Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

އެމެރިކާގެ ޓެރިރިސްޓުންގެ ލިސްޓުގައި ދިވެއްސަކު ހިމަނައިފި

އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ދިވެއްސަކު ހިމަނައިފިއެވެ. މިއީ މި ލިސްޓަށް ދިވެއްސެއްގެ ނަން ހިމެނި ފުރަތަމަ ފަހަރެވެ.

މި ލިސްޓުގައި ހިމަނާފައިވަނީ މުހައްމަދު އަމީނު ނަމަކަށް ކިޔާ ދިވެއްސެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައިވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.

އެމެރިކާއިން ބުނީ އޭނާއަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމުގައިވެސް މީގެކުރިން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް މިހާރު މީހުން ހަނގުރާމައަށް ފޮނުވަނީ އަފްގާނިސްތާނަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ އައިސިސްގެ އިރާގު ގޮފި ކަމަށްވާ (އައިސިސް – ކޭ)އަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެއް ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން އިތުރަށް ބުނެފައިވަނީ އަމީންއާ އޭނާގެ ބައިވެރިން ވެގެން މިދިޔަ އޭޕްރީލް މަހާއި ހަމައަށްވެސް އައިސިސްއަށް މީހުން ހޯދުމަށް ވަރަށް ހަރަކާތްތެރިކަމާއި އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އައިސިސްއަށް މީހުން ހޯދުމަށް ހަފްތާއަކު 10 ބައްދަލުވުމެއް ބާއްވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އަދި އޭނާ އެފަދަ ބައްދަލުވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ކަމަށާއި ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ބުނީ އަމީންއާ އޭނާގެ ބައިވެރިން ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މީހުން އައިސިސްއަށް ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މި ލިސްޓަކީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ހަދަން ފެށި ލިސްޓެކެވެ.