Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

ފަސް ތަނެއް ފާސްކޮށްފި، މީހަކު ހައްޔަރެއް ނުކުރޭ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ފުލުހުން ފަށާފައިވާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން މިއަދުގެ މިހާތަނަށް ފަސް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިއަދުގެ މިހާތަނަށް ފުލުހުންގެ ވަނީ ހަތަރު ގެޔަކާއި ކެފޭއެއް ބަލައިފާސްކޮށްފައި ކަމަށެވެ. އަދި ފުލުހުން ކަނޑުމަގުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.

"މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވޭ" އިޒްމިއާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ މީހުންނާއި ތަންތަން ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށާއި މިއަދުގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ފުލުހުން ވަނީ މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީގެ ބައެއް ތަންތަނާއި މީހުން ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށްދާއިރު އައްޑޫ އާއި މާލޭގެ ސަލާމަތީ ކަންކަން ވެސް ފުލުހުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވެއެވެ.

ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.