ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދޭން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަ ބިލަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކަން ބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، ރައީސް ސޯލިހު އެކުލަވާލެއްވި މަރު ކޮމިޝަނުން ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށާއި، އަދި ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯ ކުރި މީހުންނަށް ބިރު ދައްކައި އެ ހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެކަން އެގޮތަށް އޮވެމެ، ފުލުހުންނަށް އިތުރު ބާރުތަކެއް ދީ، ކޮންޓްރޯލް ކޮށްގެން ފުލުހުންނަށް ދީފައިވާ ބާރުތައް ދުއްވާލުމަށްފަހު އެ ބާރުތައް ފުލުހުންނަށް ދެނީ ކީއްވެގެންތޯ މައުމޫންގެ ޓްވީޓުގައި ވަނީ ސުވާލު ކުރައްވާފައެވެ.
މައުމޫން ވަނީ ނޯތު ކޮރެއާ ފިޔަވާ އެންމެ ހަރުކަށި ޓެރަރިޒަމްގެ ގާނޫނު އޮތް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވާފައެވެ.
މައުމޫން ހަމީދު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ގާނޫނުގެ ދަށުން، ފުލުހުން މީހަކަށް އަނިޔާކުރި ވީޑިއޯ ނެގި މީހުން ވަގުތުން ބަންދު ކުރުމަށްފަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ހެދިދާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ކުރެވުނު ކަމެއް ކުރާށޭ ބުނަން ކެރޭނީ ކިތައް މީހުންނަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި ވެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.
ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.
ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ.
އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ.
އަދި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.