Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ފަހުވަގުތާ ޖެހެންދެން ވެސް ތިބޭނީ ފަލަސްތީނުގެ ދިފާއުގައި: ތުރުކީ

އެންމެފަހު ވަގުތާ ޖެހެންދެން ވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ކަމަށް ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތް ކަވުސޮގްލޫ ވިދާޅުވެއްޖެއެވެ.

ތުރުކީން މިހެން ބުނެފައިމިވަނީ އަންނަ ހަފުތާގައި އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އާއި އެހެނިހެން ބައެއް ތަންތަން އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެންނެވެ.

ނަތަންޔާހޫގެ މި ވައުދާ ގުޅިގެން ތުރުކީގެ ފޮރިން މިނިސްޓަރު ކަވުސޮގްލޫ ވިދާޅުވީ ނަތަންޔާހޫގެ ވައުދަކީ ކަނޑައެޅިގެން ގާނޫނުތަކާ ހިލާފު ވައުދެއް ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް އިޒްރޭލާއި ދެކޮޅަށް ތެދުވާންޖެހޭ ކަމަށެވެ.

"ތުރުކީން ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އެންމެފަހު ވަގުތާ ހަމައަށް ވެސް ދިފާއުކުރާނަން" އޭނާ ވިދާޅުވިއެވެ.

ތުރުކީގެ އިތުރުން ވެސް އަރަބި ބައެއް ގައުމުތަކުން ވަނީ ނަތަންޔާހޫގެ މި ވައުދާ ގުޅިގެން ފާޑުކިޔާފައެވެ. އެގޮތުން މި ވައުދަކީ އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ވައުދެއް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ނަތަންޔާހޫ އިޒްރޭލުގެ ތަނަކަށް ހަދަން މަސައްކަތް ކުރަމުންދާ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީގައި ގާތްގަނޑަކަށް ފަލަސްތީނުގެ 70،000 މީހުން ދިރިއުޅެމުން ދެއެވެ.