Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ބިދޭސީން ޑީޕޯޓުކުރި މައްސަލާގައި ކޮންޓްރޯލާއަށް އޮތީ ކޮން ނުފޫޒެއް؟

ބަންގްލަދޭޝް މީހުން ރާއްޖެ ގެންނަނީ ކީއްވެހެއްޔެވެ. އެއީ އެމީހުންނަށް ދޭންޖެހޭ މުސާރައަކީ އެހެން މީހުންނަށް ދޭ މުސާރައާ އަޅާ ބަލާއިރު ކުޑަ އެއްޗަކަށް ވުމެވެ. ވޯކް ވިސާގައި 144،607 ބިދޭސީން ރާއްޖެ ގެނެސްފައިވެއެވެ. މިއިން ކޮންމެ ބިދޭސީއަކަށް އެންމެ ގިނަވެގެންވެސް ދެނީ 250 ޑޮލަރެވެ. އެމީހުން ގެންނަ ރާއްޖެ މީހާ އެ ބިދޭސީ މީހާއަށް ފުރަތަމަ މަހު މުސާރަ ދީފާނެއެވެ. ނަމަވެސް ދެވަނަ މަހު މުސާރަ ލަސްވާ ގޮތަށް ތިންވަނަ މަހު ދެން ފެންނަނީ އެމީހާ އެހެން ތަނެއްގައި މަސައްކަތް ކުރާ ތަނެވެ. މިއީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފެށިގެން އަންނަ ހިސާބެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 144،607 ބިދޭސީންގެ ތެރެއިން 63،000 ބިދޭސީންނަކީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނެވެ. މިއަދުގެ ސަރުކާރުން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމަށް ހަމަޖެއްސެވި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ވަރަށް ގިނަ އަދަދަކުން ބިދޭސީން އެތެރެ ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ހަމައެއް ލަމައެއްނެތި ކޯޓާ ދޫކޮށްފައިވާތީ ގަވާއިދާއި ހިލާފަށް ގިނަ ބިދޭސީންތަކެއް އުޅެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންޓްރޯލާގެ މަގާމަށް ހަނަފީ އައްޔަން ކުރެއްވި ހިސާބުން ހަނަފީގެ އެންމެ ބޮޑު ޒިންމާއަަށްވީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް އެމީހުންގެ ސަބަބުން ރާއްޖެއާ ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނައުމެވެ.

މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހާއި އަދި ހުކުރު ދުވަހު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެވެ. އިމިގްރޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ފުރަތަމަ ޑީޕޯޓު ކޮށްލީ ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގައި އިސް ރޯލެއް އަދާކުރާ މީހެކެވެ. ރާއްޖޭގައި އުޅޭތާ އެތައް އަހަރުތަކެއް ވެފައިވާ މި މީހާއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ "މާސްޓާ"އެވެ. ހެންވޭރު ކޮޅުގައި މި މީހާގެ އެތައް ގެސްޓު ހައުސްތަކެއް ހުންނައިރު ރ. އަލިފުށި މީހަކާއި ގުޅިގެން މީނާ އަންނަނީ މާލޭގައިވެސް އެތައް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުންނެވެ.

ދެވަނައަށް ޑީޕޯޓު ކޮށްލީ "މަލްޓި މިނިއަރެކެވެ". މި މީހާ އަކީ މަނީ ލޯންޑަރިންގެ ތުހުމަތު އިމިގްރޭޝަނުންވެސް ކުރާ މީހެކެވެ. ހަނީފު ނަމަކަށް ކިޔާ މި މީހާއަކީ ބިޒްނަސް ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޮޑު މަހުޖަނެކެވެ. އެކި ގައުމުތަކުގައި ވިޔަފާރީގެ އެކި ބައްދަލުވުންތައް މިމީހާ އަންނަނީ ބާއްވަމުންނެވެ. ރާއްޖެއަށް އެތެރެވީ 2014ވަނަ އަހަރުގެ ތެރޭގައި ވަޑިއެއްގެ ގޮތުގައެވެ. ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ ރާއްޖެއާ އަމިއްލަ ގައުމުގައި އެތައް ވިޔަފާރިއެއް ފަށާފައެވެ. މިއަދު އޭނާއަކީ "މަލްޓި މިލިއަނަރު ބޮންދެ"ކެވެ.

ބޮޑެތި ތުހުމަތުތަކެއް، ޑީޕޯޓު ކޮށްލުމަކީ ހައްލުތަ؟

މި ދެމީހުންނަށް ބަލާއިރު އެކަކަކީ ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އުޅުނު މީހެކެވެ. ދެން ހުރީ މަނީ ލޯންޑަރިންގެ ތުހުމަތުކުރާ މީހެކެވެ. ބޮޑުވެގެން ދެ ކުށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ސަބަބުން ގިނަބަޔަކު ހީކޮށްގެން ތިބީ މި ސަރުކާރުން މަނީ ލޯންޑަރިންނަށް ވަރަށް ސަމާލުވާ ކަމަށެެ. ނަމަވެސް އެކަން ވެގެން މިދިޔައީ ހީ އަކަށެެވެ.

"ނޫން އެއީ ހައްލެއް ނޫން. ތަހުގީގު ކުރެވެން ޖެހޭނެ. އެކަމަކު ދެން އެމީހާއެއް ނުވެއް ގެނެވޭނެ ދެއްތޯ. އެހެންވީމަ ދެން ބަލަން ި ޖެހެނީ މިފަދަ ކަންކަމުގެ އަޑީގައި ނުވަތަ މިފަދަ ކަންކަމުގައި ޝާމިލުވަނީ ކޮން ބައެއްތޯ. އެމީހުންގެ ސަބަބުން މިއަދު އެތައް މިލިއަން ޑޮލަރެއް ގައުމުން ބޭރުވޭ. މިއީ ބޮޑު މައްސަލައެއް. ދިވެހިންނަކަށް އެމީހުންގެ ސަބަބަކުން އެއްވެސް ވިޔަފާރިއެއް ނުކުރެވޭ. ނުކުރެވޭނެއެއްނު، އެމީހުން އައިސް މުޅި ވިޔަފާރީގެ ކޮންޓްރޯލް މި ނަގަނީ އަގު ވައްޓާލާފައި،"

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ތުހުމަތެއް ކުރާ މީހަކު ޑީޕޯޓު ކޮށްލުމުން އެކި ގޮތް ގޮތުން ގެއްލުން ވާނެ ކަމަށެވެ. އަދި އެފަދަ ބޮޑު ތުހުމަތެއް ކުރެވޭ ބަޔަކު ޑީޕޯޓު ކޮށްލުމުން ވެރިންނަށް އިނގިލި ދިއްކުރަން ބޭނުން ނުވިއަސް އިނގިލި ދިއްކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ނުބުނަން ގަވާއިދާއި ހިލާފަށް ބިދޭސީން ރެކްރޫޓު ކުރަނީ މި ސަރުކާރަކުންނޭ. އަދި ކުރީ ސަރުކާރަކުންނޭ. އިމިގްރޭޝަންގެ ކޮންޓްރޯލާ އަކީ ސިޔާސީ ބޭފުޅެއް. ހަނަފީގެ މަސައްކަތްވެސް ރަނގަޅު. އެކަމަކު ހަނަފީއަށް ނޭނގި އިމިގްރޭޝަންގެ ތެރެއިން ވަރަށް ގިނަ ކަންކަން ހިނގާނެ. އެހެންވީމަ މިއީ ސިޔާސީ މީހުންގެ ބޮލުގައި އެޅުވޭ ކަމަކަށްވުރެ މިކަމުގެ އަޑީގައި އެބަ އުޅޭ މުޅިން އެހެން ބައެއް،"

ޝިޔާމް ވިދާޅުވިއެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ދައްކާއިރު މި ވާހަކަ އެންމެ ގިނައިން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ އެކި ޕޯޑިއަމްތަކުގައާ އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އެންމެ ގަދައަށް އަޑު އުފުއްލެވި ބޭފުޅާގެ ހިޔާލު ހޯދާ ނުލާ މިފަދަ ރިޕޯޓެއް ފުރިހަމައެއްވެސް ނުވާނެއެވެ.

މި ވާހަކަތައް އެންމެ ގިނައިން މަޖިލީހުގައި ދެއްކެވި އަދި ތަފާތު އެކި ބިލުތައް މިކަމާއި ގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ ބިދޭސީންގެ މައްސަލަ އެންމެ ގިނައިން ދިމާވާ އެކަކަށް އެމަނިކުފާނު ވާނެ ކަމަށެވެ. މޫސަ ވިދާޅުވީ އެމަނިކުފާނުގެ ހެވީލޯޑު ކުންފުނިން ކުރާ އެކި މަސައްކަތްތައް ކުރުމަށް ގެނެސްފައިވާ ބިދޭސީންގެ ތެރެއިން 225އަށް ވުރެ ގިނަ ބިދޭސީން ފިލާފައިވާ ކަމަށެވެ.

"މުސާރަ ނުދޭތީއެއް ނޫން. އެންމެ މީހަކަށްވެސް މުސާރަ ނުދީ މަސައްކަތް ކުރުވާފައެއް ނުވާނެ. ކިތައް ފަހަރުތޯ އަޅުގަނޑު ފުލުހުންނަށް މި މައްސަލަ ހުށަހަޅަންވީ. ހަމަ ހުށަހެޅީމަ ބުނާނެ ތިމަންނާ މެނަކަށް ގާނޫނުން ނެތޭ ތިކަމެއް ކުރެވޭކަށް. އިމިގްރޭޝަނުން ބުނާނެ އެމީހުން ބަހައްޓާނެ ތަނެއް މިހާރަކު ނެތޭ،"

ކަންބޮޑުވުމާއި އެކު މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގާނޫނުތަކުގައިވެސް މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް ހުރިހާ ފަހަރަކު ގާނޫނު ގޯސް ކުރުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެ މޫސަ ވަނީ މިފަހުން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ދެ ބިދޭސީން ޑީޕޯޓު ކޮށްލި ކޮށްލުމަށް ތާއީދު ކުރައްވާފައެވެ.

"އެއްވެސް ބަޔަކަށް މިކަމެއް ނުވިއެއްނު. މި ސަރުކާރުންވާ އެކަން އެބަކުރޭ ހަނަފީ. އިމިގްރޭޝަނުން އެމީހުން ޑީޕޯޓެއް ނޫންތޯ ކުރާނީ. ދެން ކިހިނެއްތޯ ހަދާނީ. ފުލުހުން ވިދާޅުވިތޯ އެ ދެ މީހުންގެ މައްސަލަ އެބަ ބަލަމޭ. ކޯޓަކުން ބުނިތޯ އެމީހުންގެ މައްޗަށް އަމުރެއް އެބައޮތޭ. ނުބުނެ. އެހެންވީމަ އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ނުބުނަންޏާ ޑީޕޯޓު ކޮށްލާނެ،" މޫސަ ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އާދަމް ޝަރީފު ވަނީ މުސްތަގުބަލުގައި ރާއްޖޭގައި މަސްހުނި ސަގާފަތެއް އެކުލެވިދާނެތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

"ޑީޕޯޓު ކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ހައްލެއް ނޫން. އެމީހުން ފޮނުވާލި ފޮނުވާލުން އެބަޖެހޭ ތަހުގީގު ކުރަން. ކޮން ނިޔަތެއް އޮވެގެން ކޮން ބަޔަކު ފަހަތުގައި ތިބެގެންތޯ އެމީހުން ޑީޕޯޓު ކޮށްލީ އެބަޖެހޭ ބަލަން. ޑީޕޯޓު ކޮށްލުމަކީ މައްސަލައެއް ނޫން. އެކަމަކު އޭގެކުރިން އެބަޖެހޭ ދެއްތޯ ކަންތައްތަކެއް ބަލަން. އެކަންކަން ބެލުމަށްފަހު އެންމެ ފަހު ކަމަކަށް ޑީޕޯޓު ކޮށްލަން ޖެހޭނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮންޓްރޯލާގެ ވާހަކައިން ނުފޫޒެއް އުޅޭހެން ހީވޭ!؟

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކޮންޓްރޯލާ ވިދާޅުވީ އެ މަސައްކަތުގައި އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް އޭނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ވެސް ލެނބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ނުފޫޒުތަކުން އެއްކިބާވެ، އިމިގްރޭޝަން ގާނޫނޫ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ.

"އިމިގްރޭޝަން ގާނޫނޫ ފުރިހަމައަށް ތަންފީޒު ކުރާނަން.. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނީ މި ވެރިކަމުގައި. އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި،" ކޮންޓްރޯލާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ މިވާހަކަތަކާއި ގުޅޭގޮތުން "އައްޑޫލައިވް"އިން ސުވާލު ކުރެއްވުމުން އެ ސުވާލަކަށް ޖަވާބެއް ނުދެއްވިއެވެ. ފަހަރުގައި ޖަވާބު ދެއްވައިފި ނަމަ އިތުރު ގޯސްތަކެއް ވެދާނެ ކަމަށް ވެދާނެތީ ޖަވާބު ނުދެއްވީ ކަމަށް ވެދާނެއެވެ.

ނަމަވެސް ކޮންޓްރޯލާ ހަނަފީގެ މި ވާހަކަތަކުން އެނގޭ އެއް ކަމަކީ އެމަނިކުފާނަށް ކޮންމެވެސް ގޮތަކުން ޕްރެޝަރުތަކެއް އަންނަ ކަމެވެ.

"ތިއީ ވަރަށް ސީރިއަސް މައްސަލައެއް. މި ދައްކަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކޮންޓްރޯލާގެ ވާހަކަ. ކޮންޓްރޯލާއަށް ކޮން ޕްރެޝަރެއްތޯ އަންނަނީ، ބިދޭސީންގެ ޕްރެޝަރެއްތޯ ނުވަތަ އެހެން ބައެއްގެ ޕްރެޝަރެއްތޯ. އަޅުގަނޑަށް ހީވަނީ އެބަޖެހޭހެން ކޮންޓްރޯލާ އެކަން ސާފު ކޮށްދެއްވަން،"

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވިއެވެ.

މޫސާ މަނިކަށް މި ސުވާލު އަމާޒު ކުރެއްވުމުން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "ކޮންމެވެސް ބަޔަކު ހަނަފީއަށް ޕްރެޝަރެއް ނުވަތަ ބިރެއް ދައްކާތީ އެފަދައިން ވިދާޅުވާނީ. ހިއެއް ނުވޭ ސިޔާސީ ވާހަކައަކަށް ވެދާނެހެން،" މޫސަ ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގައުމީ ސަލާތަށް ނުރައްކާވާއިރު ތިން މަރުހަލާއަކަށް ދާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އޭގެތެރެއިން ވަރަށް ގިނަ ކަންކަން އިމިގްރޭޝަނަށް ވެސް ދާނެ ކަމަށެވެ.

"ފަހަރުގައި އެއީ ރާއްޖެއިން ބޭރުން އަންނަ ނުފޫޒަކަށްވެސް ވެދާނެ. ނުވަތަ އެތެރޭގެ ނުފޫޒަކަށްވެސް ވެދާނެ. ހަމަގައިމުވެސް ކޮންޓްރޯލާގެ ވާހަކައިން އަޅުގަނޑަށް ދޭހަވީ ނުރައްކާތަކެއް އެބައޮތްކަން. އެހެންކަމަށް ވާނަމަ އެމަނިކުފާނުވެސް ޖެހޭނެ ކަމާ ބެހޭ އިދާރާތަކަށް އެވާހަކަތައް ހިއްސާ ކުރަން. އެންމެން އެކައްޗެއް ކިޔައިގެން ކފަދަ ބޮޑެތި މައްސަލަތައް ހައްލު ވާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮންމެއަކަސް ދެ ބިދޭސީއަކު ޑީޕޯޓު ކޮށްލި މައްސަލާގައި އިމިގްރޭޝަނަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް މިހާތަނަށް އިމިގްރޭޝަނުން އެމީހުން ޑީޕޯޓު ކޮށްލީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެއެވެ. އަދި ކޮންޓްރޯލާވެސް އެމަނިކުފާނަށް އޮތީ ކޮން ނުފޫޒެއް ކަމާއި ބިރު ދައްކަނީ ކޮން ބައެއްކަން ވިދާޅެއްނުވެއެވެ. ނަމަވެސް އިމިގްރޭޝަންގެ އޮޕަރޭޝަނަށް ސާބަސް ދޭވަރުވެއެވެ. އެހެނެއް ކަމަކު ބޮޑެތި ކުށްވެރިންގެ މައްސަލަ ތަހުގީގު ނުކޮށް ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ނުރައްކާ ފަހުން މާ ބޮޑު ވެދާނެއެވެ.