ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިމަހުގެ 19 އިން 20 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވާންގް ޔީ ގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ. މިއީ 17 ނޮވެމްބަރު 2018 ގައި ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު މރ ވާންގް ޔީ އާއިއެކު ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.