Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކުށްވެރިޔަކާ ދޭތެރޭވެސް އަމަލުކުރާނީ އިންސާފުން: އިމްރާން

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ

މިސަރުކާރުން ކުށެއް ކޮށްފައިވާ މީހަކާ ދޭތެރޭވެސް އަމަލުކުރާނީ އިންސާފުން ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވެފައިވަނީ ރިޟްވާންގެ މަރުގެ މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގީ ރިޕޯޓުގައި އިންޓެލް ދެ ފުލުހަކު ގާނޫނާ ޚިލާފުވެފައިވާތީ އެ ދެފުލުހުން ހައްޔަރުކުރަން އޭޖީ ލަފަޔެއް އެރުވުމުން ވެސް ފުލުހުން ހައްޔަރުކުރުމަށް އަމުރަކަށް ނޭދޭތީ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، ހައްޔަރުކޮށް ބަންދު ކުރަން ޖެހޭ މީހުން އިންސާފުގެ ތެރެއިން ހައްޔަރުކުރެވިގެން ދާނެ ކަމަށެވެ. "ފެށުނީއްސުރެ އަޅުގަނޑުމެން ވަކާލާތު ކުރަމުން އައި އުސޫލު ހަނދާން ނައްތާލައިގެން ނުވާނެ، ކުށް ކުރާ މީހާއާ މެދުވެސް އަމަލުކުރާނީ އިންސާފުވެރިކޮށް،" އިމްރާންގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

ދެ ފުލުހުން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން ނޭދި ތިބީ އެކަން ކުރެވޭނީ ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ވުމުން، އެ ކޮމިޝަނަށް ކަމަށް ފުލުސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އޭގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ފުލުހުން ހައްޔަރުކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.