Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ބަލިވެދާނެތީ ކައުންސިލް އިންތިހާބު ނުބާއްވަން އެބަ ރާވާ: އިދިކޮޅު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ބަލިވެދާނެތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވަން ސަރުކާރުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.

ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ނަމަވެސް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލް އިންތިހާބު ނުބާއްވައި ދިގު ދަންމާލަން ސަރުކާރުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.

އަދި ކައުންސިލް އިންތިހާބު ސަރުކާރުން އިދިކޮޅު ކޯލިޝަނާއި ވާދަކޮށްފިނަމަ ބޮޑުތަނުން ބަލިކުރާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އެހެންވެ ބަލިވާނެކަން އެނގޭތީވެ، މިހާރު މި އިންތިހާބު ނުބާއްވަން ވެގެން ރާވަމުންގެންދާ ކަމުގެ މައުލޫމާތު އެބަ ލިބޭ" ޝުޖާއު ވިދާޅުވިއެވެ.

މި ސަރުކާރު ދަތުރުކުރަމުންދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށާއި މި ކަންކަމުން މިންޖުވާން ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ސުޖާއު ވަނީ އިދިކޮޅު ހަރަކާތް އެއްކޮށް ނައްތާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށްވެސް ސުޖާއު ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ބޭނުންހާ ގޮތެއް ހަދަން ދޫނުދެއްވާނެ ކަމަށާއި ގައުމު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.