Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ސަރުކާރުން ކަންކުރި ގޮތުން ގަވާއިދުން ބޭރުން އަމަލު ކުރަން މަޖުބޫރުވެއްޖެ: ހަސަން

މެމްބަރު ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ނަޒާހާތްތެރި މަޖިލީހެއް އުފައްދައި ދޭނެ ކަމަށް ރައްޔިތުން ގާތު ވައުދުވެވަޑައިގެން ކަމަށާއި، ނަމަވެސް މިއަދު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މަޖިލީހުގެ ގަވާއިދުން ބޭރުންވެސް އަމަލު ކުރަން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މަޖުބޫރުވެގެން ހިނގައްޖެ ކަމަށް ރައްޔިތން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް ކުއްލިއަކަށް އަވަސް އަރުވާލައިގެން ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމުން އެކަމާއި ގުޅިގެން މިއަދު ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެދުމުން އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގައި އެދިވަޑައިގަތީ އެމަނިކުފާނު ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ މަޖިލިސް ޗުއްޓީގައި އޮވެމެ، ސަރުކާރުން ފޮނުވާ އިސްލާހަށް މަސައްކަތް ނުކޮށްފި ނަމަ، ރައްޔިތުން އިނގިލި ދިއްކުރާނީ ރައްޔިތުން މަޖިލިސް މެންބަރުންނަށް ކަމަށެވެ.

"މި މަޖިލިސް ރައްޔިތުންނަށް ފެނިއްޖެ ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން. އެހެންނަމަވެސް މިކަހަލަ އެންމެ ކުޑަކުޑަ ކަމަކުންވެސް މި މަޖިލިސް ބޮލުގައި އަދި މެންބަރުންގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމުތަކެއް އެޅުވިގެން ދާނެތީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އަޅުގަނޑު ހުށަހެޅީ. ސަރުކާރުން އެބަޖެހޭ ކިޔާދޭން ގާނޫނުތަކަށް އިސްލާހު ގެންނަނީ ކީއްވެގެން ކަން. ރިލްވާން އަބްދުﷲގެ ތަހުގީގަށް މަގުފަހިވަނީ ކީއްވެގެންކަން ސަރުކާރުން އެބަޖެހޭ ކިޔާދޭން. އަދިއެއް އަޅުގަނޑުމެންނަކަށް ނޭނގެ. މީގައި ވަރަށް ސުވާލު އުފެދޭ ކަންކަން އެބަހުރި، ސަރުކާރުން އެބަޖެހޭ މިކަން ކުރިއަށްދާއިރު ކިޔާދޭން،" ހަސަން ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަކަށް ގާނޫނެއް ފާސްކޮށްފައި ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންނަށްވެސް ސަރުކާރުން ކުރާ ކަންކަން ސާފުވާން ޖެހޭ ކަމަށާއި އެއަށްވުރެ ބޮޑަށް ސަރުކާރުން ރައްޔިތުން މަޖިލިސް މެންބަރުންނަށް އެކަން މާބޮޑަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"މިއަހަރުގެ މެއި މަހު ސަރުކާރަށް ކޮމިޝަނުން ވަނީ ޑްރާފްޓު ރިޕޯޓެއް ދެއްވާފައި. ސަރުކާރުން ތިންމަސް ފަހުން ކުއްލިއަކަށް މި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގެން މަޖިލިސް ޗުއްޓީގައި އޮއްވާ ފޮނުވި ކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފައެވެ.