Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ނެގީ މިލިއަނުން، އަދަބަކީ މެލޭޝިޔާގައި އާ ދިރިއުޅުމެއް؟

ފަނޑިޔާރު ދީދީ -- ފޮޓޯ /އަވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ދާދި ފަހުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަކިކުރި އަބްދުﷲ ދީދީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާއިން މިލިއަނުން ރުފިޔާ ނެގިކަމަށް ބުނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އަތުކުރި އޮޅާލި އާ ޖޭއެސްސީންނެވެ.

ލައިވް ޓީވީގައި ޑީޑީ ދަރުބާރުގެއަށް ހާޒިރުކޮށް ބޭއްވި ތަހުގީގު ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން ވަނީ ދީދީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެމަނިކުފާނު އަމިއްލަ ފޯނުން ފޮނުވާފައިވާ މެސެޖުތަކާއި އެހެނިހެން ހެކިތަކެއް ވެސް ހުރި ކަމަށް ބުނެވުނެވެ.

އެގޮތުން، އެމަނިކުފާނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 777 ގެ ނަންބަރުން ރާއްޖެއިން ބޭރަށް ޑޮލަރުކޮޅެއް ހޯދަން މެސެޖް ކޮށްފައިވާ ކަމަށާއި، 'ބްރޯ އަޅުގަނޑު މި އުޅެނީ ފުރަން، ޑޮލަރުކޮޅެއް ލިބިދާނެތޯ'، އަދި އެހެން މެސެޖެއްގައި "ވެން"، އަދި އޭގެ ފަހުން އެހެން މެސެޖެއްގައި "މަންޑޭ" އޭ ބުނެ މެސެޖްކޮށްފައިވާ ކަމަށް ޖޭއެސްސީން ކުރި ތަހުގީގުގައި ބުނެފައިވެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުކަން ފަނޑިޔާރު ޑީޑީ ބޭނުންވާ މީހަކަށް ދޭން "ސަސްޕެކްޓް 1"ގެ ކިބައިން އެދިވަޑައިގެން މެސެޖް ކުރެއްވި ކަމަށް ވެސް މިތަހުގީގީ އަޑުއެހުމުގައި ޖޭއެސްސީން ބުނެފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމަށް ހަމަޖެއްސީ އޭނާގެ އަނބިކަނބަލުން ޣާނިޔާ، އެ ހަފުތާގައި އެ މަގާމުން ވަކިކުރަންދެން ޣާނިޔާ ހުންނެވީ އެ މަގާމުގައެވެ. އަދި ފަނޑިޔާރު ޑީޑީގެ މެސެޖްގައި އެ މަގާމު ހޯއްދަވަން އުޅުއްވާ ސަބަބުގެ ތެރޭގައި ހަތަރު ކުދިން ބަލަން ޖެހޭތީ، އެކަހަލަ މަގާމެއް ލިބިވަޑައިގަތުމުން ފަސޭހަވާނެކަމާއި ރައްކާތެރިކަން ވެސް ބޮޑުވާނެ ކަމަށް ވިދާޅުވި ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.

ތަހުގީގުގައި ހާމަކުރި ޑޮކިއުމެންޓް 1 ގައި ހިމެނޭ ޑީޑީ ފޮނުވި މެސެޖެއް ހޯދައި، އެ މެސެޖްގައި ފަނޑިޔާރު ޑީޑީ ވިދާޅުވަނީ ބްރަދާ ކަމަކު އެދުނީމާ ކޮށްދެއްވާ ކަމަށާއި އެކަމަކު އޭނާ ކަމަކު އެދިވަޑައިގަތީމާ ޖަވާބު ނުދެއްވާ ކަމަށާއި އެގޮތަށް އޭނާ ވިދާޅުވަމުން "ސަސްޕެކްޓް 1" ގެ ކައިރިން އެދިވަޑައިގަންނަވަނީ މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން، އެ މެސެޖްގައި ޣާނިިޔާގެ ނަން ގެންނަވާފައި ނުވި ނަމަވެސް މިއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ފަނޑިޔާރު ޑީޑީ ކުރެއްވި އަމަލެއްކަން ސާބިތުވާ ކަމަށް ބެންޗުގައި ހުންނެވި ޖޭއެސްސީ އަށް މަޖިލީހުން ކަނޑައަޅާފައި ހުންނެވި ހިސާން ހުސެއިން ވަނީ ވިދާޅުވެފައެވެ.

ދީދީއަށް އެރުވުނީ ޖަވާބުދާރީ ވުމަށް ފުރުސަތެކެވެ. އެ ފުރުސަތުގައި ދީދީގެ ފަރާތުން ވަނީ ޖަވާބުދާރީވެސް ވެފައެވެ. ޖޭއެސްސީން ޓުވިޓާ މެދުވެރިކޮށް ޑީޑީ ޖަވާބުދާރީ ވިކަން ކަށަވަރުކޮށްދިން ނަމަވެސް މިއަދާ ހަމައަށްވެސް އޭގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި އެ ދަނޑިވަޅުގައި އެހެންކަމެއް ބޭސްފަރުވާއަށް ކަމަށް ބުނެ ދީދީ ރާއްޖެއިން ބޭރަށް، މެލޭޝިޔާއަށް ޑީޑީ ވަނީ ފުރާވަޑައިގެންފައެވެ.

ޖޭއެސްސީގެ ހުއްދައާއެކު ފުރާވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މަދު ދުވަސްކޮޅަކަށެވެ. އަނެއްކާވެސް ފުރާވަޑައިގަތީއެވެ. ވަޑައިގަތް ކަމެއް ނޭނގި އަލުން ގައުމު ދޫކޮށް ގޮސްފައިވަނިކޮށް މަޖިލީހުން ވަނީ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ. ވަކީލުން ވަނީ އޮގަސްޓު 9 ވަނަ ދުވަހުގެ ކުރިން ޑީޑީ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރުވެސް ޑީޑީ ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އެހިސާބުން މައްސަލަ ނިމުނީއެވެ. ފަނޑިޔާރުގެ ސާފުކުރެވުނީއެވެ. ނުވަތަ ސާފުކުރުމުގެ މަސައްކަތް ފެށުނީއެވެ. ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދެނީ މިލިއަނުން "ކާލި" ފަނޑިޔާރުންނަށް އަދަބު ދިނުމަށް މެލޭޝިޔާގައި އާ ދިރިއުޅުމެއް ފައްޓަވައިދެއްވައިގެންތޯ އެއީ ރައީސުލް ޖުމުހޫރިއްޔާއާއި އެމަނިކުފާނުގެ ފަނޑިޔާރުގެ އިސްލާހުކުރާ ޓީމާ ކޮށްލަން ރަނގަޅު ސުވާލެކެވެ. ސުވާލުތައް ވަރަށް ގިނައެވެ. ޖަވާބެއް ނުލިބި އަނެއްކާވެސް ފަށަންވީ އެހެން މަސައްކަތެކެވެ. ބުރަވެވެނީ ފަނޑިޔާރު ޑީޑީއާ ސަރުކާރާ ދެމެދު ޑީލެއް ހެދި، ފޮރުވިފައިހުރި އެހެން މައުލޫމާތުތަކެއް ހޯދުމަށް "އިމިއުނިޓީ" ދެވުނީ ކަމަށެވެ.