Last Updated: May 8, 22:22
Wednesday, May 8, 2024
ވިޔަފާރި

ބީއެމްއެލް އިސްލާމިކްގެ އާ ހެޑް އޮފީސް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ އަށް ހާއްސަ ކޮށް އާ ހެޑް އޮފީހެއް ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާ ގައި ހުޅުވައިފިއެވެ.

މި ހެޑް އޮފީސް ހުޅުވާދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އެން ޓްރެޒަރީ އިބްރާހިމް އަމީރެެވެ.

ބީއެމްއެލް އިން ބުނީ މި ހެޑް އޮފީހުން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ޚިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ޚިދުމަތް ފޯރުކޮށްދިވިގެންދާނެ ކަމަށެވެ.

އެގޮތުން މި އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީޢާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދިނުމާއި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް އިސްލާމިކް ބޭނކިންގ ޚިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިންގ ބޭނުންތަށް ދަނެގަނެ އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ. ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އަދި މި ފައިސާ ބޭނުންކުރެވޭނީ ޝަރީޢާ ހުއްދަ ބޭނުންތަކަށެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަޤްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންނެވެ.