Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ވަކި ބަޔަކަށް ނާޖާއިޒު ބާރެއް ދޭން ދެކޮޅު: ސަލީމް

ފުލުހުންނަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ އިތުރުން، ވަކި ކަމެއް ހާސިލުކުރުމަށް ނާޖާއިޒު ބާރެއް ދޭން ނުފެންނަ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވިފައިވާ މަޖިލީހުގެ ޖަލްސާގައި، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ފެނޭތޯ ބެލުމަށް މެމްބަރުންނަށް އެރުވުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ތާއީދު ކަމަށެވެ. ނަމަވެސް ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ބަޔަކަށް އިތުރު ބާރެއް ދިނުމަށް ތާއީދު ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ 30 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ވެސް މިފަދަ ބާރުތަކެއް ފުލުހުންނަށް ދިން ކަމަށާއި އެތައް ބަޔެއްގެ ބުރަ މަސައްކަތުން ކުރީގެ ގާނޫނު އަސާސީ ބަދަލުކޮށް ހައްގުތައް ކަށަވަރުކޮށްފައިވަނިކޮށް މިކުރަން އުޅޭ މަސައްކަތް ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީގެ ސަބަބުން ސިޔާސީ ބޭނުންތަކަށް ވަކި ބަޔަކު ހައްޔަރުކޮށްގެން ބާރު ހިންގުމުގެ ފުރުސަތުވެސް ލިބިދާނެ ކަމަށް ބުނެ ސަލީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.