Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލުމުން އައްޑޫ ރައްޔިތުން ޕިކުނިކު!

އައްޑޫ ސިޓީ ލިންކް ރޯޑް --

ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލުމުން އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ދަތުރުގޮސްފިއެވެ.

އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ދަތުރު ގޮސްފައި މިވަނީ މިއަދު ހެނދުނު 9:00އިން ފެށިގެން އެރަށުން ކަރަންޓު ކަނޑާލާނެ ކަމަށް ކުރީބައިގައި އެސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވަނިކޮށެވެ.

ފެނަކައިން މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީގެ ގޭ ބިސީތަކަށް ފޮނުވި ޗިޓެއްގައި ބުނެފައި ވަނީ މިއަދުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 16:00އަށް (ހަތް ގަޑިއިރަށް) ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ. އަދި ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ދިމާނުވެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ ހަތް ގަޑިއިރަށްވުރެ އަވަހަށް ކަރަންޓު ދެވޭނެ ކަމަށްވެސް ފެނަކައިން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވެއެވެ.

ކަރަންޓު ކަނޑާލީ ކޭބަލް ނެޓުވޯކަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށެވެ. އައްޑޫގެ ކަރަންޓް ފެންވަރުގެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ދާއިމީ ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ދާދިފަހުން ބުނެފައެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލާގައި އެރަށު ރައްޔިތުން އަންނަނީ ފެނަކަ ކޯޕަރޭޝަނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގެނައުމާއި ގުޅިގެން ރައީސް ސާލިހަށް ވަރަށް ބޮޑަށް އައްޑޫ ރައްޔިތުން އަންނަނީ ފާޑު ކިޔަމުންނެވެ.

އައްޑޫ ސިޓީން މިއަދު ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލުމުން އެ ސިޓީގެ ގިނަ ރައްޔިތުންތަކެއް ދަތުރު ގޮސްފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ހަވީރު ކަރަންޓު ކަނޑައިގެން ދިޔަ ގޮތަށް އެ ސިޓީގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ލިބިގެން ދިޔައީ މެންދަމު ދޭއްވެސް ޖަހާ ބޮޑުވިފަހުންނެވެ.

ހަތް ގަޑިއިރަށް ކަރަންޓު ކަނޑާލުމުން އައްޑޫ ރައްޔިތުން ދަތުރުދަނީ — ފޮޓޯ /އައްޑޫލައިވް

އެރޭ ކަރަންޓު ކަނޑައިގެން ދިއުމުން ބައެއް ރަށްތަކުގެ ރައްޔިތުން ވަނީ މަގުމައްޗަށް ކުނާ ހިފައިގެން ނިކުމެ ތުއްތު ކުދިން ނިންދަވާފައެވެ. މިއީ މާލެ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު އެއް ސިޓީގެ ކަރަންޓުގެ ހާލަތެވެ.

ގާނޫނު އަސާސީގެ، އަސާސީ ހިދުމަތްތަކާއި ބެހޭ ބާބު، (ދެވަނަ ބާބު)ގައި ކަރަންޓާއި ފެނަކީ ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ އަސާސީ އެއްޗެއް ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް އައްޑޫ ސިޓީން ކަރަންޓު ކަނޑައިގެން ދިޔަނަމަވެސް މިހާ ގިނައިރުތަކެއް ވަންދެން ކަރަންޓު ކަނޑައިގެން ގޮސްފައެއް ނުވެއެވެ.

އައްޑޫ ސިޓީން މިއަދު ކަރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ މަސައްކަތާއި ގުޅޭގޮތުން "އައްޑޫލައިވް"އާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ ދޭތެރެ ދޭތެރެއިން އައްޑޫއިން ކަރަންޓު ކަނޑައިގެންދާ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ. އެ މަސައްކަތް ނިމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެއީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް އަންނާނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ދެންމެ މައުލޫމާތު ލިބުނީ، އަޅުގަނޑުމެން އެސްޓިމޭޓު ކުރި ވަރަށްވުރެ އަވަހަށް އިރާދަކުރެއްވިއްޔާ މިއަދު ކަރަންޓު އައްޑޫ ސިޓީއަށް ދެވޭނެ ކަމަށް. ދެން މިވާ ގޮތަކީ އެތަނުގައި ހުރީ މެއިން ދެ އިންޖީނެއް ބަހައްޓާފައި އޭރު ޖަޕާނު މީހުން. އެތަނުން ޔަންމާ އިންޖީނަށް އެންމެ މައްސަލައަށް ދިމާވިއަސް މުޅި ސިސްޓަމް އެބަ ޝަޓް ޑައުން ކޮށްލާ. އެހެންވީމަ މިއީ އެކަން ހިނގަންޖެހޭނެ ގޮތެއް ނޫން ދެއްތޯ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިކޮނޮމިކް ކައުންސިލުންވެސް އައްޑޫގެ ރައްޔިތުންނަށް ކަރަންޓު ޔަގީން ކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.