Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ދައުރުން ބޭރުގައި ރައްޔިތުން މަޖިލިސް ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީން އެދިއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ފަރާތުން މިހާރު މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިފައި މިވަނީ ސަރުކާރުން ބޭނުން ވެގެންނެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ދެ ގާނޫނަކަށް އިސްލާހުތަކެއް ގެންނަން ނިންމާފައި ކަމަށެވެ.

އެގޮތުން ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުތާއަތުގެ ގާނޫނަނށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދުވަހު ވިދާޅުވިއެވެ.