Last Updated: April 25, 11:51
Thursday, April 25, 2024
ރިޕޯޓް

އިސްތަށިގަނޑަށްވުރެ ފުރާނަ މުހިންމު! ހެލްމެޓް އަޅަމާ!

"އެއީ ވަރަށް މަޑުން ދުއްވާ މީހެއް އަބަދުވެސް. ދުވަހަކުވެސް ނުދެކެން ބާރަށް ދުއްވާފަ ދިޔަ ތަނެއް." ހޯމަ ދުވަހުގެ ހަވީރު ވަގުތެއްގައި އައްޑޫ ސިޓީ، މަރަދޫފޭދޫ ބެންކް އޮފް މޯލްޑިވްސް ކުރިމަތިން ލިންކު ރޯޑުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވި މީހާއާއި ބެހޭ ގޮތުން އޭނާ ދަންނަ މީހަކު ކިޔާދިނެވެ.

މިކަމުން އަހަރެމެން ނަގައިގަންނަން ޖެހޭ ވަރަށް މުހިންމު ފިލާވަޅެއް އެބަ އޮތެވެ. އަނެކާ މަޑުން ދުއްވިއަސް، ތިމާ ޤަވައިދާ ޚިލާފަށް، ނުވަތަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން ތިމާގެވެސް އަދި އަނެކާގެވެސް މުޅި ހަޔާތް ބަދަލުކޮށްލާ ފަދަ އަނިޔާތަކެއް ލިބިދާނެއެވެ. އުމުރު ދުވަހު މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ގަނެފައިވާ އަގު ބޮޑު މުދަލަށް ގެއްލުން ވެދާނެއެވެ. ފުރާނައަށްވެސް ނުރައްކާވެދާނެއެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ އަހަރެމެންނާއި ވަކިވެގެންވެސް ގޮސްފައިވެއެވެ.

އެހެންކަމުން ސްޕީޑް ލިމިޓްތަކާއި ޓްރެފިކް ޤަވައިދުތައް ހެދިފައިވަނީ އަހަރެމެންގެ ރައްކާތެރިކަމަށްކަން އަހަރެމެން ދެނެގަންނަން އެބަޖެހެއެވެ. ހެލްމެޓްވެސް އަޅަން އަނގާފައި އޮންނަނީ ހަމަ އަހަރެމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަން ހަނދާންކުރަން އެބަޖެހެއެވެ.

ތަނަކަށް ދާން ލަސްވާތީ ބާރަށް ދުއްވައިގެންނާއި، އިސްތަށިގަނޑު ނުވަތަ ހުޅި ހަޑި ވެދާނެތީ ހެލްމެޓް ނާޅާ ހުރެ ދުއްވައިގެން ލިބިދާނެ ގެއްލުމަކީ އިއާދަ ނުކުރެވޭފަދަ ގެއްލުމަކަށްވުކަމީ ވަރަށް ގާތްކަމެކެވެ. ހެލްމެޓު އަޅައިގެން ހަޑިވާ އިސްތަށިގަނޑު ރީތި ކުރެވިދާނެއެވެ. އެކަމަކު ހަށިގަނޑާއި ފުރާނައަށް ލިބޭ ގެއްލުން ކުރިން ހުރިގޮތަށް އިއާދަ ކުރާނީ ކިހިނެތް ހެއްޔެވެ؟

ރާއްޖޭގައި ހިނގާ ގިނަ އެކްސިޑެންޓުތަކުގައި ގެއްލުން ލިބެނީ ބޮލަށް ނުވަތަ ސިކުނޑިއަށެވެ. ރާއްޖޭގެ ޤަވައިދުތައް އޮންނަ ގޮތުންނަމަ އާދައިގެ މަގުތަކުގައި ހެލްމެޓު އަޅާކަށް ނުޖެހެއެވެ. މިވަގުތު ހެލްމެޓު އަޅަން މަޖުބޫރުކޮށްފައި އޮތީ އައްޑޫގެ ލިންކު ރޯޑުގެ ބަޔަކާއި، ލާމު އަތޮޅު ލިންކު ރޯޑުގެ ބައެއްގެ އިތުރުން މާލެ އާއި ހުޅުމާލެ ގުޅޭ ބްރިޖު ސަރަހައްދުގައެވެ. އެހެންކަމުން މީހުން ހެލްމެޓު އަޅަނީ ހަމައެކަނި މިސަރަހައްދުން ދަތުރު ކުރާއިރުގައެވެ. ނަމަވެސް ރައްކާތެރި ގޮތަކީ ސައިކަލަކުން ދިޔަ ނަމަވެސް، އަދި ބައިސްކަލަކުން ދިޔަ ނަމަވެސް، ދުތުރު ކުރާ ހުރިހާ ވަގުތެއްގައި ހެލްމެޓް އަޅައިގެން ތިބުމެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ.

ހެލްމެޓު އެޅުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ސައިކަލު ދުއްވާ ފަރާތްތަކަށް މަޖުބޫރު ކަމެކެވެ. މަޖުބޫރު ކުރުވުމަށް ވުރެ އެއީ އެހެން ގައުމުތަކުން އަމިއްލަ ނަފްސް ސަލާމަތްކުރަން އަމިއްލައަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ވަނީ ވެފައެވެ.

އެހެން ހުރިހާ ކަމަކަށް ވުރެ ފުރާނަ އިސްކުރަން އަދިވެސް ދިވެހިންނަށް ވަނީ ޖެހިލުންވާ ކަމަކަށް ވެފައެވެ. އަމިއްލަ ސަލާމަތަކަށް އެންމެންވެސް ސައިކަލު މަތީ ހެލްމެޓު އަޅަމާތޯއެވެ؟