Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ރާއްޖެ ޗައިނާ މެޗު: ފުރަތަމަ އެގާރާގައި ދަގަނޑޭ ހިމެނޭ!

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅޭ މެޗުގެ ފުރަތަމަ އެގާރާގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފިއެވެ.

ރާއްޖެ ޓީމުގެ ފުރަތަަމަ އެގާރާގައި ދަގަނޑޭގެ އިތުރުން ދެން ހިމެނެނީ، ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އަހުމަދު ނުއުމާން އާއި ހަސަން ޝިފާއު އާއި އިބްރާހިމް އައިޝަމް އާއި ހައިޝަމް ހަސަން އާއި އަކްރަމް އަބްދުލްޣަނީ އާއި މުހައްމަދު ނާއިމް އާއި ހުސެއިން ނިހާން އާއި އިބްރާހިމް މަހުދީ (އިއްބެ) ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ދަގަނޑޭ އަށް ފުރުސަތު ދީފައިވާއިރު މިއީ ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމާއެކު ދަގަނޑޭ އަށް މެޗެއް ކުޅެލަން ލިބުނު ފުރަތަމަ ފުރުސަތެވެ.

ދަގަނޑޭ އަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ މިދިޔަ އަހަރު ބޫޓާނާއި ދެކޮޅަށް މާލޭގައި ރާއްޖެ އިން ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލާގައެވެ. އޭގެ ފަހުން ގައުމީ ޓީމުން ކުޅުނު އެއްވެސް މެޗަކަށް ދަގަނޑޭ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ސްކޮޑަށް ދަގަނޑޭ ނުނަގާ ސީދާ ވަކި ސަބަބެއް ގައުމީ ކޯޗު ޕީޓާ ސެގާޓް ހާމަކޮށްފައެއް ނުވެއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ދަގަނޑޭ އަށް ކޯޗު ސެގާޓް ފުރުސަތު ނުދިނުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ގުއާމްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފައެވެ.

ދަގަނޑޭ އަލުން ސްކޮޑަށް ނެގުމުން މިރޭގެ މެޗު ބެލުމުގެ ފޯރި ވެސް ދިވެހިންގެ ތެރޭގައި ގަދަވިއިރު މި މެޗު ފަށާނީ މިރޭ 8 ޖަހާއިރުއެވެ،