސްފެނާއި މުގުރުގެ ހޫނުކަން އިހުސާސްކުރި ހަމަކޮންމެ މީހަކީ ވަޒީފާ ބޭނުންވެގެން އުޅޭ މީހެކޭ ހީވެއްޖެއެވެ. ހީވީމަތާއެވެ. އެޒާތުގެ ކޮންމެ މީހަކަށް ވަޒީފާ ނުދެވޭނެޔޭވެސް އަންގައިފިއެވެ.

އިތުރަށް ވާހަކަ ދިގުކުރާކަށް ނެތީމެވެ. ބުޅާ އެއޮތީ ގޯނިން ބޭރުވެފައެވެ. ދެކޭގޮތާއި ގަބޫލުކުރާގޮތް އެއޮތީ ހާމަވެފައެވެ. އެގޮތަކީ މިއެވެ. އެންމެންނަކީވެސް އަމިއްލަ އެދުމާއިގެން ތެޅިބާލާ ބަޔަކީއެވެ. އެދުމެއްނެތި ވެދުން ކުރުމެއް ނެތީއެވެ. އެހެންވީމާ ދެން ކޮންމެ އެއްޗެއް ބުންޏަސް ވަރިހަމަތާއެވެ.