Last Updated: April 26, 17:13
Friday, April 26, 2024
ޚަބަރު

ރިޕޯޓާ ގުޅިގެން ނަޝީދު އަމަލުކުރެއްވި ގޮތަށް ގާސިމްގެ ފާޑުކިޔުންތައް

މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާއެކު - ފޮޓޯ: މަޖިލިސް

މަރު ކޮމިޝަނުން މިމަހުގެ އެއްވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާއަށް އެރުވި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ ތަހުގީގީ ރިޕޯޓު މަޖިލިސް ރައީސްއަށް އެރުވުމުން އެމަނިކުފާނު އަމަލު ކުރެއްވި ގޮތާއި މެދު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު ރިޕޯޓު އެރުވި އެއް ޕީޖީ ލީޑަރަކަށް ގާސިމްވެސް ވާއިރު ގާސިމް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރިޕޯޓު އެއްވެސް މީހަކާ ހިއްސާ ނުކުރާ ކަމަށެވެ. ކޯޓުގައި ހެކިދޭން ތިބި ބަޔެއްގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ލިބުނަސް، އެއްވެސް ފަރާތަކުން އޭގައި ހުރި ސިއްރު މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ރިޕޯޓާ މެދު މަޖިލިސް ރައީސް އަމަލު ކުރެއްވި ގޮތާއި މެދު ގާސިމް ވަނީ ސުވާލު އުފައްދާފައެވެ. އެފަދަ ސިއްރު މައުލޫމާތުތަކާއި ހެކިތައް ހިމެނޭ ރިޕޯޓެއް އެގޮތަށް ދިނުމަކީ، ހެޔޮ ނިޔަތުގައި ކުރިކަމެއްތޯ ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޕޯޓު މިހާރުވެސް އާންމުވެފައިވާ މިންވަރަކީ ނުރައްކާ މިންވަރެއް ކަމަށާއި ރިޕޯޓު ފެނުނު ހުރިހާ އެންމެން އޭގައިވާ ސިއްރު ހިފެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ ރިޕޯޓު އެއްވެސް މީހަކަށް އަރުވަން މަރުކޮމިޝަނަށް ލަފާ ދެއްވާފައި ނުވާނެ ކަމަށެވެ.

މަރު ކޮމިޝަނުން އެންމެ ފުރަތަމަ މި ރިޕޯޓު އެރުވީ ރައީސުލް ޖުމުހޫރިއްޔާއަށެވެ. އެއަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އޭގައި ހޯދުނު ބައެއް މައުލޫމާތު ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ. މަޖިލިސް ރައީސާއި ބައްދަލުކޮށް އެމަނިކުފާނަށް ރިޕޯޓު އެރުވުމުން އެމަނިކުފާނު ވަނީ ޕާޓީތަކުގެ ލީޑަރުންނާ ރިޕޯޓު ހިއްސާކޮށްފައެވެ.