Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައިޝާއަށް ފިރިކަލުން ގާސިމްގެ ހިފެހެއްޓުމެއް ނެތް ތައުރީފް

ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ސަރުކާރުގައި ކުރަމުން އަންނަ މަސައްކަތަށް ފިރިކަލުން، ޖޭޕީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތައުރީފް ރައްދު ކުރައްވައިފިއެވެ.

ރޭ ޖުމުހޫރީ ޕާޓީއާ އަލަށް ގުޅުނު ބައެއް މެމްބަރުންނަށް މަރުހަބާ ކިޔުމަށް ކުނޫޒްގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ އައިޝާ ވަޒީރުކަމަށް ވަޑައިގެންނެވީ އެކަމަނާ އަމިއްލައަށް ކުރެއްވި މަސައްކަތުންނާއި ނެރުއްވި ނަތީޖާގެ ސަބަބުން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އައިޝާ ކުރެއްވި މަސައްކަތަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވިއެވެ.

ވަޒީރުކަން ހޯއްދަވަން އައިޝާ މަސައްކަތް ކުރެއްވިޔަސް، އެކަމަނާ އެކަމަށް ތައްޔާރުނުވެ ހުރި ނަމަ އެކަން ނުކުރެއްވުމަށް ލަފާ ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ކުރެވޭނެ ގާބިލުކަން ހުންނާނެ ކަން އެނގޭތީއާއި ތެދުވެރި، ވަފާތެރިވާނެ ކަން އަބަދުވެސް ޔަގީން ކުރެވޭ ކަމަށް ވިދާޅުވެ ގާސިމް، ހަނގު އަނބިކަނބަލުންނަށް ތައުރީފް ކުރެއްވިއެވެ.

އަނބިކަނބަލުންނަށް ވީތީ ޚާއްސަ ލޯތްބަކާއި ގަދަރެއް އައިޝާއަށް އޮތް ނަމަވެސް ކުރެއްވި ތައުރީފަކީ ވަޒީރަށް ހައްގު ތައުރީފް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވައިގެ ދަތުރުތަކުގެ އަގު ހެޔޮ ކުރުމާއި، ބްރިޖުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށް ހެލްމެޓް އެޅުން މަޖުބޫރު ކުރުވުމާއި، ޓެކްސީތަކުން ނަގާ ބޮޑެތި އަގުތައް ލިމިޓް ކުރުން ހިމެނެއެވެ. އަދި މިހާރު، ކަނޑުމަތީ ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުން ފުރާނައަށް ގެއްލުންވާ މިންވަރު މަދުކުރުމަށް ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމަށް ވެސް ވަނީ މަސައްކަތް ފަށާފައެވެ.