Last Updated: April 25, 10:40
Thursday, April 25, 2024
ރިޕޯޓް

ކިޔަވައިގެން ތިބި ޒުވާނުންނަށް ސަރުކާރުން ކުރި ބޮޑު ފުރައްސާރަ!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އޭރުގެ ސަރުކާރުން މީހުންތައް އައްޔަން ކުރުމުން އެދުވަހު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ދެއްކެވީ ކޮން ވާހަކައެއްކަން ހަނދާން އައު ކޮށްލަމާ ހިނގާށެވެ. "އެއީ ދެން ސިޔާސީ މަގާމަކަށްވެސް ލާންވާނެ ވަރުގެ މީހެއްތަ؟" "މިކަހަލަ މީހުން ގްރޭޑު ހަތެއްގެ ފެންވަރުވެސް ނެތް މީހުން ސިޔާސީ މަގާމުތަކަށް ލައިގެން އުޅެނީ އެމީހުން ލައްވާ ކޮން މަސައްކަތެއް ކުރާނަމޭ ހިތާތަ؟" މިއީ އޭރު ސޯޝަލް މީޑިއާގައާ އެހެނިހެން ޕްލެޓްފޯމު ތަކުގައި މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ މީހުން ސޯޝަލް މީޑިއާގައި ދެއްކި ވާހަކައެވެ.

ސިޔާސީ މަގާމުތައް ދޭންވީއެވެ. އެއީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެކެވެ. ގާތް ރަހުމަތްތެރިންނާއި ރަހުމަތްތެރިންގެ އާއިލީ ބޭފުޅުންނަވެސް ސިޔާސީ މަގާމުތައް ދޭންވީއެވެ. ނަމަވެސް އެކަމުގައި ކޮންމެވެސް އުސޫލެއް ނުވަތަ ޕްރޮފެޝަނަލް ސްޓޭންޑާޑެއް ވެސް ގެންގުޅެންވާނެއެވެ. ހަމަ ޖެހޭ މީހަކަށް ސިޔާސީ މަގާމު ދިނުމުން އެ ނިމުނީއެއް ނޫނެވެ.

އިއްޔެ ހަޅޭއްލެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މީހުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ ވާހަކަ ދައްކައިގެންނެވެ. ޕެޕަރ ސްޕްރޭ ޖެހުނު މީހުންނާއި މަގުމަތީގައި "ރައީސް ނަޝީދު މިނިވަން ކުރޭ"، "ޔާމީނު އިސްތިއުފާ"އަށް ގޮވި މީހުންނަށް ވަޒީފާ ނުދީގެން ސަރުކާރަށް ތާއީދު ކުރާ މީހުންވެސް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔެއެވެ. އަދި ވަކިން ހާއްސަކޮށް ޕެޕަރ ސްޕްރޭ ޖެހުނު އެންމެންނަށް ވަޒީފާއެއް ނުދެވޭނެ ކަމަށްބުނެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އެތައް ބައެއް ނަފުރަތާއި ނުރުހުންވެސް އަމާޒުވެގެން ދިޔައެވެ.

އިންސާފު ގާއިމް ކުރުންވެސް ނަމެއްގައި!

މަޖިލީހުގެ މެންބަރުންވެސް މިއަދު ވިސްނަން ޖެހޭ އެއް ކަމަކީ ދައުލަތް ދަރަނިތަކުން ސަލާމަތްވެ ރިކަރަންޓު ހަރަދު ކުޑަވާނެ ގޮތަށް މާލިއްޔަތާއި ގުޅޭ ގާނޫނުތައް ހެދުމެވެ. މަގާމުތައް އައްޔަން ކުރާ މީހުންގެ ޝަރުތުތަކެއް ހުންނަން ވާނެއެވެ. އެންމެ ގިނައިން ސޯޝަލް މީޑިއާގައިވެސް ދައްކާ ވާހަކައަކީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލެވޭ ޝަރުތު ކިޔަވައިގެން ތަންދޮރު ދަންނަ މީހުންނަށް ބަދަލު ކުރުމެވެ. ނަމަވެސް އެއާ އެކު ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ޝަރުތުގެ ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކެއެވެ.

ސިވިލް ސަރވިސްގެ އެންމެ އާދައިގެ މަގާމަކަށްވެސް ކުރިމަތިލެވެނީ އަސާސީ ތައުލީމު ނުވަތަ ގްރޭޑު ހަތެއްގެ ފެންވަރު ހުރެގެންނެވެ. އެފަދަ މީހަކަށް ގެޔަށް ގެންދަން ލިބެނީ 5000 އެއްހާ ރުފިޔާއެވެ. ނަމަވެސް ގްރޭޑު ހަތެއްގެ ފެންވަރު ހުރި އެތައް ފަހަރަކު އެތައް ބޮޑެތި ކުށްތަކުގައި ޖަލުގެ ތޭރިތަކުގައި އޮތް މީހަކަށް 25،000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ލިބިގެން ދިއުމަކީ އިންސާފު ގާއިމް ކުރުމަށް ވާނެތޯއެވެ. އިންސާފު ގާއިމް ކުރުމަކީ ކޯޓުތަކުން ހަމައެކަނި ކުރާ ހުކުމް ކަމަށް ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުގެ އިސްވެރިން ގަބޫލު ކުރާ ނަމަ އެބައެއްގެ ބުއްދި ސަލާމަތުން ހުރިތޯވެސް މިިއަދު ރައްޔިތުން ބަލާ ހިސާބަށް ގޮއްސިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ދީފައިވާ އަލީ ހާޝިމް (ސްމިތު) —

މިއަދުގެ ސަރުކާރުން ސިޔާސީ މަގާމުގެ ޝަރުތު މިވަނީ އިއްޔެ ކަނޑައަޅާފައެވެ. އެއީ ގިނަ ގިނައިން ކުށްތަކުގައި ޖަލަށް ލުމާއި ތަފާތު އެކި ބޮޑެތި ތުހުމަތުތައް ކުރުމުގެ އިތުރުން މަގުމަތީގައި ހަޅޭއް ލެވުމާއި ފުލުހުންނަށް ފުރައްސާރަ ކުރަމާއި ޕެޕަރ ސްޕްރޭ ޖެހުމާއި ސޯޝަލް މީޑިއާގައި ސަރުކާރު ހިމާޔަތްކޮށް ވާހަކަ ދެއްކުމެވެ.

ސިމްވާ (ކ) އަދި ލޫކަސް (ވ) ރައީސް ސާލިހާއި ރައީސް ނަޝީދު އަރިހުގައި —

ސަރުކާރުން މިގޮތަށް ކަން ކުރާ ކަމަށްވާ ނަމަ ކިޔަވައިގެން ޑިގްރީ ނަގައިގެން އަންނަ ޒުވާނުންނަށް ވަޒީފާއެއް ލިބޭނީ ކިހިނެއް ހެއްޔެވެ. މއީ އިހަށް ދުވަހު އޮތް ސަރުކާރުގެ ިސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކަށް މަލާމާތްކޮށް ހަޖޫޖެހި މީހުންގެ ހާލަތެވެ.

ސިޔާސީ މަގާމުތަކުގައި ވެސް ތިބި ކިޔަވައިގެން ތިބި މީހުންނަށްވެސް ލަދެއް!

"އަހަރެންވެސް މިއީ މި ސަރުކާރުގެ ޑިރެކްޓަރެއް. ސިޔާސީ މަގާމެއް މިއީ. އެހާ ކިޔަވައިގެނެއް ނޫން އަހަރެންވެސް މިހުރީއެއް. އެކަމަކު އަހަރެން އަތުގައިވެސް ސެޓްފިކެޓެއް އެބައޮތް ދުނިޔެވެސް ގަބޫލު ކުރާ ވަރުގެ. އެކަމަކު މިއަދު ލަދު ގަނޭ މި މަގާމުގައި ހުންނަން. އެއީ ކިޔަވައިގެންވާ އެއްވެސް ފައިދާއެއް ނެތް. އަހަރެން ކޮންމެހެން އަހަރެންގެ ނަން އުނި ކޮށްފައެއް ނޫން މިދައްކަނީ. އެކަމަކު ސްމިތު މެން ދޯ އެފަދަ މަގާމުތަކަށް އައްޔަން ކުރީމަ އަހަރެންނަށްވެސް ލަދު. މުޅި ސަރުކާރަށްވެސް ލަދު،" ނަން ހާމަކުރަން ބޭނުން ނުވާ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު "އައްޑޫލައިވް"އަށް ކިޔައި ދިނެވެ.

މިއީ މޮޔައެއް އަތަށް ފުރޯއެއް ދިނުން ކަހަލަ ކަމެއް ނޫން ހެއްޔެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރަކަށް އަލީ ހާޝިމް (ސްމިތު) އައްޔަން ކޮށްގެން ބަޔަކު އުފާވިއަސް މިއަދު މިއީ ދައުލަތެއް ލަދު ގަންނަން ޖެހޭ ވަރުގެ ކަމެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުން ގާތު ސްމިތު އެ މިނިސްޓްރީގައި ކުރާނެ ކަމެއް ވިދާޅެވެ ބައްލަވާށެވެ.

ރައްޔިތުން މި ސަރުކާރު ގެނައީ ކުރީ ސަރުކާރުން ކުރި އަދި ކޮށްފައިވާ ހަޑިތައް ފިލުވުމަށެވެ. އެކަމަށް އިތުރު މުޅިން އައު ބޮޅެއް އިތުރު ކުރާކަށް ނޫނެވެ. ނަމަވެސް މިއަދު ފެންނަމުން ދަނީ ސަރުކާރުގައި ތިބި ކިޔަވައިގެން ތިބި ފަރާތްތަކާއި މިއަދު ގައުމަށް ހިދުމަތް ކުރުމުގެ ނިޔަތުގައި ކިޔަވަމުން އަންނަ ޒުވާނުންނަށްވެސް މަލާމާތް ކުރާ ތަނެވެ.