Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ ނިޒާމު ފުނޑާލުން: އަދުރޭ

ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމު ފުނޑާލުން ކަމަށް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުން ކަމަށެވެ. އަދި އެއީ ގަސްދުގައި ރާވައިގެން ކުރަމުން ގެންދާ ކަމެއް ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އެކަން އެގޮތަށް ކުރުމުގެ ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވުން ލާޒިމް ހިދުމަތްތަކެއް ކޮށްދެމުން ގެންދާ ބައެއް ކަމަށެވެ. އެ ދެ މުއައްސަސާގައި ތިބީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާންވުމަށް ތައްޔާރުގައި ތިބި ބައެއް ކަމަށާއި އެކަމަށް ދިވެހި ތާރީހު ހެކި ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ފުލުހުން ރައީސް ނަޝީދަށް ފާރަލުމުންދާ ކަމަށް އެމްއެންޑީއެފްއިން އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ނަމަވެސް ފުލުހުން ވަނީ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެންޑީއެފްއިން ވަނީ އެފަދަ ވާހަކައެއް އެމަނިކުފާނާއި ހިއްސާ ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.