Last Updated: April 25, 20:04
Thursday, April 25, 2024
ދީން

ވަގުތު ފާއިތުވުމުގެ ކުރިން ފާފަތަކުން ތައުބާވޭ: ހުތުބާ

އިސްލާމީ މަރުކަޒު - ފޮޓޯ: ގޫގުލް

ވަގުތު ފާއިތުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ގިޔާމަތް ދުވަހާއި މެދު ޣާފިލުނުވާށެވެ" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ ގިޔާމަތް ދުވަހަކީ ބިރުވެރި ދުވަހެއް ކަމަށާއި އެ ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެ، އަރުޝީގެ ހިޔާވަހިކަން ލިބޭނެ ހަތް ގިންތިއެއްގެ މީހުންގެ ހަބަރު މާތް ނަބިއްޔާ މި އުއްމަތަށް ދެއްވާފައިވާ ކަމަށެވެ.

އެއީ އަދުލުވެރިންނާއި، އެބައިމީހުންގެ ވެރި ރަސްކަނލާގެއަށް އަޅުކަން ކުރުން މަތީގައި ބޮޑުވި ޒުވާނުންނާއި، އެ ބައެއްގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހުންނާއި، ﷲ އަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެ، ﷲ އަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، ﷲ އަށްޓަކައި އެއް ބަޔަކު އަނެއްބަޔަކާ ވަކިވި މީހުންނާއި، ގަދަރުވެރި ރީތި އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން، ތިމަންމެން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަތް މީހުންނާއި، ކަނާތުން ކުޅަ ސަދަގާތް ވާގަށް ނޭނގޭހައި ސިއްރުން ސަދަގާތް ކުޅަ މީހުންނާއި، އެކަހެރި ތަނެއްގައި ﷲ ހަނދުމަކޮށް ލޮލުން ކަރުނަ އޮހުރުނު މީހުންނެވެ.

"ﷲ ގެ ރަހުމަތުން އުއްމީދު ކަނޑައިނުލާށެވެ. ވަގުތު ފާއިތުވުމުގެ ކުރިން، ކުރެވިފައިވާ ފާފަތަކަށް ތައުބާވެ،ﷲ ތައާލާގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް އަވަސްވެގަންނާށެވެ. އިސްވެ ބުނެވުނު ނަސީބުވެރިންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ" ހުތުބާގައި ބުނެފައިވެއެވެ.

ކަނޑުގެ ފޮނުގަނޑުހައި ގިނައިން ފާފަ ކުރެވިފައިވީ ނަމަވެސް އިހްލާސްތެރި ތައުބާއަކުން ތައުބާވެ ފާފަތަކުން އެނބުރި ރުޖޫއަ ވެއްޖެނަމަ އެ ހުރިހައި ފާފަތަކެއް ﷲ ތައާލާ ހެޔޮކަންތަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ތައުބާވެ، އީމާންވެ، ގިނަގިނައިން ސާލިހު އަމަލުކުޅަ މީހަކު މެނުވީއެވެ. ފަހު އެއުރެންނާ މެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައި ކަންތައް، ހެޔޮ ކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަހީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ" ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މިއަދުގެ ހުތުބާގައި ވަނީ މިފަދަ ބަސްފުޅުތަކުން އިބްރަތް ހާސިލުކޮށް ﷲ ގެ ހަޟްރަތަށް ރުޖޫއަވުމަށާއި، ކުރެވިފައިވާ ކުށްތަކަށް ތައުބާވެ، ﷲ ގެ ތަނަވަސް މަޣްފިރަތާއި އެކަނލާގެ ދީލަތި ރަހުމަތަށް އެދި އަތްތައް އުފުލުމަށް ވެސް ގޮވާލާފައެވެ. އަދި ކަށްވަޅުގެ އެކަނިވެރިކަމާއި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އެދި އަބަދާއި އަބަދު ﷲ އަށް ދުއާ ދެންނެވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.