Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

އާ އައިފޯނު ތަފާތު: އަގު ހެޔޮ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލް ބްރޭންޑަށް ލޯބިކުރާ އެތައް މިލިއަން މީހުނަށް ރެއަކީ ވަރަށް ޚާއްސަ ރެއެކެވެ. ކުރަން ތިބި ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އެންމެން ވެސް ތައްޔާރުވާނީ އާ އައިފޯން ލޯންޗުކުރާ އެޕަލް އިވެންޓަށެވެ.

ރޭގެ އިވެންޓުން އާ އައިފޯނު، އައިފޯން 11 ދައްކާލާފައިވާއިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް ކަމަކީ އައިފޯން 11 ގެ އަގެވެ. ފެށޭ އަގަކަށް އެޕަލްއިން ކަނޑައަޅާފައިވަނީ 699 ޑޮލަރެވެ. ފޯނަކަށް މިއަގު ބޮޑު ކަމަށް ބަޔެއް ބޭފުޅުންނަށް ޝަކުވާ ކުރެވިދާނެއެވެ. ނަމަވެސް އެޕަލް އައިފޯނަކަށް، އަދި ޚާއްސަކޮށް އެންމެ ފަހުގެ ފޯނަށް މިއަގު ކުޑައެވެ.

އައިފޯން 11 އާއެކު މިފަހަރުވެސް އިތުރު ދެ ފޯނު އެޕަލް އިން ވަނީ ނެރެފައެވެ. އެއީ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް އެވެ. ނަމަވެސް މިފޯނުތަކުގެ އަގު ވަނީ ކުރީއަހަރުތަކުގެ އަގުގެ ރެކޯޑު މުގުރާލާފައެވެ. އައިފޯން 11 ޕްރޯ 999 ޑޮލަރަށް އަދި ޕްރޯ މެކްސް ވަނީ އެންމެ އަގުބޮޑު އައިފޯނުގެ ގޮތުގައި 1099 ޑޮލަރަށް ފެށޭ އަގު ހަދާފައެވެ.

މިފަހަރުގެ ފޯނަށް އިތުރުކޮށްފައިވާ ބައެއް ފީޗާސްތަކަށް ބަލާއިރު ތިންވަނަ ކެމެރާ ލެންސެއް ވަނީ ގެނެސްފައެވެ. ވައިޑް، އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސާއެކު ކެމެރާ ސިސްޓަމަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިގެން ގޮސްފައެވެ. 13 މެގަ ޕިކްސަލްގެ މެއިން ކެމެރާގެ އިތުރުން 12 މެގަޕިކްސަލްގެ އަލްޓްރާވައިޑް އަދި 12 މެގަޕިކްސަލްގެ ޓެލެފޮޓޯ ލެންސާއެކު އެޕަލް އިން ދެން ވާދަ ކުރާނީ އެންމެ މޮޅު ކެމެރާ ހުރި ފޯނަށް ވުމަށެވެ.

މީގެ އިތުރުން ބެޓެރީ ހިފަހައްޓާ މިންވަރު އިތުރު ވާނެ ކަމަށް އެޕަލްއިން ބުނެއެވެ. އަދި ފޭސް އަންލޮކް ފީޗާ ކުރީގެ އައިފޯނަށް ވުރެ 11 ގައި އަވަސް ވާނެ ކަމަށް ވެސް އެޕަލް އިން ބުނެއެވެ. ކުރީގެ އައިފޯނާއި އަޅާކިޔާއިރު އިތުރު މއަިގަނޑު ބަދަލެއް މިފޯނުގައި ނެތް ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިފަހަރު އެޕަލް އިން ވަނީ ތަފާތު ގިނަ ކުލަތަކެއްގައި ފޯނު ޑިޒައިން ކޮށްފައެވެ.

ރޭގެ ހަފްލާގައި އާ އައިޕެޑް، އައިޕެޑް 7 ވެސް ވަނީ ތައާރަފް ކޮށްފައެވެ. އަދި ނޮވެމްބަރު 1 އިން ފެށިގެން އެޕަލް ޓީވީ ވެސް ފެށުމަށް ނިންމައި، އަލަށް އެޕަލް ފޯނެއް ނުވަތަ އައިޕެޑެއް ގަންނަ ފަރާތަކަށް އަހަރެއް ވަންދެން އެޕަލް ޓީވީ ހިލޭ ލިބޭނެ ކަމަށް އެޕަލް އިން ބުނެއެވެ.