Last Updated: April 18, 06:02
Thursday, April 18, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ (ހަތްވަނަ ބައި)

އޭނާއަކީ އެއްއިރެއްގައިވެސް ހެނދުނު ތެދުވަން އާދަވެފައިވާ ކުއްޖަކަށް ނުވާއިރުވެސް، ކޮންމެ ރެއަކު ފަތިސްނަމާދަށް ޒައިކް ގޮވުމުން އޭނާ ތެދުވެއެވެ. ނަމާދުކޮށްގެން ބައެއް ދުވަސް ދުވަހު ނިދުނުނަމަވެސް ގިނަދުވަސް ދުވަހު އޭނާ ބޭރަށް ނުކުމެއެވެ. ބަދިގެ ތެރޭގައި ނުވަތަ ގޭތޭރެ ކަމެއްގައި ހައްވައަށް އަތްގާތްކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް އަދި އެފުރުސަތެއް ނުލިބެއެވެ.
އެހެންކަމުން މަޑުމަޑުން އޭނާ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދިޔައެވެ. އޭނާގެ އެހީތެރިކަން ހައްވަ ބޭނުން ނުވާކަމުގައި ގަބޫލުވެސް ކުރެވުނެވެ. އެހެންކަމުން އޭނާ ގިނަވަގުތު ހޭދަކުރަނީ އޭނާގެ ގޭގައި މަންމައާއެކުގައެވެ. ހައްވައާއެކު ގޭތެރޭގެ މަސައްކަތެއްގައި ބައިވެރިވާކަށްވެސް އޭނާގެ ޚިޔާލަކަށް ނާދެއެވެ. ޒީޝާންއަށް އެއްވެސް މަސައްކަތެއްކުރަން ނޭނގޭކަން ކުރިންވެސް ހައްވައަށް އެނގޭތީ އޭނާވެސް އެކަމާ މާބޮޑަށް އަޅައެއް ނުލައެވެ. ހައްވައަކީ ފެށުނީއްސުރެވެސް ނުހަނު މުރާލިމީހަކަށްވެފައި މިހުރިހާ ދުވަހު އެކަނިމާއެކަނި ހުރިހާ ކަމެއް ކުރަމުން އައީތީ އޭނާއަށް އެއީ ބޮޑުކަމަކަށްވެސް ނުވެއެވެ. ޒީޝާން ކަމެއްނުކޮށްގެން އޭނާގެ ހިތުގައި ޝަކުވާއެއްވެސް ނުއުފެދެއެވެ. އެހެންނޫނަސް ޒީކްގެ ހުރިހާކަމެއް މަޔަކު ފަދައިން ޒީޝާން ބަރާބަރަށް ކޮށްދޭތީ އޭނާ ހުންނަނީ ނުހަނު އުފަލުންނެވެ. އަދި ޒައިކްވެސް މިހާރު ހުންނަނީ ނުލާހިކު ހަމަޖެހިފައެވެ. ދެން އިތުރަށް އޭނާ ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟
" ދަރިފުޅުވެސް ޖެހޭނެ ބައެއްފަހަރު ހައްވައްތައަށް އެހީވާން….އޭރުން ހައްވަތަވެސް އުފާވާނީ.." ޒީޝާންގެ މަންމަ އޭނާއަށް ނަސޭހަތްތެރިވިއެވެ.
" މަންމާ….މިހާރުވެސް އަހަރެން އެހީވަމެއްނު….ޒީކްގެ ހުރިހާކަމެއް އަހަރެން ކުރަނީ….ހައްވައްތަވެސް ބުންޏޭ އެހެން އެއްކަމެއް ނުކުރިޔަސް އޯކޭއޭ…." ކުޑަކުއްޖަކުފަދައިން ޒީޝާން ބުނެލިއެވެ.
" އެހެންތަ؟…އެކަމުވެސް ދަރިފުޅު ޖެހޭނެ ޒައިކްގެ ކަންކަން ކޮށްދޭން….ފިރިމީހާގެ ކަންކަން ކޮށްދޭން ޖެހޭނީ އަނބިމީހާއެއްނު…" ޒީނާ އަނެއްކާވެސް ޒީޝާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
" އޭނަގެ ކޮންކަމެއްތަ ކޮށްދޭން ހުންނާނީ؟…އެއީވެސް ބޮޑު ފިރިހެނެއްނު…އަމިއްލައަށް ހުރިހާކަމެއް ކުރެވޭނެއްނު…." އެއްވެސް ވިސްނުމެއް ފިކުރެއްނެތި ޒީޝާން ބުނެލިގޮތުން ޒީނާއަށް ހައިރާންވެފައި ބަލާލެވުނެވެ.
" އެކަމަކު ދަރިފުޅާ….ފިރިމީހާހުރީ ކައިގެންތޯ، ހުރީ ހިތްހަމަޖެހިފަތޯ ނޫނީ ކަމަކާ ދެރަވެފަތޯވެސް ބަލަންޖެހޭނެއްނު….އަނބިމީހާގެ ފަރާތުން ފިރިމީހާއަށް އަޅާލުން ބޭނުންވާނެއްނު…" ސީރިއަސްވެފައި ޒީނާ ބުނެލިއެވެ.
" މަންމަ ދެން ކޮން ފިރިމީހާ އަނބިމީހާއެއްތަ ތިކިޔަނީ….ދެން ހީވަނީ އަހަރެންމީ މަންމަ ވަރުގެ މުސްކުޅިއެއްހެން….އަދި އެންމެ ނަވާރަ އަހަރު އަހަރެންނަށްވީ….އަނބިމީހާއޭ ތިކިޔަނީ…" ނުރުހުންވެފައި ޒީޝާން ޝަކުވާކޮށްލިއެވެ.
" އަޖާއިބެއް!….ކިތަންމެ ޒުވާނެއްކަމަކު މީހަކާއިނީ ވާނީ އަނބިމީހާއަކަށް ނޫންތަ؟…ދަރިފުޅުވެސް މިހާރުތީ ކުޑަކުއްޖެއްނޫނޭ…..ބޮޑެތިމީހުން އުޅޭގޮތަށް އުޅެން ދަސްކުރަންވާނެ…." ޒީޝާންގެ މޮޔަކަމާހުރެ ހިނިއައި ނަމަވެސް އެކަން ފޮރުވަމުން ޒީނާ ބުނެލިއެވެ. ދެމައިންގެ ވާހަކަތައް އަޑުއަހަން ތަންކޮޅެއްދުރުގައި މަސައްކަތެއްގައި އުޅުނު ހަސަނުވެސް ހުރީ ހިނިއައިސްފައެވެ. އޭނާގެ ދަރިފުޅުގެ ކައިވެނިކުރެވުނު ނަމަވެސް އަދިވެސް އެކުއްޖާގެ ވިސްނުމާއި ފިކުރުހުރީ ކުޑަކުއްޖަކު ފަދައިންނޭ އޭނާގެ ހިތަށްއެރިއެވެ.
ކައިވެންޏަށްފަހުވެސް ޒައިކް ޗުއްޓީއެއް ނުނަގައެވެ. އެހެންކަމުން އޭނާ އަދިވެސް ގިނަވަގުތު ހޭދަކުރަނީ ސުކޫލުގައެވެ. މެންދުރުފަހު އޭނާ ގެޔަށް އައިސް ލިބޭ ހުސްވަގުތުގައިވެސް ޒީކްގެ ސަބަބުން އޭނާއަށް ޒީޝާންއާއެކު ވަގުތު ހޭދަ ކުރާކަށް ނުލިބެއެވެ. ޚުދު ޒީޝާންވެސް ބަލަނީ ވީހާވެސް ބޮޑަށް ޒައިކްއާ ދުރުގަ އުޅެވޭތޯއެވެ. ޒައިކް އޭނާއާ ގާތްވެދާނެތީވެސް އޭނަ ހުންނަނީ ޖެހިލުންވެފައެވެ. ގޭތެރޭގައި އުޅޭނަމަ އަބަދުވެސް އޭނާއުޅެނީ ޒީކް ގޮވައިގެންނެވެ. ޒީކް ނިދާފައި އޮންނަ ވަގުތު ތަކުގައި އޭނާ އިންނަނީ ކޮޓަރިން ބޭރުގައި ޓީވީ ބަލާށެވެ. ނޫންނަމަ ލެޕްޓޮޕުން ސީޒީރެއް ބަލާށެވެ. ޒައިކްއާއެކީ އެކަނިވާން ޖެހިދާނެތީ އޭނާ ކޮޓަރިއަށްވެސް ނުވަންނަނީއެވެ. އޭނާއަށް ވެގެންވާނަމަ ޒައިކް އުޅޭ ކޮޓަރިއަކަށް ނިދާކަށްވެސް އޭނާ ނުވަނީހެވެ. ޒީޝާން އެގޮތަށް ކަންތައްކުރާތީ އަދިވެސް ޒީޝާން އޭނާއާ ގުޅުމެއް އުފައްދަން ތައްޔާރުނޫންކަން ޒައިކް ދެނެގަތެވެ. އަދި ޒީޝާން ބޭނުން މުއްދަތަކަށް ފުރުސަތު ދިނުމަށްވެސް އޭނާ ގަސްތުކުރިއެވެ. އަމިއްލަ އަނބިމީހާ ވިޔަސް ނުރުހުމުގައި ކަމެއްކުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ. އޭނާއަކީ އެއަށްވުރެ ކެތްތެރި މީހެކެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެމަތިން ޒީޝާންއިނީ އޭނާގެ ގޭގެ ޖޯލިފަތީގައި ފޯނާއި ކުޅޭށެވެ. އޭނާއަށް ފެންނަ ހިސާބުގައި ގޯތިތެރޭގައި ޒީކް ކުޅެން އުޅެއެވެ. އެހެން އިންދައި އޭނާ ސިހުނީ ކުއްލިއަކަށް މީހަކު ދޮރާށި ހުޅުވާލި އަޑަށެވެ.
" މި ޝިޔާއަށް ނޫނީ އެގޮތަށް ދޮރުހުޅުވާކަށް ނޭނގޭނެ….ޒީކްވެސް ދިޔައީ ސިއްސައިގެންނޭ…" ދޮރާށިން އެތެރެއަށް ވަތް ޝިޔާ ފެނުމާއެކު ޒީޝާން ޝަކުވާކުރިއެވެ.
" އެއީ މަގޭ މައްސަލައެއްނޫން…ދޮރުގެ މައްސަލަ…ގައިގަ ހުރިނަމަ ހުރިބާރެއްލީމަ ހުޅުވެނީވެސް…ދެން އެހެންނެއްނު ހުޅުވޭނީ…." ޝިޔާ އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.
" ހޫމް…މީނަގެ ނޯންނާނެ ހަމަ އެއްވެސް މައްސަލައެއް…" ޒީޝާން ޗޮކެއް ކަނޑާލިއެވެ.
"މަ މިއައީ އެގެއަށް ވަދެގެން އުޅެ އުޅެފަ….ކިހިނެއްތަ އެނގޭނީ މީހަކާ އިނީމަވެސް އަބަދު އައިސް މިގެޔަށްވަދެ އިންނާނެ ކަމެއް…" ޒީޝާންގެ ގާތުގައި އިށީއްނަމުން ޝިޔާ ބުނެލިއެވެ.
" ބުނަންތަ މިއީ އަހަރެންގެ ގެ…އަހަރެން ބޭނުން ކޮންމެ ވަގުތަކު މިގެޔަށް އާދެވޭނެ…" ބޮޑުވެލާފައި ޒީޝާން ބުންޏެވެ.
" ތިކަން އެނގެޔޭ….އެކަމު ޒައިކް އެކަނި ގޭގަ އުޅޭއިރުވެސް މިތާ އައިސް ތިއިންނަނީ….ކައިވެނިކުރީމަވެސް ފިރިމީހާއާމެދު ނުވިސްނަންތަ؟…ހަމަ ހުސްހަށިބައިވެގެން މިތާތިއިނީ؟…" ޝިޔާ އެހެން ބުނުމުން ޒީޝާން ބަލާލީ ނުރުހުންވެފައެވެ.
" އެންމެން ކީއްވެގެންތަ އަބަދު ޒައިކްއާމެދު ތިހާ ކަންބޮޑުވެގެން ތިއުޅެނީ؟….އަހަރެންނާމެދު ވިސްނާ އެކަކުވެސް ނޫޅޭ….ޝިޔާވެސް ތިވިސްނަނީ އޭނައާމެދު…އެންމެފަހަރަކުވެސް އަހަރެންނާމެދު ވިސްނާލިންތަ؟…" ދެރަވެލާފައި ޒީޝާން ޝަކުވާކުރިއެވެ.
" ކިހިނެއްވީ؟….ޒައިކް ގޯހީތަ؟…އޭނަ ޒީއަށް އަޅާނުލަނީތަ؟…" ސީރިއަސްވެފައި ޝިޔާ އަހާލިއެވެ.
" އުނހު…އޭނަ ގޯހީކީ ނޫން…..އެކަމު އަހަރެންނަކަށް ނޭނގެ، އޭނަ ފެނުނަސް އަހަރެން ބިރުގަނޭ….އޭނައާ ވާހަކަދައްކަންވެސް އަހަރެން ޖެހިލުންވޭ…..ބައެއްފަހަރު އޭނަ އަހަރެންނާ ގާތްވާން އުޅޭހެން ހީވާތީ އަހަރެން ބަލަނީ ވީހާވެސް ދުރުގަ އުޅެވޭތޯ…." ޒީޝާން އޭނާގެ އިހުސާސްތައް އެކުވެރިޔާއާ ހިއްސާކުރިއެވެ.
" އެކަމު ޒީ…އެއީ މިހާރު ޒީގެ ފިރިމީހާއެއްނު….އޭނައަށް ޒީއާ ގާތްވުމުގެ ހައްޤު ލިބިގެން ވެޔެއްނު….ދެން ކީއްވެ ބިރުގަންނަންވީ؟….ޒީ ޖެހޭނެއްނު އޭނައަށް ފުރުސަތުވެސްދޭން…" ވިސްނައިދޭފަދައަކުން ޝިޔާ ބުންޏެވެ.
" ތިހެން ބުނެލަން ކިހާ ފަސޭހަ….އެކަމު ޝިޔާއަށް ނަމަވެސް ތިބުނާގޮތަށް ކަންތައްކުރާކަށް ފަސޭހައެއްނުވާނެ…..އަހަރެން ދުވަހަކު ވާހަކަވެސް ނުދައްކާ މީހަކާ ކުއްލިއަކަށް އިނދެގެން ގޮސް އޭނާގެ ތަންމަތީ ނިދަންވީމަ، އަހަރެން އުފުލަން ޖެހޭ ތަކުލީފު ޝިޔާއަށް އަންދާޒާ ކުރެވޭތަ؟….ޝިޔާއަށް ވަކިން ފަސޭހަ ކަމަކަށްވާނެތަ، ބީރައްޓެއްސަކާ އަމިއްލަ ނަފްސު ހަވާލުކުރަން….ފިރިމީހާވިޔަސް ކިހިނެއް ހަމަހުރެފަ އޭނާ ބޭނުންވާހާ ކަމެއް އަހަރެން ކޮށްދޭނީ….އޭނަ ކަމެއްކޮށްފާނެތީ ބިރުން އަހަރެންނަށް ރަނގަޅަށް ނުވެސްނިދޭ….ރޭގަނޑު ހަމަ ނިދި ނުލިބޭތާނގަ، ދުވާލުވެސް މިހާރު ހަމަޖެހިލައިގެން އެގޭގަ ނީނދެވޭ އޭނަ ގެޔަށް އަންނަލެއް އަވަސްކަމުން….ހީވަނީ އޭނަ ފުރުސަތަކަށް ބަލަބަލާ ހުންނަހެން….އެހެންވެ އަހަރެން އަވަހަށް ޒީކް ގޮވައިގެން މިގެޔަށް އަންނަނީވެސް…." ޒީޝާން ވަރަށް ތަފްސީލުކޮށް އޭނާ ކަންތައްކުރާގޮތް ޝިޔާއަށް ކިޔައިދިނެވެ.
" ޒީ!…ޒީ އުޅޭގޮތުން އަހަރެން ހަމަ ހައިރާންވެއްޖެ…..ތިހެން އުޅެގެން ކިހިނެއް ދެމީހުންގެ މެދުގައި ތިއޮންނަށް ބީރައްޓެހިކަންވެސް ކެނޑޭނީ….ދެމީހުންގެ މެދުގަ ޖިސްމާނީ ގުޅުމަކަށް ފުރުސަތު ނުދިނަސް ކުޑަމިނުން އެކުވެރިކަމެއް އުފެއްދޭނެދޯ…..ތިގޮތަށް އުޅެގެން ދިރިއުޅުމެއް ކިހިނެއް އުޅެވޭނީ؟…" އެކުވެރިޔާގެ މޮޔަކަމާމެދު ހައިރާންވެހުރެ ޝިޔާ ވާހަކަދެއްކިއެވެ.
" ހޫމް…ތިނޫން އެހެން ވާހަކައެއް ދައްކަބަލަ!….އަބަދު އެންމެން އަހަރެންނަކީ ޒައިކްގެ އަނބިމީހާކަން ހަނދާން ނުކޮށްދިނެއްކަމަކު އަހަރެންނަށްވެސް އެކަން އެނގެއޭ…" ޒީޝާން ނުރުހުންވެފައި ބުނުމުން ޝިޔާ އެވާހަކަ ހުއްޓާލިއެވެ.
" އަސްލު އަހަރެން މިއައީ އެހެން ވާހަކައެއް ދައްކަން ވެގެންނޭ….ވަރަށް އަވަހަށް މަލްޓިމީޑިއާ ކޯހެއް ފަށަން އެބައުޅޭ…..ޒީ ބައިވެރިވާންވީނު…ޒީބުނީމެއްނު ކޮމްޕިއުޓަރ ކޯހެއް ހަދަން ބޭނުމޭ….ހަމަސްދުވަހުގެ ކޯހެއް….މިހާރު ފޯރމްވެސް ދޫކުރަން ފަށައިފި…" ގަޔާވެލާފައި ޝިޔާ ބުންޏެވެ.
" ހަމަސް ދުވަހުގެ ކޯހެކޭ؟….ހާދަ ދިގު މުއްދަތެއް….އަހަރެން ކިހިނެއް އެހާދިގު މުއްދަތެއްގެ ކޯހެއް ހަދާނީ….ޒީކް ދޫކޮށްލާފަ އަހަރެންނަކަށް ނުދެވޭނެއްނު…." މާޔޫސީ ރާގަކަށް ޒީޝާން ބުނެލިއެވެ.
" ބަލަ މޮޔަޔާ….ރޭގަނޑުވެސް ކުލާސްތައް އޮވެޔޭ….ރޭގަނޑު ޒީކް ނިދީމަ ބަލާކަށް ނުޖެހޭނެއްނު….އެހެންނޫނަސް ހައްވައްތަވެސް ހުންނާނީ ގޭގައެއްނު…ކޮންކަމަކާ ހާސްވަނީ….އަހަރެންގެ ލަފައެއް އަހަންޏާ ބައިވެރިވޭ…އޭރުން ތިގޮތަށް ފޫހިވެ އިންނާކަށް ނުޖެހޭނެ…..ބޭރަށް ނުކުމެ މީހުނާ އެކުލަވާ އުޅުނީ ހިތްހަމަވެސް ޖެހޭނެ…." ޝިޔާދެއްކި ވާހަކަތަކާމެދު ޒީޝާން ވިސްނިއެވެ. ތެދެކެވެ. ގޭގައި އެގޮތަށް އިންނަންވުމުން ހަޤީޤަތުގައިވެސް އޭނާ ފޫހިވެއެވެ. އޭނާވެސް އެއުމުރުގެ އެހެންކުދިން އުޅޭހެން މަޖާކޮށްލާ އުޅެލަންވެސް ބައެއްފަހަރު ބޭނުންވެއެވެ.
" ޒައިކް ގަބޫލިއްޔާއެއްނު ދެވޭނީ…." ވިސްނާލަމުން ޒީޝާން ބުންޏެވެ.
" ކީއްވެ ގަބޫލުނުވާނީ….ޔަގީން ވާނެކަން…" ޝިޔާ ޔަޤީންކަން ދިނެވެ.
*****
ދުވަހަކީ ހުކުރު ދުވަހެވެ. ފަތިސްނަމާދުކޮށްގެން އައިސް ޒައިކް އިނީ މަސްފެންގަނޑު ކައިރީގައިވާ ޖޯލިފަތީގައި ކޮފީއެއް ބޯލުމަށެވެ. ޒީޝާންވެސް ތެދުވެ ފެންވަރައިގެން ކޮޓަރިން ނުކުތީ ޒީކް ކޮބައިތޯ ބަލާލުމަށެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް ހޭލެވެނީ ޒީކް ގޮސް އުނދަގޫކުރަން ފެށުމުންނެވެ. ނަމަވެސް މިއަދު ޒީކްގެ އެއްވެސް ޚަބަރެއްނުވެއެވެ. އެހެންކަމުން އޭނާގޮސް ހައްވަގެ ކޮޓަރި ބެލިއިރު އެތާކުވެސް ޒީކްއެއްނެތެވެ. އޭނާ ސުވާލު އުފެދިފައި ހުރެގެން ބޭރަށް ނުކުތްއިރު، ބޭރުންވެސް ޒީކް ފެންނާކަށް ނެތެވެ. ޖޯލިފަތީގައި އިން ޒައިކްއާއި ސުވާލުކުރަން ހިތަށްއަރާފައިވެސް އޭނާ އެޚިޔާލު ދޫކޮށްލިއެވެ.
" ޒީކް ދިޔައީ މަންމައާއެކު ބޭރަށް…." ޒީޝާން އެނބުރި ގޭތެރެއަށް ވަންނަން ފެށުމުން ޒައިކް ބުނެލިއެވެ. ޒައިކްގެ އަޑުއިވިފައި ޒީޝާން ހުއްޓިލިއެވެ.
" ޒީޝާން….އަހަރެން މިވިސްނަނީ މިއަދު ބޮޑުމަގުކޮޅަށް މޫދަށް އެރިލަންދާން ޒީކް ގޮވައިގެން….ޒީޝާންވެސް އަހަރެމެންނާއެކު ގޮސްފިނަމަ ވަރަށް އުފާވާނެ…" އާދޭހުގެ ރާގަކަށް ޒައިކް ބުނެލިއެވެ. ނޫނެކޭ ބުނަން ޒީޝާންގެ ހިތަށްއެރިނަމަވެސް، އެހާ މަޑުމައިތިރިކަމާއި ލޯތްބާއެކު ޒައިކް ބުނުމުން އެކަމަށް ދެކޮޅު ހަދާކަށް ޒީޝާންއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާވެސް ދިއުމަށް އެއްބަސްވިއެވެ.
ހެނދުނުގެ ނާސްތާއަށްފަހު ޒައިކްއާއި ޒީޝާން ޒީކް ގޮވައިގެން ބޮޑުމަގު އަތިރިއަށް ދިޔައެވެ. އެއީ ވަރަށް ރީތި ދޮންވެލީގެ ގޮނޑުދޮށެއް އޮންނަ ހިތްގައިމު މާހައުލެކެވެ. އައިޝާ ނިޔާވިފަހުން މިނޫނީ އޭނާ އެގޮނޑުދޮށަށް ދަތުރަކު ނުދެއެވެ. މިއަދު އޭނާ ބޭނުންވަނީ ޒީޝާންއާއި އެކުވެރިކަމެއް އުފެއްދުމަށެވެ. ކައިވެންޏަށް މަހެއްވެގެން ދިޔައިރުވެސް ދެމީހުންގެ މެދުގައި އަދިވެސްވަނީ ބީރައްޓެހިކަމުގެ ފާރެއްލެވިފައެވެ. އެފާރު ނެތިކޮށްލުމަކީ އޭނާގެ އަޒުމެވެ. ޒައިކްއާއި އެކު ޒީކް މޫދުގައި މަޖާކުރަމުން ދިޔައިރު، ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން ޒީޝާންއިނީ ޒައިކްއާއެކީ މޫދަށްއެރެން ބޭނުންނުވާތީއެވެ. އެމީހުންގެ އިތުރުންވެސް މޫދަށް އެރިގެން އައިސް އުޅޭބަކަޔު ތަންކޮޅެއް ދުރުގައި ތިއްބެވެ. އެއީވެސް އެމީހުންކަހަލަ ދެމަފިރިންނާއި އެމީހުންގެ ކުދިންނެވެ. އެމީހުން ނުލާހިކު އުފަލާއި މަޖަލުގައި މޫދުގައި ސަކަރާތްޖަހަމުން ދިޔައިރު، އެމަންޒަރު ފެންނަ ކޮންމެމީހެއްގެ ހިތަށްވެސް އުފާވެރިކަން ގެނުވާނެއެވެ. ޒީޝާން އެމަންޒަރު ބަލަންއިންއިރު، ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެލެވެއެވެ. އޭނާވެސް އެފަދަ އުފާވެރިކަމެއް ބޭނުންވެއެވެ. އޭނާވެސް، އޭނާގެ ދިރިއުޅުމާމެދު ކިހާ އުފާވެރި ހުވަފެންތަކެއް ދުށްހެއްޔެވެ؟ޒަލަފްއާ ކައިވެނިކޮށް ލޯބި ލޯބި ދަރިންތަކެއް ހޯދުމަށް އޭނާވެސް ވިސްނިއެވެ. އެކުދިންނާއެކު މަޖާކޮށް ސަކަރާތްޖަހައި އުޅޭނެ އުފާވެރިގޮތްތައް އޭނާ ޚިޔާލުކުރިއެވެ. ޒަލަފްއަކީ ވަފާތެރިއަކަށްވީނަމަ މިއަދު އޭނާވެސް ވީހީ ކިހާއުފާވެރި އަންހެން ކުއްޖަކަށް ހެއްޔެވެ؟ ޒަލަފްއާއެކު އޭނާވެސް އެގޮތަށް މަޖާކޮށް އުފާކުރީހެވެ.
" ޒީދައްތީ!" ޚިޔާލުގެ ތެރެއިން އޭނާއަށް ނުކުމެވުނީ ޒީކްއައިސް އޭނާގެ ގާތަށް ހުއްޓުމުންނެވެ.
" ޒީދައްތީ…އާދޭ…ޒީކްއާއެކީ…" ޒީޝާންގެ އަތުގައި ހިފާލަމުން އާދޭހާއެކު ޒީކްއެދުނެވެ. ޒީކްގެ މައުސޫމު މޫނަށް ބަލާލުމުން އެކަމާ ދެކޮޅުހަދާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން ހިތާދެކޮޅަށްވެސް އޭނާ ޒީކްއާއެކު މޫދަށްއެރުނެވެ. އޭނާއަށް ފަތާކަށް ނޭނގެއެވެ. އެހެންކަމާއެކު، ޒީކްގޮވައިގެން އޭނާހުރީ އިސްކޮޅުޖެހޭ ހިސާބުގައެވެ. ރިންގްގެ އެހީގައި ޒީކް ފަތަމުން ގޮސް ޒީޝާންއާ ދުރަށްދިއުމުން އޭނާ ޒީކްގެނައަށް ދިޔައެވެ. ނަމަވެސް އޭނާއަށް އަތުނުޖެހި ރިންގްބޭރަށްދާން ފެށުމުން އޭނާ ބިރުގަތެވެ. ޒީކް އަތުޖެހޭތޯ ދިއުމުން ޚުދު އޭނާ ގެނބެން ފެށިއެވެ. އޭރު ޒައިކްހުރީ ތަންކޮޅެއްދުރުގައެވެ. ޒީޝާން ގެނބެންފެށި މަންޒަރު ފެނުމާއެކު، އޭނާ ހަލުވިކަމާއެކު ފަތާފައި އައިސް ޒީޝާންގެ އަތުގައިހިފިއެވެ. އެއާއެކު ޒީޝާން ނުހަނުބާރަށް ޒައިކްގެ ގައިގާ އޮޅުލައިގަތެވެ.
" ޒީޝާން…އޯކޭތަ؟…" އަވަސްވެފައިވާ ހިތަކާއެކު ޒައިކް އަހާލިއެވެ.
" ޒީކް…ޒީކްދަނީ…" ނޭވާލެވުމާއެކު ޒީޝާން ބުންޏެވެ.
" ޒީކް…ނުދެޔޭ ދުރަކަށް…އޭނައަށް އެނގޭނެ އަންނަން…އެހެރަ އަންނަނީނު…" ހަމަޖެހިލާފައި ޒައިކް ބުންޏެވެ. ތެދެކެވެ. ޒީކް އަމިއްލައަށް ފަތަމުން ޒީޝާންގެ ގާތަށްއައެވެ.
" ޒީކް..ވަރަށް ކުޑައިރުއްސުރެ ގެންނާތީ އޭނާއަށް އެނގޭނެ ރިންގް ބޭނުންކޮށްގެން ފަތަން…" ޒައިކް މަޑުމަޑުން ބުނެލިއެވެ. ޒީޝާންގެ ނޭވާ އެޅޭހައި ގާތުގައި ހުންނަންވުމުން އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދަނީއެވެ. ޒީޝާން ބިރުގެންފައިހުރިވަރުން އޭނާއަށް އެކަން އިހުސާސެއް ނުކުރެވެއެވެ.
" ބޭނުންތަ ފަތަން ދަސްކުރަން؟….އަހަރެން އެހީވެދީފާނަން…." ޒީޝާންގެ މޫނަށް ބަލާލަމުން ޒައިކް އެހިއެވެ. ޒައިކްގެ މޫނު އެހާގާތުން ފެނުމުން ޒީޝާންގެ އަތްފައިވެސް ފިނިވާގޮތްވިއެވެ. އިސްކޮޅު ޖެހޭ ހިސާބަށް އާދެވުމުން ޒީޝާން އަވަސް އަވަހަށް ޒައިގެ ގައިން ދޫކޮށްލަމުން ދުރަށްޖެހިލިއެވެ.
" މިއަދަކު ނޫން…." ޒީޝާން އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި އެއްގަމަށްއެރިއެވެ.
ޒީޝާން އޭނާދެކެ އެހާބިރުގަންނަ ސަބަބެއް ނޭނގޭތީ ޒައިކް ވިސްނަމުން ދިޔައެވެ. ޒީޝާންއަށް އޭނަ ކަމުނުދަނީ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އޭނާއާ ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ މަންމަމެން މަޖުބޫރު ކުރީ ހެއްޔެވެ؟ ކުރިން ދުވަހު ޝިޔާއާ ދެމީހުން ދެއްކި ވާހަކަވެސް އިއްތިފާޤުން އޭނާއަށްވަނީ އަޑުއިވިފައެވެ. އެއްކޮޓަރީގައި ނިދަންވުމުން ޒީޝާންއަށް ނުނިދޭ ވާހަކައެވެ. އޭނާ ފެނުމުން ޖެހިލުންވާ ވާހަކައެވެ. އޭނާގެ ސަބަބުން ޒީޝާންއަށް ތަކުލީފުގައި އުޅެންޖެހޭ ވާހަކައެވެ. އެފަދަ ތަކުލީފެއް އުފުލަން ޒީޝާންއަށް ޖެއްސީ ކާކުހެއްޔެވެ؟ އޭނާއާ ކައިވެނި ކުރުމަށް ޒީޝާންއަށް އޮތީ ކޮން މަޖުބޫރެއް ހެއްޔެވެ؟ އޭނާއަކަށް ނުވިސްނުނެވެ.
އޭނާއަށް އެނގޭހައިވެސް އެއްޗަކީ ޒީޝާން އޭނާއާއި ކައިވެނިކުރީ ހިތްއެދިގެން ނޫންކަމެވެ. އަދި މިހާރު އޭނާއާއެކީގައި ދިރިއުޅެނީވެސް އުފަލުން ނޫންކަމެވެ. އެއަންހެން ކުއްޖާ އުފާކޮށްދޭން އޭނާ ކުރާނީ ކީއްހެއްޔެވެ؟ އެކުއްޖާގެ ހިތްއަތުލަން އޭނާ ބޭނުންކުރާނީވެސް ކޮންފަދަ އުކުޅެއް ހެއްޔެވެ؟ އޭނާއަކީ އެއްއިރެއްގައިވެސް އަންހެންކުދިންގެ ސަމާލުކަން ހޯދަން އުކުޅުތަކެއް ބޭނުންކޮށް އުޅުނު މީހެއްނޫނެވެ. އައިޝާގެ ހިތްއަތުލާކަށްވެސް އޭނާ މަސައްކަތްތަކެއް ނުކުރެއެވެ. ކިޔަވަން އެކީގައި އުޅުނީތީ ރައްޓެހިކަމެއް އުފެދުނީއެވެ. އޭނާއަށް އައިޝާ ކަމުދިއުމުން ކައިވެންޏަށް އެދުނީއެވެ. ލޯބިވެ، ރައްޓެހިވުމަކީ އޭނާ ކޮންއުޅުނު ކަމެއް ނޫނެވެ.
އޭނާ ވިސްނިއެވެ. އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ކުރިން ދުވަހު ޝިޔާ ބުނިފަދައިން ޒީޝާން ބޭރަށް ނުކުމެ މީހުނާއެކުލަވާނެ ގޮތެއް ހެދުމެވެ. ގޭގައި އަބަދު އިންނަންވުމުން ޒީޝާން މާބޮޑަށް ފޫހިވަނީކަމުގައިވެސް ވެދާނެއެވެ. އޭނާދެކެ ރުޅިނައި ނަމަވެސް ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއްނެތި ކައިވެނިކުރެވުނީތީ އަދިވެސް ޖެހިލުންވަނީ ކަމުގައިވެސް ވެދާނެއެވެ. ޒީޝާންއާމެދު ގޯސްގޮތަކަށް ވިސްނުމުގެކުރިން ޒައިކްބެލީ މަސްލަހަތުހުރި ގޮތަކަށް ރަނގަޅަށް ވިސްނާށެވެ. އެހެންކަމުން އޭނާއަށްވެސް ގަބޫލުކުރެވުނީ ޒީޝާން މަލްޓިމީޑިއާ ކޯހުގައި ބައިވެރިކުރުވުން މުހިއްމު ކަމުގައެވެ. އެހެންކަމުން އޭނާ އަމިއްލައަށް ފޯރމެއް ނަގައިގެން އައިސް ޒީޝާން އަތަށްދިނެވެ.
" މިރަށުގަ މަލްޓިމީޑިއާ ކޯހެއްފަށާތީ އަހަރެން ހިތަށްއެރީ ފަހަރެއްގަ ޒީޝާން ބައިވެރިވާން ބޭނުންވެދާނޭ…." ޒައިކް ފޯރމް ގެނެސްދިނުމުން ހައިރާންވެފައި ޒީޝާން ބަލަންއިންގޮތުން ޒައިކް ބުންޏެވެ.
" ޒީޝާން ބޭނުން ކޮންމެ ރޮނގަކުން ކިޔަވަންވެސް އަހަރެން ފުރުސަތުދޭނަން….އަހަރެންގެ ފުރިހަމަ އެއްބާރުލުންވެސް ދޭނަން….މިރަށުގަވެސް މިހާރު ތަފާތު ކޮލެޖްތަކުގެ ކެމްޕަސްތައް އެބަހުރި….ޒީޝާން ބޭނުން ކޮންމެ ކޮލެޖަކުންވެސް ކިޔެވިދާނެ….ޒީޝާން ބޭނުންވާ ކޮންމެ އެހީތެރިކަމެއްވެސް އަހަރެންދޭނަން…." ޒައިކްގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ޒީޝާންއިނީ ކަންބޮޑުވެފައެވެ.
ޒައިކް ކުއްލިއަކަށް ކޯހުގެ ވާހަކަދެއްކީ ކީއްވެބާއޭ ހިތަށްއެރިއެވެ. އަނެއްކާ ކުރިން ދުވަހު މަންމަގެ ގޭގައި ތިބެގެން ޝިޔާއާ ދެމީހުން ދެއްކި ވާހަކަތައް ޒައިކްއަށް އަޑުއިވުނީބާއެވެ. އެހެންވާކަށް އޭނާ ނޭދެއެވެ. ނަމަވެސް ހަމަ އެރޭ ޒައިކް އޭނާގެ ކޮޓަރިއަށް ގޮދަޑިއެއް ވައްދައިގެން އޭގައި ނިދަން އޮށޯތުމުން އެކަން ޒީޝާންއަށް ޔަގީންވެސް ވިއެވެ. ޒީޝާންއަށް ޒައިކްއާއެކުގައި ނިދަން ތަކުލީފަކަށްވެގެން އެވާހަކަވެސް އޭނާއަށް ޝިޔާގާތުގައި ދެއްކުނެވެ.
" ޒީޝާންއަށް އަހަރެންގެ ސަބަބުން އެއްވެސް އުނދަކުލެއް ނުވަތަ ތަކުލީފެއް ލިބޭކަށް އަހަރެން ނޭދެން…ޒީޝާން ހަމަޖެހިގެން އެނދުގައި ނިދާ…އަދި އަހަރެންދެކެ ބިރު ނުގަތުންވެސް އެދެން….ޒީޝާންގެ ނުރުހުމުގަ އަހަރެން އެއްވެސްކަމެއް ނުކުރާނަން…ޒީޝާން ބޭނުން ދުވަހެއްވާންދެން އަހަރެން އިންތިޒާރު ކުރާނަން…އަހަރެންނަށް އެވަރުގެ އިތުބާރެއް ކުރާނެކަމަށް އުއްމީދު ކުރަނީ…" ޒައިކް އެވާހަކަތައް ދެއްކުމުން ޒީޝާން ވަރަށް ލަދުގަތެވެ. ޖަވާބުގައި އެއްޗެއް ބުނަން ނުކެރުނުތާނގައި އިސްއުފުލާ ބަލާލަންވެސް އޭނާއަކަށް ނުކެރުނެވެ.
ނުނިމޭ