Last Updated: April 24, 10:23
Wednesday, April 24, 2024
ރިޕޯޓް

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ވާދަކުރާ ގުއާމަކީ ކޮންތަނެއް؟

ގުއާމަކީ ފިލިޕީންސްގެ އިރުމަތިން ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާއެކެވެ. ގާތްގަޑަކަށް ދޮޅުލައްކައެއްހާ މީހުން ދިރިއުޅޭ ތަނެކެވެ. އޭޝިއާ ޕެސިފިކްގެ ރަށްތައް ޔޫރަޕުގެ ބާރުތަކުން އިސްތިއުމާރުކުރަން ފެށި ދުވަސްވަރު ގުއާމުގެ މައްޗަށް ވެރިވެގަތީ ސްޕޭނުންނެވެ.

ގުއާމާއި އެންމެ ގާތުގައި އޮންނަ ގައުމަކީ ފިލިޕީންސެވެ. އެދުވަސްވަރު ފިލިޕީންސްވެސް އޮތީ ސްޕޭނުގެ ދަށުގައެވެ. ފިލިޕީންސަށް ނަންދެވިފައިވަނީ ވެސް ސްޕޭނުގެ ރަސްކަމުގައި ހުންނެވި ކިންގް ފިލިޕް ދެވަނައަށް ނިސްބަތްކޮށެވެ.

ގުއާމާއި ފިލިޕީންސްގެ މައްޗަށް ސްޕޭނުން ވެރިކަން ހިންގީ އެއްސަރަހައްދެއްގެ ގޮތުގައެވެ. ސްޕޭނާއި އެމެރިކާއާ ދެމެދު ނަވާރަވަނަ ސައްތައިގެ ފަހުކޮޅު ޕެސިފިކް ކަނޑުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. މިކަންތައްގަޑުގައި ސްޕޭން ބަލިވުމާ ގުޅިގެން ފިލިޕީންސާއި ގުއާމް ވިހިމިލިއަން ޑޮލަރުގެ އަގަކަށް އެމެރިކާއަށް ވިއްކައިލީއެވެ. ގުއާމުގައި އެމެރިކާގެ އިސްތިއުމާރު ފެށުނީ މިގޮތުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު ސިފައިން ގުއާމާއި ފިލިޕީންސް ހިފިއެވެ. ޖަޕާނު ބަލިވުމުން އަނެއްކާވެސް އެމެރިކާގެ އިސްތިއުމާރު ފެށުނީއެވެ. އެ ހަނގުރާމަ ނިމުނުތާ އަހަރެއްފަހުން 1946 ގައި އެމެރިކާއިން ފިލިޕީންސަށް ފުރިހަމަ މިނިވަންކަން ދިނެވެ. އެދިނުމެއް ދިންއިރު ފިލިޕީންސްގެ ރަށެއްގެ ގޮތުގައި ގުއާމް ދޫކޮށްލުމުގެ ވިސްނުމެއްވެސް ގެންގުޅުނެވެ. އެކަމަކު އޭޝިއާއަށް ފާރަވެރިވުމަށް އެމެރިކާގެ ކޮންޓްރޯލް ގުއާމުގައި ދަމަހައްޓަންޖެހޭ ކަމަށް ގަބޫލުކުރެވިގެން އެވިސްނުން ދޫކޮށްލީއެވެ.

ގުއާމަކީ މިއަދު އެމެރިކާގެ ދަށުގައި އޮންނަ ސަރަހައްދަކަށްވިޔަސް އެއީ އެމެރިކާގެ ސްޓޭޓެއް ނޫނެވެ. ގުއާމުގެ ރައްޔިތުންނަށް އެމެރިކާގެ ރަށްވެހިކަމުގެ ހައްގު ލިބިދީފައިއޮތަސް އެމެރިކާގެ ގާނޫނުއަސާސީން ލިބިދޭ ފުރިހަމަ ހައްގުތަކާއި އިނާޔަތްތައް ގުއާމަކަށް ނޯވެއެވެ. އދ އިންވެސް ބަލަނީ ގުއާމަކީ އިސްތިއުމާރު ކުރެވިފައިވާ ޖަޒީރާއެއްގެ ގޮތުގައެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން ގުއާމަށް އައިސްގޮސްވުމުގައި އޮންނަނީ އެމެރިކާގެ އެހެން ހިސާބުތަކަށްވެސް އައިސްގޮސްވުމަށް އޮންނަ އުސޫލުތަކާއި ހަމަތަކެވެ.

އިސްތިއުމާރު ކުރެވިފައިވާ ތަނަކަށްވިޔަސް ގުއާމުގައި އިންތިޚާބު ކުރެވޭ ގަވަރުނަރަކު ހުންނަވައެވެ. އަދި އިންތިޚާބުކުރެވޭ ރައްޔިތުންގެ ކައުންސިލެއްވެސް އޮވެއެވެ. އެތެރޭގެ އިދާރީ ކަންކަން ހިންގަނީ އެފަރާތުންނެވެ.

ގުއާމަކީ ސަރަހައްދީގޮތުން އޭޝިއާ ޕެސިފިކް އާއިލާގެ މެންބަރަކަށްވާތީ އެމެރިކާއާ ވަކިން ގުއާމުން ވަނީ މިސަރަހައްދުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން ގުއާމުގައި ވަކި ފުޓްބޯޅަ އެސޯސިއޭޝަނެއް އުފައްދައި 1975 ވަނަ އަހަރު ފީފާގެ ވަކި މެންބަރެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އޮންނަތަނުގެ ގޮތުން ގުއާމް ނިސްބަތްވަނީ އޯޝޭނިއާއަށް ކަމުގައިވިޔަސް އޯޝޭނިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގައި ބައިވެރިނުވެ 1996 ވަނަ އަހަރުން ފެށިގެން ގުއާމް ވަނީ އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން އޭއެފްސީގައި ބައިވެރިވެފައެވެ. މީގެ އިތުރަށް އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ސަރަހައްދީ ފުޓުބޯޅަ ޖަމިއްޔާގައިވެސް ވަނީ ބައިވެރިވެފައެވެ.

އޭއެފްސީގެ ފުޓްބޯޅަ އާއިލާގައި ގުއާމް އޮތުމުން އެކިކަހަލަ މުބާރާތްތަކުގެ ކޮލިފިކޭޝަން މެޗުތައް ކުޅެން ގުއާމަށް ދާން އޭއެފްސީގެ އެހެން ގައުމުތަކަށް ޖެހެއެވެ. މިގޮތަށް ދިމާވާއިރު އިސްލާމީ ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ އިމިގްރޭޝަނުން ކުރިމަތިކުރާ ހުރިހާ ޒާތެއްގެ ދުއްތުރާތައް މިކަމުގައިވެސް ދަނީ ކުރިމަތިވަމުންނެވެ. އީރާނާއި އިންޑޮނީޝިއާ ކަހަލަ ގައުމުތަކުގެ ފުޓްބޯޅަ ޓީމަށް މިހާތަނަށް މި ތަޖުރިބާއާ ކުރިމަތިވެއްޖެއެވެ. އެންމެފަހުން ދިވެހިރާއްޖޭގެ ޓީމަށްވެސް މި ދުއްޕާން ފޯރައިފިއެވެ.

މިޒާތުގެ ކަންކަން މިހެން ހިނގާތީ އީރާނު ކަހަލަ ގައުމުތަކުން ވަރަށް ބޮޑަށް އޭއެފްސީއާއި ފީފާގައި ޝަކުވާކޮށް ގުއާމް އޭއެފްސީން ބޭރުކުރުމަށް ވަކާލާތުކުރެއެވެ. މިކަމާމެދު އަދި ވަކިގޮތެއް އޮތީ ނުނިމިއެވެ. ގުއާމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ރިޗަޑް ލާއީ މިކަހަލަ ޝަކުވާތައް ސިޔާސީކުރައްވައި އުސޫލުތަކާ ހަމަތަކުން ބޭރުގައި ކަންކަން ކުރައްވާތީ ފީފާއިން ވަނީ 2017 ވަނަ އަހަރު އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ