Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މަޖިލިސް ހާޒިރީގެ ފުލަށް ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީގެ ފުލަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހިނގައްޖެ އެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވާފައިވާއިރު އޭގެތެރެއިން އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވަޑައިގެންނެވީ އެންމެ 16 ޖަލްސާ އަށެވެ. 31 ޖަލްސާ އަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.

މަޖިލީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި ގިނަ މެމްބަރުން ވަނީ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާ އަކަށް ވަޑައިގެންފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް 9 ޖަލްސާ ފިޔަވައި އެހެން ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ހާޒިރީ އަށް ބަލާއިރު އެމަނިކުފާނު ވަނީ ހަތަރު ޖަލްސާ ފިޔަވައި އެހެން ހުރިހާ ޖަލްސާ އަކަށް ވަޑައިގެންފައެވެ. ރައީސް ނަޝީދު ވަޑައިނުގަންނަވާ ހަތަރު ޖަލްސާ އަކީ ރަސްމީ ދަތުރުފުޅުތަކުގައި އުޅުއްވުމުގެ ސަބަބުން ވަޑައިނުގެންނެވުނު ޖަލްސާތަކެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ބަލާއިރު ރަސްމީ ދަތުރުފުޅެއްގައި އުޅުއްވުމުން އެއް ޖަލްސާ ފިޔަވައި އެހެން ހުރިހާ ޖަލްސާ އަކަށް އެކަމަނާ ވަޑައިގެންނެވިއެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލުމަށްފަހު މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ޗުއްޓީ އަށް ގޮސްފައިވާއިރު މިދިޔަ ދައުރުގައި ގިނަ މަސައްކަތްތަކެއް މެމްބަރުން ކުރައްވާފައިވެއެވެ.