މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ފުލުހުން ފަށާފައިވާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގެ ފިހާރައެއް ފުލުހުން ބަލައި ފާސްކުރަން ފަށައިފިއެވެ.
ހިތަދޫގެ ފިހާރައެއް ބަލައި ފާސްކުރަމުންދާކަން ފުލުހުން ކަށަވަރުކޮށްދިންއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކުރަމުން އަންނަނީ ހިތަދޫ ދެކުނު ދާއިރާގައި ހުރި ފިހާރައެކެވެ. މީގެއިތުރުން ހިތަދޫ މެދު ދާއިރާގައި ހުރި ގެޔެއް ވެސް ފުލުހުން މިއަދު ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ ފޭދޫގެ ފިހާރައަކާއި ގެޔެއް ވެސް ބަލައި ފާސްކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ފޭދޫ މީހަކު ގެންދިޔުމަށްފަހު އޭނާގެ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު ވަނީ ފަހުން ދޫކޮށްލާފައެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ހިތަދޫގެ ފިހާރައެއްގެ އިތުރުން މާލޭގެ ދެ ތަނެއް ވެސް މިހާރު ބަލައި ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް މި އޮޕަރޭޝަނުގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށްދާއިރު އައްޑޫ އާއި މާލޭގެ ސަލާމަތީ ކަންކަން ވެސް ފުލުހުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.