Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ކުރާ މަސައްކަތް ގިނަ، ކުރަނީ ބޭކާރު މަސައްކަތް: ޝިޔާމް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު ކުރީގެ މަޖިލީހާ އަޅާ ބަލާއިރު މިހާރު ގިނަ ޖަލްސާތައް ބޭއްވި ކުރާ މަސައްކަތް އިތުރުވި ނަމަވެސް އުފެއްދުންތެރި މަސައްކަތެއް ނުކުރެވި ކުރެވެނީ ބޭކާރު މަސައްކަތްތަކުގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް ސިފަ ކުރައްވައިފިއެވެ.

މަޖިލިސް މިހާރު ޗުއްޓީއަށް ގޮސްފައިވި ނަމަވެސް މިއަދުވެސް ވަނީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރެވިފައެވެ. އެ ޖަލްސާގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ނިންމާފައެވެ.

އާ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު އިއްޔެ ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޝިޔާމް ވިދާޅުވީ ކުރީގެ މަޖިލީހާ އަޅާ ބަލާއިރު މިހާރު ކުރެވެނީ "އަން ޕްރޮޑަކްޓިވް" މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅަށް އައިއިރު އެމަނިކުފާނުގެ ސަރުކާރުން ހޯދި މެޖޯރިޓީ ވަނީ ގެއްލިފައެވެ. ޕާޓީ ތެރެއިން ވެސް ގިނަ މެމްބަރުންތަކެއް ޔާމީނާ ދެކޮޅުވެ އިދިކޮޅު ސަފަށް އެރުމުން އެ މެމްބަރުންގެ ގޮނޑިތައް ކޯޓު މެދުވެރިކޮށް ވަނީ ގެއްލުވާލާފައެވެ.

އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލިސް ހިންގާތީ އިދިކޮޅު މެމްބަރުން ވަނީ މަސީހު އިސްތިއުފާ ނުދެނީސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް މުޒާހަރާ ކޮށްފައެވެ. އޭގެ ސަބަބުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު އަހަރުގައި މެމްބަރުން ވަނީ އެއްވެސް މަސައްކަތެއް ނުކުރެވި ދައުރު ހަމަކޮށްފައެވެ.