Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

އައްޑޫ: ތަރައްގީކޮށް ނުދެވުނު އިރު ކަރަންޓުވެސް ރަނގަޅުކޮށް ނުދެވުނު!

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

މިހާރުވެސް އިންތިހާބެއް ބޯމަތިވެ ބަލާށެވެ. ރައްޔިތުން ގާތަށް އަންނާނެއެވެ. ފޮނި ވާހަކަތައް ދައްކާނެއެވެ. ރައްޓެހިވެގެން އުޅޭ ދެ ކުދިން އެކަކު އަނެކަކަށް މާފޮޅުވާ ބީދައިން ރައްޔިތުން ގާތު ތިބެ ސަރުކާރުގެ ވެރިން މާފޮޅުވާ މޮޅު ވާހަކަ ދައްކާނެއެވެ. ކޮންމެ ރަށަކީ އެއިން ކޮންމެ ބޭފުޅަކަށްވެސް ވަރަށް މުހިއްމު ރަށަކަށް ވާނެއެވެ. ދެން ދައްކާނީ ކުރީގެ ސަރުކާރުގެ ވާހަކައެވެ. އެވެނި މިވެނި ކަމެއް ނުކުރެވި ވަނީ ކުރީ ސަރުކާރުން ކަން ކޮށްފައި އޮތް ގޮތުން ކަމަށް ވެސް ބުނާނެއެވެ.

މިއީ ހުދު މި އައްޑޫ ސިޓީއަށްވެސް އަދުގެ ސަރުކާރު ކަން ކުރި ގޮތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ މި ސިޓީގެ ފުލް ސަޕޯޓާއި އެކުގައެވެ. މެޖޯރިޓީ އޮތީ އެމަނިކުފާނަށެވެ. ރިޔާސީ އިންތިހާބުން މެޖޯރިޓީ ދިނުމަށްފަހު މުޅި އައްޑޫ ސިޓީގެ ހުރިހާ މަޖިލީހުގެ ގޮނޑިތަކެއްވެސް އެމަނިކުފާނަށް ދެއްވީމެވެ.

އައްޑޫގެ ރައްޔިތުންނޭވެ. ދިވެހި ދައުލަތުގެ ބަޖެޓުގައި 2019 އަހަރަށް އެކަނިވެސް 50 އަށްވުރެ ގިނަ މަޝްރޫއު ބަޖެޓު ކޮށްފައި އެބައޮތެވެ. އޭގެތެރެއިން 18 މަޝްރޫއަކީ އައްޑޫ ސިޓީގެ ކައުންސިލާއި އަދި ހުދު އަދުގެ ސަރުކާރުގެ އިސްވެރިން ތިޔަ ރައްޔިތުން ގާތު ކަމެއް ނުކޮށްދޭ ކަމަށް ބުނެފައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފަށައިގެން މިހާރުވެސް ހިނގަމުންދާ މަޝްރޫއުތަކެވެ. ހަމައެއާއެކު ފަސް މަޝްރޫއުއެއް އޮތީ ރިޓެންޝަނުގައެވެ. ވިޔަފާރީގެ ދާއިރާއާ މާލީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރިޓެންޝަނަކީ ހުއްޓާލާފައި އޮތުން ނުވަތަ މަޑު ޖައްސާލުމެވެ. ނަމަވެސް އެ މަޝްރޫއުތައް މަޑުޖައްސާލާފައި އޮތީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ދިވެހި ރައްޔިތުން އިންތިހާބު ކުރިތާ މި މަހުގެ ނިޔަލަށް އަހަރެއް ވާނެއެވެ. އަންނަ ނޮވެމްބަރު މަހުގެ 17 އަށް އެއް އަހަރު ވާނެއެވެ. މި ސިޓީއަށް ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ. މި ސިޓީގެ ރައްޔިތުން ތަރައްގީއަށްޓަކައި ސަރުކާރުން އަޅާ ދިނީ ކޮން ބިންގަލެއް ހެއްޔެވެ. މި ސިޓީގެ މާދަމާގެ މުސްތަގުބަލަށް މިއަހަރު ކޮށްދެވޭނީ އިތުރަށް ދެން ކޮން ކަމެއް ހެއްޔެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ސަރުކާރާއި އައްޑޫ ސިޓީގެ މެންބަރުން ހީފުޅު ކުރައްވަނީ މި ސިޓީގެ ރައްޔިތުން އުޅެނީ ވަރަށް އުފުލަގައި ކަމަށްތޯއެވެ. ތަރައްގީގެ ކުލަ ވަރެއްވެސް މި ސިޓީން ނުފެންނައިރުގައި 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށް ނުދެވެއެވެ. މާދަމާ ހުރެފައި ކައުންސިލް އިންތިހާބު ބޯމަތިވުުން ހަމަ މި ސަރުކާރުގެ ވެރިން އައްޑޫއަށް ވަޑައިގަންނަވާނެއެވެ. ވަޑައިގެން ކައުންސިލު އެމްޑީޕީއަށް ދިނުމަށާއި އެހެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ވިދާޅުވާނެއެވެ.

އައްޑޫ ސިޓީ ފޭދޫގެ މަގެއް، އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުން އަންނަ އިރު ރައްޔިތުން ތިބީ ކަނު އަނދިރީގައި، ފޮޓޯ: ނިއުޝާދު

ރައްޔިތުން ދެން ގުނބޯ ހައްދަން ނޫޅޭށެވެ. ރައްޔިތުން ގުނބޯ ހެއްދޭނެ ވަރަށް މި ސަރުކާރަށް ގުނބޯ ހެއްދިއްޖެއެވެ. އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް އިތުރަކަށް ދެން ބޭނުމެއް އައްޑޫ ރައްޔިތުންނެއް ނުވެއެވެ. ބޭނުން ވަނީ ހައްލެވެ. ވަގުތީއެއް ނޫނެވެ. ދާއިމީ ހައްލެވެ.

ޔާމީނުގެ ސަރުކާރުގައިވެސް އައްޑޫ ރައްޔިތުން މިހާލުގައި ނުޖެހެއެވެ. އޭރުވެސް ކަރަންޓު ކަނޑައިގެން ދެއެވެ. ނަމަވެސް 8 ގަޑިއިރު 9 ގަޑިއިރު ތިބޭކަށް ނުޖެހެއެވެ. ދަރިންކޮޅު ގޮވައިގެން ކުނާ އަޅައިގެން މަގުމައްޗަށް ނިކުންނާކަށް ދުވަހަކުވެސް ނުޖެހެއެވެ. ނަމަވެސް މިއަދު މި ސަރުކާރުން އައްޑޫ ރައްޔިތުން ނިކަމެތި ކޮށްލައިފއެވެ.

އައްޑޫ ރައްޔިތުން ސަރުކާރަށް ހެޔޮ ކަމެއް ކޮށްދިނުމުން އެކަމުގެ ބަދަލުގައިި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުގެ އިސްވެރިން އައްޑޫ ރައްޔިތުންނަށް ދިނީ ތެޔޮ ހަމެކެވެ. އައްޑޫގެ މެންބަރުންނޭވެ. އަދިވެސް ގަރާރުތައް ހުށަހަޅައިގެން ކަންކަން ކުރެވޭތޯ ބަލާށެވެ. ރައްޔިތުންނަށް ކަރަންޓު ޔަގީން ކޮށްދޭން ޖެހޭނީ ގަރާރެއް ހުށަހަޅައިގެން ނޫނެވެ. ގާނޫނު އަސާސީގެ ދެވަނަ ބާބު ބައްލަވާލައްވާށެވެ. އެ ބާބުގައި ކަރަންޓަކީ އަސާސީ ހިދުމަތެއް ކަމަށް ސާފު ސީދާ ދިވެހި ބަހުން ކަޅާއި ހުދުން ލިޔެފައި އޮންނާނެއެވެ.

ވާނީވެސް އެހެންނެވެ. އިންތިހާބަށް ނިކުތީ ނިކުންނަން ޖެހުނީމައެވެ. ވެރިކަން ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނޫނިއްޔާއެވެ. ތަރައްގީއެއް ގެނެވޭނީ ޕްލޭނެއް އޮތް ނަމައެއް ނޫން ހެއްޔެވެ. ޓެސްޓަށްދާ ސްކޫލު ކުއްޖާވެސް ލިބުނު ވަގުތު ފޮތް ނުކިޔާ ޓެސްޓަށް ގޮސް 10 މިނެޓަށް ވުމުން ފޮތް ކިއީމާ ވާނީ ފެއިލެއް ނޫން ހެއްޔެވެ. ސަރުކާރަށްވެސް މިއަދު މިއޮތީ އެހެންވެފައެވެ. ވެރިކަމަށް އައިއިރު ޕްލޭނެއް ނެތެވެ. ވެރިކަމަށް އައިސް ޕްލޭނު ހަދަން ޖެހުމުން ވާނެ ގޮތް އައްޑޫ ސިޓީން މި ފެންނަނީއެވެ.