Last Updated: April 19, 18:16
Friday, April 19, 2024
ކުޅިވަރު

އިންގްލޭންޑާއި ޕޯޗުގަލް އަށް ބޮޑު މޮޅެއް

ޔޫރޯ ކޮލިފިކޭޝަންގައި ރޭ އިންގްލޭންޑާއި ޕޯޗުގަލް ކުޅުނު މެޗުތައް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

އިންގްލޭންޑް ރޭ މޮޅުވީ ކޮސޯވޯއާ ބައްދަލުކޮށް 5-3 އިންނެވެ.

އިންގްލޭންޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކޮސޯވޯ އިންނެވެ. އެގޮތުން މި ގޯލު މެޗުގެ 34 ވަނަ ސިކުންތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެރިޝާއެވެ. ނަމަވެސް މެޗުގެ އަށްވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އިންގްލޭންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 19 ވަނަ މިނެޓްގައި ހެރީ ކޭންގެ ގޯލާއެކު އިންގްލޭންޑުން ލީޑު ނެގިއިރު، މެޗުގެ 38 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން އިންގްލޭންޑުގެ މި ގޯލަކީ ކޮސޯވޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލޭންޑުން އިތުރު ދެ ގޯލު ކާމިޔާބުކުރިއިރު މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ.

ދެވަނަ ހާފްގައި އިންގްލޭންޑަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ކޮސޯވޯ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބެރިޝާގެ އިތުރުން މުރިގީއެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނައިގައި އިންގްލޭންޑް އޮތީ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 9 ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް އޮތްއިރު ތިންވަނައިގައި 8 ޕޮއިންޓާ އެކު އޮތީ ކޮސޯވޯ އެވެ. ކޮންމެ ގްރޫޕަކުން ވެސް ޔޫރޯ އަށް ކޮލިފައިވާނީ އެންމެ ކުރި ހޯދާ ދެ ޓީމެވެ.

ގްރޫޕް ބީ ގައި ހިމެނޭ ޕޯޗުގަލް ރޭ މޮޅުވީ ރަށުން ބޭރުގައި ލިތުއޭނިޔާއާ ބައްދަލުކޮށް 5-1 އިންނެވެ. މި މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗުގަލްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ވިލިއަމް ކަވާލޯއެވެ.

މި މޮޅާއެކު ޕޯޗުގަލް އޮތީ އެހެން ޓީމުތަކަށް ވުރެ އެއް މެޗު މަދުން ކުޅެ 8 ޕޮއިންޓާއެކު ގްރޫޕް ބީ ގެ ދެވަނައިގައެވެ. އެއްވަނައިގައި 13 ޕޮއިންޓާ އެކު ޔުކްރޭން އޮތްއިރު ތިންވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ސާބިޔާއެވެ.