Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ޗައިނާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހައިފި

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އޭގައި މިރޭ ރާއްޖޭގެ މައްޗަށް 0-5 އިން ޗައިނާ އިން ކުރި ހޯދައިފިއެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގައި ހިމެނޭ ގުއާމް ފިޔަވައި އެހެން ހުރިހާ ޓީމަކަށް ތިން ޕޮއިންޓު ވަނީ ލިބިފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައިގެން އެއްވަނައިގައި އޮތީ ޗައިނާއެވެ.. ދެވަނައިގައި ސީރިޔާ އޮތްއިރު ތިންވަނައިގައި އޮތީ ފިލިޕީންސްއެވެ. ގްރޫޕްގެ ހަތަރުވަނަ ރާއްޖެ އަށް ލިބޭއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ގުއާމްއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ޗައިނާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ 33 ވަނަ މިނެޓްގައެވެ. އެގޮތުން ވޫ ލެއި ނަގައިދިން ހުރަހަކުން ޗައިނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވޫ ޒީ އެވެ.

މި ގޯލަށްފަހު ވެސް ޗައިނާ އިން ކައިރި ކައިރީގައި ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 44 ވަނަ މިނެޓްގައި ވޫ ލެއި ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ވޫ ލެއި އަކީ ސްޕެނިޝް ލީގުގައި ކުޅެމުން އަންނަ އެސްޕަނިޔޯލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ފުރަތަމަ ހާފް ޗައިނާ އިން ދެ ގޯލުގެ ލީޑެއްގައި އޮވެ ނިންމާލިއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތެއް ރާއްޖެ އަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ކުޅެން އެރިއިރު މި ހާފުގައި ކުރީކޮޅު ރާއްޖެ އިން ދިޔައީ ޗައިނާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ހިލޭޖެހުމަކުން ރާއްޖޭގެ ކެޕްޓަން އަކްރަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ދާދު އާއި އައިސަމް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ޗައިނާގެ ކީޕަރު ޔަން ޖުންގްލިންއެވެ.

ރާއްޖެ އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޗައިނާ އިން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަންގް ޒޫއެވެ.

އަދި މެޗުގެ 81 ވަނަ މިނެޓްގައި ރެފްރީ ވަނީ ރާއްޖޭގެ ކެޕްޓަން އަކްރަމް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ޗައިނާ އަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޗައިނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަންއެވެ. ޗައިނާގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އޭނާއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސީރިޔާއާއެވެ. ރަށުން ބޭރުގައި ރާއްޖެ އިން ކުޅޭ އެ މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ޗައިނާ ދެން ބައްދަލުކުރާނީ ފިލިޕީންސްއާއެވެ.