Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު މަގާމުން ވަކިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މަގާމުން ވަކިކުރައްވައިފިއެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯލްޓަންގެ ހިދުމަތް ދެން އިތުރަށް ބޭނުން ނުވާކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ. އަދި ބައެއް ކަންކަމުގައި ބޯލްޓަން ދެއްވާފައިވާ ލަފާތަކާއި މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާ ކަމަށާއި އަންނަ ހަފްތާގައި އެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެ މަގާމުން ބޯލްޓަން ވަކިކުރެއްވި ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، ބޯލްޓަން ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވެފައެވެ. އަދި އިސްތިއުފާ ހުށަހެޅެއްވުމުން އެކަމާ މެދު އިތުރަށް ވާހަކަދައްކަވަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށްވެސް ބޯލްޓަން ވިދާޅުވިއެވެ.

ބޯލްޓަން އެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ބޯލްޓަން ވެގެން ގޮސްފައިވަނީ ޓްރަމްޕްގެ ވެރިކަމުގެ ތިންވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަށެވެ. މީގެކުރިން އެ މަގާމު ފުރުއްވާފައިވަނީ މައިކަލް ފްލީން އާއި މެކްމާސްޓާއެވެ.