Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަނދިރި ދައުލަތުގެ ބާރުވަނީ ދިވެހި ދައުލަތުގެ ތެރެއަށް ވަދެފައި: ނަޝީދު

ރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅުދައްކަވަނީ --

އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަނދިރި ދައުލަތްތަކުގެ ބާރުތައް މިހާރު ގަދަވާން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގެ މިސާލަކީ ރާއްޖޭގެ މި ދައުލަތް ތެރެއަށް އެމީހުންގެ އަތްތައް ބާނަން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސް އުފެއްދުމުގައި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގާތްގަނޑަކަށް 250އެހާ ދިވެހިން އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ.

ކަންބޮޑުކަމާއި އެކު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެތައް ޒުވާން އަންހެން ކުދިންތަކެއް އައިސިސް ހަނގުރާމަވެރިންނަށް ވިއްކާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ގިނަ އަދަދެއްގެ މީހުން އައިސިސްއަށް ފޮނުވަނީ "އަނދިރި ދައުލަތުގެ ބާރު ގަދަކުރުމަށް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާއި ހަމައަށް 26އަށްވުރެ ގިނަ މީހުންގެ ގަޔަށް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަރުތައްވެސް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށް ކަމަށެވެ. އެއިން ކޮންމެ މީހެއްވެސް މަރާލާފައި ވަނީ މަރާލާނެ ކަމަށްބުނެ މާކުރިން އިންޒާރުވެސް ދީފައި ވަނިކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނދިރި ދައުލަތަކުގެ ފިކުރުތަކާއި ހުށަހެޅުންތަކާއި ދެކޮޅަށް ބަސްބުނާ މީހުން އެ ދައުލަތުގެ ފަރާތުން ފާހަގަކުރާ ކަމަށާއި ބަސްބުނާ މީހުން އެއީ ދީނާ ހިލާފު މީހުން ކަމަށް އެފަރާތްތަކުން ނިންމާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހުން މަރަން ވެއްޖެ ކަމުގެ ހުކުމް ނެރެނީ ދީނުގެ ނަމުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ގޭންގުތައް ކުރާ ގިނަ ކަންކަމަކީވެސް އަނދިރި ދައުލަތްތަކުގެ ބާރުގައި އެމީހުންނާއި ގުޅިގެން ކުރާ ކަމެއް ކަމަށެވެ.