Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

ޓްރަމްޕުގެ ކޮރަޕްޝަނުގެ މައްސަލައެއް މަޖިލީހުން ބަލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ދިފާއީ ބަޖެޓުގެ ތެރެއިން ބައެއް އަމިއްލަ ވިޔަފާރިއަށް އަޅުއްވަމުން ގެންދަވާ މައްސަލައެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބަލަން ފަށައިފިއެވެ.

ސަރުކާރުގެ ވެރިންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާބެހޭ ކޮމިޓީން ބަލަމުންދަނީ ސްކޮޓްލެންޑުގައި ރައީސް ޓްރަމްޕުގެ ކުންފުނިން ހިންގާ ރިސޯޓަކަށް އެމެރިކާ ސިފައިން އާދަޔާ ޚިލާފަށް ގިނައިން އައިސްގޮސްވާ މައްސަލައެކެވެ. އެތަނަށް އެމީހުންދަނީ ރަސްމީ މަސައްކަތުގެ ތެރެއިންކަމުގެ ބަހަނާގައި ދިފާއީ ވުޒާރާއިން އަގު އަދާކުރާ ގޮތަށެވެ. އަދި ޓްރަމްޕުގެ ރިސޯޓަށްދާ އެމެރިކާ ސިފައިންނަށް ޑިސްކައުންޓް ލިބޭގޮތަށް ބޮޑު ޕްރޮމޯޝަނެއްވެސް ވަނީ ހިންގައިފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސްކޮޓްލެންޑުގެ ޕްރެސްޓްވިކް އެއަރޕޯޓަށް އައިސްގޮސްވާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ އަދަދު ފާއިތުވި ދެއަހަރު ވަނީ އެތައް ގުނައެެއް އިތުރުވެގެން ގޮސްފައެވެ. މި އެއަރޕޯޓަކީ ރައީސް ޓްރަމްޕުގެ ޓާރންބެރީ ރިސޯޓާއި އެންމެ ގާތުގައިވާ އެއަރޕޯޓެވެ.

ޑޮނަލްޑް ޓްރަމްޕު މިރިސޯޓު ބައްލަވައިގަތީ ވެރިކަމަށް ވަޑައިގެންނެވުމުގެ ދޮޅުއަހަރެއްހާ ދުވަސްކުރިންނެވެ. މިހާތަނަށް އެނގިފައިވާ ގޮތުން ވަކި ސަބަބެއްނެތި އެމެރިކާގެ ދިފާއީ ވުޒާރާއިން ހޭދަކުރާގޮތަށް ޕްރެސްޓްވިކް އެއަރޕޯޓަށް ދަތުރުކުރާ ސިފައިންގެ އަދަދު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ. މިއީ ރައީސް ޓްރަމްޕަށް ނާޖާއިޒު ފައިދާއެއް ލިބިވަޑައިގަންނަވާ ވިޔަފާރިއެެއްކަމަށްވާތީ މިކަމުގެ ފުރިހަމަ ތަފްސީލަށް ނަޒާހަތްތެރިކަން ކަށަވަރުކުރާ ކޮމިޓީން ވަނީ އެދިފައެވެ. އެކަމަކު މިހާތަނަށް މިކަމާ ގުޅުންހުރި ލިޔުންތައް ދިފާއީ ވުޒާރާއިން ނުދީ ލަސްކުރަމުންދާކަމަށް އެނގިފައިވެއެވެ.