Last Updated: April 24, 09:32
Wednesday, April 24, 2024
ރިޕޯޓް

ގެންނަން އުޅޭ އިސްލާހުތަކަށް މަގުބޫލުކަން ކުޑަ

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ފެށި މަސައްކަތަށް ހީކުރެވުނު ގޮތާ ޚިލާފަށް އާންމުންގެ މެދުގައި ފިނި ތަރުހީބެއް ލިބެން ފަށައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނުން އާންމުންނަށް ހާމަކުރި މައުލޫމާތުތަކުން ގައުމު ވަނީ ފިތްކަނޑައިގެން ގޮސްފައެވެ. ނިރުބަވެރި ޖަމާއަތްތަކާއި ދިވެހިންގެ ބަޔަކު ގުޅިފައި އޮތް މިންވަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކިޔައި ދެއްވީ ގަބޫލުކުރަން ދަތި މިންވަރަކަށެވެ.

މިނުރައްކަލުން ގައުމު ސަލާމަތް ކުރެއްވުމަށް ރައީސް ނެންގެވީ ބޮޑު ފިޔަވަޅަކެވެ. ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ހަރުކަށި ފިކުރު މުލުން ލުހެލަން އަމާޒު ފެއްޓެވިއެވެ. އެގޮތުން މިގާނޫނުގެ ދަށުން ފުލުހުންނަށް ވަރަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ކޯޓު އަމުރަކާ ނުލާވެސް ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންދާނެއެވެ.

އަދި އެ ހައްޔަރުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 48 ގަޑިއިރުތެރޭ ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތު ގާނޫނުގައި ހައްޔަރުކުރެވޭ އެއްވެސް މީހަކު 24 ގަޑިއިރަށް ވުރެ ގިނަ އިރު ބަންދުގައި ބެހެއްޓޭނީ ފަނޑިޔާރެއްގެ ހުކުމާއެކުގައި ކަމަށް ލިޔެވިފައި ވެއެވެ.

މީގެ އިތުރުން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިދީ، އެމީހުންގެ ފިކުރާ އެއްގޮތަށް ޚިޔާލު ފާޅުކޮށްފިނަމަ އެއީވެސް ކުށެއް ކަމަށް މިހާރު ގެންނަން އުޅޭ އިސްލާހުގައި ލިޔެފައި އެބަ އޮތެވެ. ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅުއްވާނީ ސީދާ ރައީސުލް ޖުމުހޫރިއްޔާއެވެ. އަދި މިޖަމާއަތްތައް، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މަޝްވަރާއާއެކު އަހަރަކު އެއްފަހަރު މުރާޖައާ ކުރާނެ ކަމަށްވެސް ލިޔެވިފައި އެބަ އޮތެވެ.

އަދި މިބައިމީހުންނަށް ވާގިދީ ނުވަތަ ބައިއަތު ހިފައި ބާއްވާ އެއްވުންތަކާއި މަޖިލިސް ތަކާއި ކުރާ ތަގުރީރުތަކަކީ ވެސް ގާނުނާއި ޚިލާފަށް ކުރެވޭ ކަންތައްތައް ކަމަށް އިސްލާހުގައި ބަޔާންކުރެއެވެ. އެޖަމާއަތްތަކަށް ތާއީދުކޮށް އެމީހުންނާ އެއްގޮތަށް އަންނައުނު އަޅާ މީހުންނަކީ ވެސް އިސްލާހު ފާސްވެއްޖެނަމަ ކުށެއް ކަމަށް ކަނޑައެޅޭނެއެވެ.

ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން އަންނައުނު އަޅަނީ ފެށުނީއްސުރެ އިސްލާމީ ސަގާފަތްތަކުގައި އަންނައުނު އަޅާ ގޮތަށެވެ. ވަކި ޖަމާއަތަކަށް ނިސްބަތްނުވިޔަސް، ނުވަތަ އެމީހުންނަށް ތާޢީދު ނުކުރިޔަސް ދީނުގައި އޮންނަ ގޮތަށް ހެދުން އެޅުމަކީ ކުށަކަށް ވާންޖެހޭ ސަބަބެއް ކަމަށް ދެކޭ މީހުން ރާއްޖޭގައި މަދުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ގެނެވުނު އިސްލާހުތަކަކީ އިންސާނީ ހައްގުތަކާއި، ގާނޫނު އަސާސީއިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓުމަށް ބާރުދޭ އިސްލާހުތަކެއް ކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިންނާއި ގާނޫނީ މާހިރުން ވަނީ އިސްލާހާ ދެކޮޅަށް ވަކާލާތު ކޮށްފައެވެ.

ފުލުހުންގެ މުއައްސަސާގައި މިހާރުވެސް ހުރި މައްސަލަތައް ފާހަގަކުރައްވައި، ބާކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ މުއައްސަސާ އިސްލާހު ނުކޮށް މިފަދަ ބާރުތައް ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ކުރީ ސަރުކާރުން ސިޔާސީ ފަރާތްތަކުން ދަންތުރާގައި ޖައްސައި ޖަލަށްލާފައިވާކަން ފާހަގަކޮށް އަނެއްކާވެސް އެފަދަ ހާލަތެއް ތަކުރާރުވުމުގެ ފުރުސަތު ދިނުމާ ދެކޮޅަށް މިސަރުކާރަށް ތާއީދު ކުރަމުންދާ އެތައް ބަޔަކު ވަނީ އިސްލާހުތައް ފާސްނުކުރުމަށް މަޖިލީހަށް ގޮވާލަމުންނެވެ.